ކުރިއަށްއޮތް ތިން ދުވަހު (އޮކްޓޯބަރ 22، 23، 24) ރާއްޖެއަށް ވިއްސާރަ ކުރާނޭ ކަމަށް މެޓު އޮފީހުން ލަފާ ކޮށްފިއެވެ. ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދެވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ވަނީ ހާމަކުރައްވައިފައެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމަށް ސަމާލުވެލުމަށް މެޓުން ވަނީ އެދިފައެވެ.
މެޓުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. މީގެ ސަބަބުން އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރ ވިލާތަށް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުން ކަމަށް ވެސް ވަނީ ބުނެފައެވެ. "މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ" ކަމަށް މެޓުން ވަނީ ބުނެފައެވެ.





