އަންނަ ހަފުތާގައި އިސްރާއީލުގައި ބާއްވާ އިންތިޚާބުން ވެރިކަން ބަދަލުވެދާނޭ ކަމަށާއި އެހެންނަމަވެސް އީރާނާ ދެކޮޅަށްކުރަމުންދާ ހަނގުރާމައިގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނޭ ކަމަށް މުހައްލިލުން ބުނަން ފަށައިފިއެވެ.
އިސްރާއީލުގެ އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ނާކާމިޔާބުވެ އެހެން މީހަކަށް ވެރިކަން ލިބުނަސް އީރާނަކީ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި، އެގައުމާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުން އިސްކުރާނެ ކަމަށް ސަރަހައްދީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ތަޙުލީލުވެރިން ބުނެއެވެ. މީގެ އިތުރުން ފަލަސްޠީނަށް ދައުލަތެއް ލިބުމަކީ ދުރުގައިވާ ކަމެއް ކަމަށް ވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިސްރާއީލުގެ ސިޔާސަތުތައް ބިނާވެފައިވާ އަސާސީ ވިސްނުންތައް ކުރިއަށްވުރެވެސް ހަރުކަށިވެގެން ގޮސްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ޙަމަލާތަކާއި، ޣައްޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގެ ސަބަބުން ކަމަށްވެސް މުހައްލިލުން ބުނެއެވެ.
މީގެ ސަބަބުން އިސްރާއީލުގެ ސަލާމަތީ ސިޔާސަތު އިތުރަށް ހަރުކަށިވެދާނޭ ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. އެގޮތުން، ކަނާތު ފިޔައިގެ ކޯލިޝަން ބައިވެރިންގެ ތާއީދާއެކު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރުމަށާއި، ހުޅަނގު އައްސޭރީގެ މައްޗަށް އޮތް ކޮންޓްރޯލް ވަރުގަދަކުރުމަށާއި، އަދި ސިޔާސީ މަޝްވަރާތައް އެކަހެރިކޮށްލުމަށް ހިތްވަރު ލިބިގެންދާނެއެވެ. އިސްރާއީލުގެ ސަލާމަތީ ޑޮކްޓަރިން މިހާރު ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ އީރާނުގެ ބާރު ކަނޑުވައިލުން، ބޯޑަރުތަކުން ބޭރުގައި ބަފަރ ޒޯންތައް (ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް) ދެމެހެއްޓުން، އަދި ދުޝްމަނުން ދުރުހެލިކުރުމަށް ބާރުގެ ބޭނުންކުރުމެވެ.





