ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ބެޗު އިފްތިތާހު ކުރީ ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މިއީ 14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ ތަމްރީން ޕްރޮގްރާމެެކެވެ. މި ފަަހަރުގެ ބެޗުގައި ޖުމުލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެއެވެ. މި ދަރިވަރުން މާފިލާފުއްޓަށް ގޮސްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ލިބޭނެއެވެ. އަދި ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ލިބޭނެއެވެ. މީގެ އިތުރުން ތަމްރީނުގެ ތެރެއިން ކުރިއަށްގެންދާ ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ' ސެޓްފިކެޓާއި، ކޯހުގެ ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް 'ބޭސިކް ފަސްޓް އެއިޑް' ސެޓިފިކެޓް އަދި "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް 'ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ' ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބޭނޭ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.





