ރޭގަނޑުގެ ހަމަހިމޭންކަމުގައި، އެންމެން ނިދާފައި ތިއްބާ ތިބާ އެކަނި މާއެކަނި އިނދެ، ތިބާގެ އަމިއްލަ ނަފުސާއި ނިކަން ސުވާލުކޮށް ބަލާށެވެ. އަހުރެންނަކީ ކާކު ހެއްޔެވެ؟ މި ޖިސްމު ހެއްޔެވެ؟ މި މޫނު ހެއްޔެވެ؟ މި ދެލޯ ހެއްޔެވެ؟ ނުވަތަ މި ދެއަތް ހެއްޔެވެ؟ ނުވަތަ މި ހުރިހާ އެއްޗެއްގެ ތެރޭގައި ހިމެނޭ އެހެން ޙަޤީޤަތެއް ހެއްޔެވެ؟
ނިކަން ވިސްނާލަބަލާށެވެ. ޤުދުރަތީ މަރަކުން މީހަކު މަރުވާހިނދު، އޭނާގެ ހަށިގަނޑުގެ ހުރިހާ އެއްޗެއް ހަމައަށް ބަރާބަރަށް ހުރެއެވެ. ދެލޮލާއި، ހިތާއި، ސިކުނޑިއާއި، ދެއަތާއި، ދެފަޔާއި، އަދި އެހެން ހުރިހާ ގުނަވަންތަކެއްވެސް މެއެވެ. އެހެންކަމަށްވާ ނަމަ، ހަށިގަނޑުން ނުކުމެގެން ދަނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭގެ ސަބަބުން ވާހަކަ ދައްކާ ދައްކާ ހުރި މީހަކު ހިމޭންވެއެވެ. ހިނގަ ހިނގާ ހުރި މީހަކު ކުއްލިއަކަށް ހުއްޓެއެވެ. ލޮލަށް ފެންނަ މީހެއްގެ ފެނުމުގެ ޙިއްސު ކެނޑިގެންދެއެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ ތިބާގެ ފުރާނައެވެ. އެއީ އިންސާނާގެ އަސްލު ޙަޤީޤަތެވެ.
އިންސާނާގެ ޖިސްމަކީ ހަމައެކަނި ލިބާހެކެވެ. އެއީ، ވަގުތީ ބޯހިޔަލެކެވެ. އެއީ ހަމައެކަނި ސަވާރީއެކެވެ. އަސްލު މުސާފިރަކީ ފުރާނައެވެ. ފުރާނައަކީ، މާތް الله ގެ ސިއްރުތަކުގެ ތެރޭގައި ހިމެނޭ ބޮޑުވެގެންވާ ސިއްރެއް ކަމުގައި އަންގަވައި، ކީރިތި ޤުރުއާނުގައި ވަނީ އިޢުލާން ކުރައްވާފައެވެ. ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 85 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ. وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًۭا (٨٥) މާނައީ: "ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ."
ސައިންސް ވަނީ ކަނޑުތައް ތަޙުލީލުކޮށް މިންކޮށްފައެވެ. އުޑުތަކާއި ކައުނުގެ ބޮޑުކަމާއި، ފުޅާކަން ހޯދައިފިއެވެ. އިންސާނާ ހަނދުގައި ފައިތިލަ ޖައްސައިފިއެވެ. އިންސާނާގެ ޖިސްމުގެ އެންމެ އެތެރޭގައިވާ ސެލްތަކާ ހަމައަށް ވާސިލުވެއްޖެއެވެ. އެކަމަކު، ފުރާނައަކީ ކޮން އެއްޗެއް ހެއްޔެވެ؟ މިއަދުވެސް، އެ ސުވާލުގެ ކުރިމަތީގައި ސައިންސު ވަނީ ހިމޭންކަމާއެކު ހުއްޓުން އަރާފައެވެ. އެއްވެސް މައިކްރޯސްކޯޕަކަށް ނުވަތަ އެއަށްވުރެ ކުރިއަރާފައިވާ އެހެން އާލާތަކަށްވެސް، ފުރާނަ ފެނިފައި ނުވެއެވެ. އެއްވެސް މެސެނަކަށް ފުރާނަ މިންކުރެވޭނޭ ގޮތެއް ނެތެވެ. އެއްވެސް ލެބޯޓްރީއަކަށް ފުރާނަ ހޯދައި، ޤައިދުކުރެވޭނޭ ގޮތެއް ނެތެވެ. ޑޮކްޓަރުންނާއި، ނަރުހުން ބަލަބަލައި ތިއްބައި، ހިތުގެ ވިންދު އަންގައިދޭ މޮނީޓަރުން ފެންނަ ރޮނގު، ސީދާ ތެދު ރޮނގަކަށް ބަދަލުވެއެވެ.
ސަބަބަކީ ފުރާނައަކީ، ވެލިން އުފައްދަވާފައިވާ މި ދުނިޔޭގެ އެއްޗެއް ނޫނެވެ. އެއީ ޣައިބުގެ ދުނިޔޭގެ ސިއްރެކެވެ. ދިރުމެއް ނެތް މަސްކޮޅެއް މަންމަގެ ބަނޑުގައި އޮތްވާ، الله ގެ އަމުރުފުޅަށް އެ މަސްކޮޅަށް ފުރާނަ އަޅުއްވައެވެ.
އަދި ކުއްލިއަކަށް ދިރުން ފެށިގެންދެއެވެ. ހިތް ތެޅެން ފަށައެވެ. ޖިސްމު ޙަރަކާތްތެރިވާން ފަށައެވެ. ދުނިޔެ ދުށުމަށްޓަކާ ދެލޯ ތައްޔާރުވާން ފަށައެވެ. އަދި އެއަށްފަހު ދިރިއުޅުމުގެ ދަތުރު ފެށެއެވެ. އެކަމަކު، ހިތާމައަކީ އިންސާނާ މުޅި ޢުމުރު ދުވަހު އޭނާގެ ޖިސްމު ރިވެތިކުރުމުގައި އަވަދިނެތި އުޅެއެވެ. އޭނާގެ ފުރާނައިގެ މަތިން އޭނާ ހަނދާން ނައްތާލައެވެ. އޭނާގެ ޖިސްމު ދޮވެ ސާފުކުރެއެވެ. އެކަމަކު، އޭނާގެ ފުރާނަ ދޮވެ ސާފެއް ނުކުރެއެވެ. އޭނާގެ ޖިސްމުގައި ހުވަނދުލައި މީރުވަސް ދުއްވައެވެ. އެކަމަކު، އޭނާގެ ފުރާނައިގައި ހުވަނދެއް ނުލައެވެ. އޭނާ އުޅޭ ގޭތެރެ ސާފުތާހިރުކޮށް ބަލަހައްޓައެވެ. އެކަމަކު، އޭނާގެ ހިތް ސާފުތާހިރުކޮށް ނުބަލަހައްޓައެވެ.
އޭނާ ލާ ހެދުމުގައި ލަފެއް ޖެހިއްޖެނަމަ، އެކަން އޭނާއަކަށް ތަޙައްމަލެއް ނުކުރެވެއެވެ. އެކަމަކު، އޭނާގެ ފުރާނައިގައި ފާފަތަކުގެ ކިތަންމެ ބައިވަރު ލައްތަކެއް ހުއްޓަސް، އޭނާ ކަންބޮޑެއް ނުވެއެވެ.
ނިކަން ވިސްނާލަބަލާށެވެ! ތިބާ ކޮންމެ ދުވަހަކު ފެންވަރަމުއެވެ. ތިބާގެ ޖިސްމު އޮފުކުރަމުއެވެ. ބޮލުގެ އިސްތަށިގަނޑު އެކިއެކި ފޭޑިއަށް ފުނާއަޅައި ރީތިކުރަމުއެވެ. ތިބާ ހެދުން ބަދަލުކުރަމުއެވެ. އެކަމަކު ބުނެބަލާށެވެ. އެންމެ ފަހުން ތިބާގެ ފުރާނަ ދޮވެ ސާފުކުރީ ކޮން އިރަކު ހެއްޔެވެ؟ އެންމެފަހުން އިޚުލާސްތެރި ހިތަކާއެކު ތައުބާވީ ކޮން އިރަކު ހެއްޔެވެ؟ އެންމެފަހުން އެކަނި އިނދެ ތިބާގެ ފާފަތަކުގެ މައްޗަށް ރޮއި، ހިތާމަކޮށް ކަރުނައެޅީ ކޮން އިރަކު ހެއްޔެވެ؟ ޙަޤީޤަތަކީ މިއީއެވެ. މިއަދު ގިނަ ބަޔަކު ނުކުމެ އުޅެނީ ސާފު ޖިސްމުތަކަކާ އެކުގައެވެ. އެކަމަކު އެމީހުންގެ ފުރާނަތައް ވަނީ ނަޖިހުގެ ތެރެއަށް ޣަރަޤުވެފައެވެ. ގިނަ މޫނުތަކުން ފެންނަނީ މަސްނޫއީ އުޖާލާކަމެވެ. އެކަމަކު، އެމީހުންގެ ހިތްތަކުގައި ވަނީ ދަމިލަޖަހާފައެވެ. ގިނަ ބަޔަކު އުޅެނީ ހުވަނދުލައި މީރުވަސް ދުއްވައިގެންނެވެ. އެކަމަކު، އެމީހުންގެ ފުރާނަތައް ވަނީ ފާފަތަކުގެ ކުނިވަހުން ތަޣައްޔަރު ވެފައެވެ.
ޙަސަދަވެރިކަން ފުރާނަ ކައި ހުސްކޮށްލައެވެ. ބޮޑާކަމާއި، ކިބުރުވެރިކަން ފުރާނަ ކަޅު ދެލިގަނޑަކަށް ހަދައިލައެވެ. ދޮގުތައް ފުރާނަ ޒަޚަމުކޮށްލައެވެ. ނެތިމޮށުމުގެ ސަބަބުން ފުރާނައިގައި ދުވަނީ ކުނިވަހެވެ. ނުކިޔަމަންތެރިކަން ފުރާނަ ބަލިކޮށްލައެވެ. އަދި އެންމެ ނުރައްކާތެރި ބައްޔަކީ ޣަފުލަތެވެ. ޣަފުލަތަކީ ތިބާގެ ފުރާނައިގެ މަތިން، ތިބާ ހަނދުމަނެތި ކުރުވާ ކަމެކެވެ. ދެން އެއްދުވަހަކުން ތިބާގެ ގާތަށް މަރު އާދެއެވެ. އެވަގުތުކޮޅަކީ، އެއިން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނޭ ވަގުތުކޮޅެވެ. އެވަގުތު މަރުގެ މަލާއިކަތާ ވަޑައިގެން ތިބާގެ ފުރާނަ، ހަށިގަނޑާ ވަކިކުރައްވަތެވެ. އެވަގުތު ތިބާގެ ހުރިހާ މުއްސަނދިކަމެއް ތިބާއާ ވަކިވެއެވެ. ތިބާގެ ހުރިހާ ބާރެއް ތިބާއާ ވަކިވެއެވެ. ތިބާގެ ހުރިހާ ޝުހުރަތެއް ތިބާއާ ވަކިވެއެވެ. ތިބާއާއެކު ބާކީ އޮންނާނީ ހަމައެކަނި ތިބާގެ ފުރާނައެވެ. އަދި އެ ފުރާނައާއެކު ދުނިޔެމަތީގައި ތިބާ ކުރި ޢަމަލުތަކެވެ. ތިބާގެ ފުރާނަ ނެތް ޖިސްމު ކައިރީގައި، އަނބި ދަރިންނާއި، ގާތްތިމާގެ މީހުންނާއި، އެކުވެރި ރަޙުމަތްތެރިން ތިބޭނެއެވެ. އެމީހުން ތިބާގެ ވަށައިގެން ތިބެ ރޯނެއެވެ. ހިތާމަ ކުރާނެއެވެ. އެކަމަކު، ތިބާގެ ފުރާނަވީ މުޅިން އާ ދަތުރަކަށް ނިކުމެއެވެ. އެ ދަތުރަކީ ބަރުޒަޚުގެ ޢާލަމަށް ކުރާ ދަތުރެވެ. އެތަނުގައި ބޭންކް ބެލެންސެއްގެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ. އަދި މަޤާމެއްގެ ބޭނުމެއްވެސް ނުއޮންނާނެއެވެ. އަދި ޝުހުރަތުގެ ބޭނުމެއްވެސް ނުއޮންނާނެއެވެ. އެތަނަށް ހަމައެކަނި ގެންދެވޭނީ ތިބާގެ ޢަމަލުތަކެވެ.
ވިސްނާލަބަލާށެވެ. މިއަދު ތިބާގެ ފުރާނަ ތިބާގެ ކުރިމައްޗަށް ގެނެވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެ ފުރާނައަށް ބަލަން ބޭނުންވާނެ ހެއްޔެވެ؟ ތިބާގެ ފުރާނަ އުޖާލާވާނެ ހެއްޔެވެ؟ ނުވަތަ ތިބާގެ ފުރާނަ ވަނީ ފާފަތަކުގެ ލައްތަކުން ފުރިފައި ހެއްޔެވެ؟ ތިބާގެ ފުރާނަ ވަނީ الله އާ ބައްދަލުކުރަން ކެތްމަދުވެފައި ހެއްޔެވެ؟ ނޫނީ ތިބާގެ ފުރާނަ ބިރުން ތުރުތުރު އަޅަނީ ހެއްޔެވެ؟ އޭ އިންސާނާއެވެ. ޖިސްމުގެ ސާފުތާހިރުކަމަކީ ރަނގަޅު ކަމެކެވެ. އިސްލާމްދީން ވެސް ވަނީ ސާފުތާހިރުކަމަށް ބާރުއަޅައި، އެކަން ކުރާނެ ގޮތް ދަސްކޮށްދީފައެވެ. އެކަމަކު، ތިބާގެ ފުރާނައަކީ، ތިބާގެ ޖިސްމަށް ވުރެ މާއަގުބޮޑު އެއްޗެކެވެ. ޖިސްމު ވެއްޔާއެކުވެ ދެތިން އަހަރުފަހުން ނެތި ފަނާވެގެން ހިނގައިދާނެއެވެ. އެކަމަކު ފުރާނަ ތާއަބަދަށް ދެމި ހުންނާނެއެވެ. އެހެންކަމުން ޖިސްމުގެ މޫނުބަލާ ލޯގަނޑު ކުރިމަތީ ހުއްޓުމުގެ ކުރިން، ފުރާނައިގެ މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލާށެވެ. އަދި ތިބާގެ ހިތަށް ބަލާށެވެ. ތިބާގެ ފާފަތަކަށް ބަލާށެވެ. ތިބާގެ ޣަފުލަތު ދެނެގަންނާށެވެ. ތިބާގެ ފުރާނަ އިޚުލާސްތެރި ތައުބާއަކުން ދޮވެލާށެވެ. ޤުރުއާނުން ތިބާގެ ފުރާނަ ރޯޝަންކުރާށެވެ. ޒިކުރުތަކުން ތިބާގެ ފުރާނަ ދިރުވާށެވެ. ސަޖިދަތަކުން ތިބާގެ ފުރާނަ ޠާހިރުކުރާށެވެ. މީސްތަކުން ތިބާގެ ފުރާނަނެތް ޖިސްމު ހިނެވުމުގެ ކުރިން ތިބާގެ ފުރާނަ އަމިއްލައަށް ޠާހިރުކުރާށެވެ. ތިބާގެ ނަން ހަމައެކަނި ހަނދާނަކަށް ވުމުގެ ކުރިން، ތިބާގެ ފުރާނަ، އެ ފުރާނައިގެ ވެރި އިލާހާއި ކުއްތަން ކުރާށެވެ. ސަބަބަކީ އެއްދުވަހަކުން މި ޖިސްމު ވެލީގެ ތެރޭގައި ތާއަބަދަށް ނިދާލާނެއެވެ. ދެލޮލުގެ ފެނުން ގެއްލި، މި ދެ ލޯ ބަންދުވާނެއެވެ. މި ދޫ ހިމޭންވެގެން ދާނެއެވެ. މި ހިތުގެ ތެޅުން ހުއްޓޭނެއެވެ. އެކަމަކު ފުރާނަ، އެ ފުރާނައިގެ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައި ހުއްޓި ހުންނާނެއެވެ. އެދުވަހަށް ތިބާ ތައްޔާރު ހެއްޔެވެ؟





