ދިވެހި|English Oct 25, 2026 · 18:31
Top banner
Advertisement
ނަޞްރުގެ ދުވަހުގެ ހަރަކާތްތައް އެމްއެންޑީއެފުން ފަށާނީ ފަތިސް ނަމާދުން
News

ނަޞްރުގެ ދުވަހުގެ ހަރަކާތްތައް އެމްއެންޑީއެފުން ފަށާނީ ފަތިސް ނަމާދުން

ހިރި ނިއުސްހިރި ނިއުސްOct 25, 2026

 މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި، އެ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 މީގެއިތުރުން، ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

 ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން، ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދާނެއެވެ.

 ހަމައެއާ އެކު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހއ.ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ. މި ހަރަކާތްތައް ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14ވަނަ ދުވަހުއެވެ. އަދި، މި ހަރަކާތްތައް ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21ވަނަ ދުވަހުއެވެ.

-އެމްއެންޑީއެފް

 

Related News