ދިވެހި|English Oct 26, 2026 · 23:54
Top banner
Advertisement
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ، އޮންނާނީ ނޮވެންބަރު ނަވާރާގައި
News

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ، އޮންނާނީ ނޮވެންބަރު ނަވާރާގައި

ހިރި ނިއުސްހިރި ނިއުސްOct 26, 2026

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވެސް މި ޖަލްސާގައި އޮންނާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ދެއްވާނެއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

Related News