ދިވެހި|English Oct 26, 2026 · 23:50
Top banner
Advertisement
ފުނަދޫ އަލިފާން: އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފިށ. ފުނަދޫ ގައި ރޯވި ތެޔޮޝެޑު/ ފޮޓޯ އެމްއެންޑީއެފް
News

ފުނަދޫ އަލިފާން: އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި

މމުހައްމަދު އަލީOct 25, 2026

"މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދެން. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވެފައިވެއެވެ. އަނިޔާވި މީހުންގެ ލޮބުވެތި ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އަލިފާނުގެ މި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކުގައި ކަމަށެވެ. "މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން،" ރައީސް ވިދާޅުވެފައިވެއެވެ.

ކުއްލިއަކަށް ދިމާވި އުނދަގޫ މިޙާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް، ތިޔަދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށް، ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

Related News