ދިވެހި|English Oct 29, 2026 · 08:21
Top banner
Advertisement
އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ މަޝްރޫޢުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމުން: ރައީސް
News

އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ މަޝްރޫޢުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމުން: ރައީސް

ހިރި ނިއުސްހިރި ނިއުސްOct 28, 2026

ދެެހާސް ހަތާވީސް ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފަށައިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

 އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަދަމާ މަޖިލީހަށް ހުށަހެޅުމަށް ވަނީ ތައްޔާރުވެފައެވެ. "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ.  

އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، ފުރަތަމަ އިސްކަން ދެއްވީ އެކަމުން ޤައުމު ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

 ހަމަމިއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ކަމެއްކަމަށެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަށް ގެންނަ  އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗަރ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް ރައީސް ކަށަވަރުކޮށްދެއްވިއެވެ.

 ބޭރު ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަމުން އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.  މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށްގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމާއި، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.

Related News