ދިވެހި|English Nov 5, 2026 · 03:08
Top banner
Advertisement
ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
News

ތ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހިރި ނިއުސްހިރި ނިއުސްNov 4, 2026

ކޮޅުމަޑުލު ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ރާއްޖެއާއި ކުވެއިތު ފަންޑާއެކު މިއަދު ސޮއިކޮށްފިއެވެ.

 ސޮއިކުރުމުގެ ރަސްމިއްޔާތުއޮތީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައެވެ. މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރެވެ. ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަދި ކުވެއިތު ފަންޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ޖުމްލަ 3 މިލިއަން ކުވައިތީ ދީނާރުގެ ލޯނު އެއްބަސްވުމެކެވެ. އެއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަރީރު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑުން ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ހިންގި ކޮންމެ މަޝްރޫޢަކާއި އައު ޓާމިނަލްގެ ބިޔަ މަޝްރޫޢާއި، ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ ޤައުމީ މުހިންމު މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ތ. ވޭމަންޑޫގައި މި ހޮސްޕިޓަލް ޤާއިމު ކުރުމަށް މި ލޯނު އެއްބަސްވުން ހަމަޖެހިގެން ދިޔައީ ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ކޮންމެ އަހަރަކަށް ކަނޑައަޅާފައިވާ 10 މިލިއަން އެމެރިކާ ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުން ކަމަށް މާލާ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ހަމައެކަނި ޢިމާރާތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށާއި، މިއީ ދިވެހި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އިތުރުން، ޤައުމުގެ މުސްތަޤްބަލުގެ ފާގަތިކަމަށްޓަކައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން ފެންވަރު ރަނގަޅު، ހަމަހަމަ ޞިއްޙީ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުވައިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް ވިދާޅުވީ، މިއީ އެ ފަންޑުން ދިވެހިރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، 1976 ވަނަ އަހަރު ވެވުނު ފުރަތަމަ އެއްބަސްވުމާއެކު އެ ފަންޑުން ރާއްޖޭގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރަން ފެށިތާ 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި 185 މިލިއަން އެމެރިކާ ޑޮލަރުގެ 14 ލޯނެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީތެރިކަމުގެ ގޮތުގައި 5.7 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެންމެ އިސްކަންދޭ ދާއިރާތަކަށް އެއްބާރުލުން ދެއްވުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން އަލްބަދަރް ވިދާޅުވީ، އަލަށް ޢިމާރާތްކުރެވޭ މި ހޮސްޕިޓަލް ވެގެންދާނީ މުޅި އެ ސަރަޙައްދަށްވެސް އިތުބާރުހުރި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ މުހިންމު މަރުކަޒަކަށް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ލާމަރުކަޒީ އުޞޫލުން ސެކަންޑަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި މި ޚިދުމަތްތަކުގެ ފައިދާ އެ އަތޮޅުގެ އާބާދީގެ އިތުރުން އެ އަތޮޅަށް ޱޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިގެންދާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި އިޙްތިރާމުގެ ބައްދަލުވުމުގައި، އަލްބަދަރް ވިދާޅުވީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ ޒަރީރު އެދިލައްވާފައިވާ އެދިލެއްވުންތަކަށް ރިޢާޔަތްކުރައްވައި، މިއަންނަ އަހަރުން ފެށިގެން ރާއްޖޭއަށް ކަނޑައަޅުއްވާފައިވާ އެނުއަލް ކަންޓްރީ ލިމިޓު ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެ ފަންޑުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރު ކުރިއަށްގެންދާނެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިނޭންސްކުރެވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޒަރީރު އެދިލައްވާފައިވާކަމުން، އެކަމަށް އިޖާބަދިނުމުގެ ގޮތުން އެކަމާގުޅޭ އެންމެހާ ކަންކަމުގެ މަޝްވަރާތަކާއި ތައްޔާރީތައް މިހާރުން މިހާރަށް ފައްޓަވާނެކަމަށްވެސް އަލްބަދަރް ވިދާޅުވިއެވެ.

 

Related News