ދިވެހި|English Nov 15, 2026 · 05:18
Top banner
Advertisement
އިމާމް ބުޚާރީ އަވަހާރަވީ ކިހިނެއް؟
Report

އިމާމް ބުޚާރީ އަވަހާރަވީ ކިހިނެއް؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫNov 14, 2026

ބައެއްފަހަރު، ތާރީޚު އަހުރެމެންނަށް ބުނެދޭ ގޮތުގައި ޙައްޤުގެ މަގުގައި ޖިހާދުކުރާ މީހުންގެ ޙަޔާތަކީ ހަމައެކަނި ޢިއްޒަތާއި، ޝުހުރަތާއި، އަދި ކާމިޔާބީގެ ނަމެއް ނޫނެވެ.

ބައެއްފަހަރު، ގާތް މީހުންނާ ވަކިވާން އެމީހުންނަށް ޖެހިދެއެވެ. ބައެއްފަހަރު އަމިއްލަ ވަޒަން ދޫކޮށް ދާން އެމީހުންނަށް ޖެހިދެއެވެ. ބައެއްފަހަރު، އެމީހުންގެ ލޯބިވާ ޢިލްމީ ޒަޚީރާ ޖަމާކުރުމުގެ ވަގުތުވެސް އެމީހުންނަށް ނުލިބިދެއެވެ. އަދި ބައެއް ފަހަރު ދަތުރުގެ މަންޒިލަށް ވާސިލުވުމުގެ ކުރިން، ދަތުރުމަތީގައި الله ގެ ޙަޟުރަތަށް އެމީހަކު ދަތުރުކުރަންވެސް ޖެހިދެއެވެ. އިމާމު މުޙައްމަދު ބިން އިސްމާޢީލް އަލްބުޚާރީގެ ޙަޔާތްޕުޅުވެސް ދިޔައީ މިފަދަ ގަބޫލުކުރަން ދަތި އެތައް އިމްތިޙާނުތަކެއްގެ ތެރެއިންނެވެ.

ޞަޙީޙު ބުޚާރީއަކީ ކީރިތި ޤުރުއާނަށް ފަހު އިސްލާމީ އުންމަތުގައި އެންމެ އިތުބާރުކުރެވޭ އެއް ފޮތެވެ. އިސްލާމީ އުއްމަތަށް އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވި އިމާމު ބުޚާރީ، އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްކޮޅުތަކުގައި ތަކުރާރުކޮށް ވަޠަން ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުމާއި، އަނިޔާވެރިކަމާއި، އަދި ދެކޮޅުވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އިމާމް ބުޚާރީ ނިޝާޕޫރަށް ވަޑައިގަތުމުން، އެސަހަރުގައި އޭނާގެ ޢިލްމީ މަޤާމު ވަރަށް މަތިވެރިވިއެވެ. އޭނާ ޙަދީޘް ކިޔަވައިދެއްވާ ދައުރާތަކަށް މީސްތަކުން ޖަމާވާން ފެށިއެވެ. އެކަމަކު، ވަގުތާއެކު ޚިޔާލުތަފާތުވުންތަކާއި، ހަސަދަވެރިކަން ވެސް އެތަންތަނަށް ވެރިވިއެވެ.

އެކިއެކި ރިވާޔަތްތަކުގައި ވާރިދުވެފައިވާ ގޮތުގައި، އިމާމު ބުޚާރީއަށް ވެސް އަމީރުންނާއި، އެމީހުންގެ ދަރިންގެ ގަނޑުވަރުތަކަށް ވަޑައިގެން އެމީހުންނަށް ޢިލްމު އުނގަންނައި ދެއްވުމަށް އަމުރުކުރެވުނެވެ. ނަމަވެސް އިމާމު ބުޚާރީ އެ ހުށަހެޅުއްވުންތައް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި، ޢިލްމުގެ އަހުލުވެރިންގެ ގާތަށް ޢިލްމު ހޯދުމަށް އަންނަން ޖެހޭނީ އެހެން މީހުންނެވެ. އެންމެފަހުން ޙާލަތު ގޯސްވެ ނީޝާޕޫރު ދޫކޮށް ވަޑައިގަންނަވަން އޭނާއަށް ޖެހިވަޑައިގަތެވެ. އަދި އޭނާގެ އުފަން ރަށް، ބުޚާރާއަށް އެނބުރި ވަޑައިގެންނެވިއެވެ.

ބުޚާރާގެ ރައްޔިތުން އޭނާއަށް އަޖައިބު ކުރުވަނިވި މަރުޙަބާއެއް ކިޔުއްވިއެވެ. ދަރިވަރުންނާއި، އާންމުން އޭނާގެ ދައުރާތަކަށް ޖަމާވާން ފެށިއެވެ. އޭނާގެ ޢިލްމީ މަޖިލިސްތަކަށް ޖަމާވާ މީހުން ގިނަވެ، އެހެން ބައެއް ޢިލްމުވެރިންގެ ދައުރާތަކަށް އޭގެ އަސަރުކުރިއެވެ. އެތަނެއްގައި ޝުހުރަތު އޮންނަ ކޮންމެ ތަނެއްގައި ބައެއް ފަހަރު ޙަސަދަވެރިކަން އުފަންވާ ގޮތް މެދުވެރިވެއެވެ. އެންމެފަހުން، އޭނާގެ އުފަން ސަހަރު، ބުޚާރާ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. މާކަގިނަ ދުވަހެއް ނުވެ ޙާލަތު އިތުރަށް ގޯސްވިއެވެ. އިމާމް ބުޚާރީއަށް، ބުޚާރާއިން ފުރާވަޑައިގަތުމަށް އަމުރުކުރެވުނެވެ. އެ އަމުރު އައީ ކުއްލިއަކަށެވެ. އެހެންކަމުން، އޭނާގެ ފޮތްތައް ޖަމާކުރައްވައި، ތަރުތީބު ކުރެއްވުމަށް ވެސް ރަނގަޅަށް ވަގުތު ލިބިވަޑައި ނުގެންނެވިއެވެ.

އިމާމު ބުޚާރީ، ބުޚާރާ ދޫކުރައްވައި ސަހަރުން ބޭރުގައި ހުރި ފޭލިގެއެއްގައި ކުޑަދުވަސްކޮޅަކު މަޑުކުރެއްވިއެވެ. އަދި، ފޮތްތައް އިންތިޒާމު ކުރައްވަމުން ގެންދެވިއިރު، ދެން ވަޑައިގަންނަވާނެ ތަނެއްވެސް ސާފުކޮށް އެނގިވަޑައި ނުގެންނެވިއެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅުތައް ޖަމާކުރެއްވުމާއި، ދިރާސާކުރެއްވުމާއި، ރައްކާތެރި ކުރެއްވުމުގައި މުޅި ޢުމުރުފުޅު ހޭދަކުރެއްވި ޢިލްމުވެރިޔަކު އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރުތަކުގައި ސަހަރުން ބޭރުގައި ހުރި ފޭލިގެއެއްގައި ފޮތްތައް ހިއްޕަވައިގެން އިށީނދެވަޑައިގެން އިންނެވިއެވެ. އެ މަންޒަރުން ތާރީޚުގެ ޞަފުޙާތަކަށް ދޫކޮށްލަނީ ހިމޭން ނަމަވެސް ވަރަށް މާނަ ފުން ސުވާލެކެވެ. މިދުނިޔޭގައި ޢިއްޒަތާއި، ނިކަމެތިކަމަކީ ކިހާ ވަގުތީ ކަމެއް ހެއްޔެވެ؟

އެއަށްފަހު، އިމާމް ބުޚާރީ ސަމަރުޤަންދަށް ވަޑައިގަތުމަށް ނިކުމެވަޑައިގެންނެވިއެވެ. އެކަމަކު، އެ ސަހަރަށް ވަދެވަޑައިގަތުމުގެ ބަދަލުގައި، ޚިޔާރުކުރެއްވީ ގާތްތިމާގެ މީހުންނާއެކު ކައިރީގައި އޮތް އަވަށެއް ކަމަށްވާ ޚަރުތަންގުގައި މަޑުކޮށްލެއްވުމަށެވެ. އިމާމު ބުޚާރީއާ އެކު، އިބްރާހިމް ބިން މަޢުޤުލްވެސް ހުންނެވިއެވެ. އެ ހިސާބުން، ފަހަރެއްގައި އޭނާއަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނެވިދާނެކަމަށް އުއްމީދު ކުރެއްވިއެވެ. އެކަމަކު، ކުރިމަތިވެ ވަޑައިގެންނެވި އިމްތިޙާނުތަކަށް ނިމުމެއް ނައެވެ. ސަމަރުޤަންދުގެ ކަމާބެހޭ ފަރާތްތަކުން ވެސް، އެރަށް ދޫކުރައްވާ ވަޑައިގަތުމަށް އަމުރު ކުރިއެވެ. އަދި އެ އަމުރު އައީ ފިޠުރު ޢީދު ވިލޭ ރޭގައެވެ. އެ ރަށުގައި މަޑުކުރައްވައި ޢީދު ނަމާދު ކުރެއްވުމުގެ ފުރުޞަތުވެސް ނުދެއްވިއެވެ. އަމުރު އައީ، އެރެއިން އެރެއަށް، އެ ރަށް ދޫކުރައްވައި ވަޑައިގަތުމަށެވެ. އޭނާގެ ސަބަބުން އޭނާގެ ގާތްތިމާގެ މީހުންނަށް ކޮންމެވެސް ވަރެއްގެ ތަކުލީފުތަކެއް ކުރިމަތިވެދާނެތީ އިމާމު ބުޚާރީ ބިރުފުޅުގެން ވަޑައިގެންނެވިއެވެ.

އެހެންކަމުން، ވަގުތުން ދަތުރުފުޅުގެ ތައްޔާރީތައް ފެއްޓެވިއެވެ. އިބްރާހިމް ބިން މަޢުޤުލް، އިމާމް ބުޚާރީގެ ފޮތްތައް ޙިމާރެއްގެ މައްޗަށް އަރުވައި، އަނެއް ޙިމާރުގެ މައްޗަށް އިމާމު ބުޚާރީ ސަވާރުވެ ވަޑައިގެންނެވިއެވެ. ދެން އެ ދެބޭކަލުން ގެކޮޅުން ނިކުމެވަޑައި ގެންނެވިއެވެ. އެއީ، އިމާމް ބުޚާރީގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދަތުރުފުޅު ކަމުގައި ވެދާނެކަމަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. ވިއްސަކަށް ފިޔަވަޅު ކުރިއަށް ވަޑައިގެންނެވުނު ތަނާ އިމާމް ބުޚާރީއަށް ވަރުބަލިފުޅުކަން އިހުސާސްވެ ވަޑައިގަތެވެ. އަދި، އިބްރާހިމް ބިން މަޢުޤުލް ގާތު އިރުކޮޅަކު އަރާމުކޮށްލެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އެއަށްފަހު މަގުގެ އެއްފަރާތެއްގައި އިށީނދެ ވަޑައިގެންނެވިއެވެ. އަދި، އަވަހާރަފުޅު ލެއްޕެވިއެވެ. ކުޑައިރުކޮޅެއް ފަހުން އިބްރާހިމް ބިން މަޢުޤުލް، އިމާމު ބުޚާރީ ހޭފުޅުލެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އެކަމަކު، އޭރު އިމާމް ބުޚާރީގެ ފުރާނަފުޅުވީ، އެ ފުރާނަފުޅުގެ ވެރި އިލާހުގެ ޙަޟުރަތަށް ދަތުރު ކުރައްވާފައެވެ.

އިމާމު ބުޚާރީ މި ފަނާވެދަނިވި ދުނިޔެ ދޫކުރެއްވީ، ޙިޖުރައިން 256 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެކެއްވީ، ފިތުރު ޢީދު ވިލޭރޭގައެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގެ ޚިދުމަތުގައި މުޅި ޢުމުރުފުޅު ހޭދަކުރެއްވި ޢިލްމުވެރިއަކު، އެއް ސަހަރުން އަނެއް ސަހަރަށް، އެއް ރަށުން އަނެއް ރަށަށް ހިޖުރަ ކުރެއްވުމަށް މަޖުބޫރު ކުރެވުނެވެ. އަދި، އޭނާގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދަތުރުފުޅުގައި، ދަތުރުފުޅު ކުރެއްވި މަގުމަތީގައި އަވަހާރަވީއެވެ. އިމާމު ބުޚާރީގެ ފުރާނަފުޅު، އެ ފުރާނަފުޅުގެ ވެރި އިލާހުގެ ޙަޟުރަތަށް ދަތުރުފުޅު ކުރެއްވީއެވެ.

އެއީ، ތާރީޚުގެ އާދަޔާ ޚިލާފު ފައިޞިލާއެކެވެ. ޒަމާންތައް ފާއިތުވަމުން ދިޔައެވެ. އިމާމު ބުޚާރީއަށް އެއް ސަހަރުން އަނެއް ސަހަރަށް، އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރެއްވުމަށް މަޖުބޫރުކޮށް، އަމުރުކުރި ވެރިންގެ ވާހަކަ ތާރީޚުގެ ސަފުޙާތަކުގައި ވަނީ ލިޔެވިފައެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް މިއަދު އެމީހުންނަކީ ކޮންބައެއްކަމެއް ނޭނގެއެވެ. ތާރީޚު އެމީހުންގެ މަތިން ހަނދާނެއް ނެތެވެ.

އެކަމަކު، މުޙައްމަދު ބިން އިސްމާޢީލް ބުޚާރީ رحمه الله ގެ ނަންފުޅުތޯއެވެ؟ މިއަދުވެސް ދުނިޔޭގެ އެތައް މިލިއަން މުސްލިމުން އޭނާގެ ނަންފުޅު ހަނދާންކުރަނީ ލޯތްބާއި، އިޙުތިރާމާއެކުގައެވެ. އެއީ، ތާރީޚުގެ އާދަޔާ ޚިލާފު ފިލާވަޅެކެވެ. ވެރިކަމުގެ އާރާއި، ބާރުގައި މީސްތަކުންގެ މައްޗަށް އަމުރު މަޢުރޫފް ހިންގޭނީ ކުޑަ ދުވަސްކޮޅަކަށެވެ. އަދި، އެބައެއްގެ ޒިކުރާ އައުކުރެވޭނީ ކޮންބައެއްގެކަން ނިންމާނީ ޒަމާނެވެ.

އިމާމް ބުޚާރީ ގަނޑުވަރުތަކަކަށް އެދިވަޑައެއް ނުގަންނަވައެވެ. ވެރިކަމަކަށް އެދިވަޑައެއް ނުގަންނަވައެވެ. ދުނިޔަވީ މަޤާމުތަކަކަށް އެދިވަޑައެއް ނުގަންނަވައެވެ. މުދަލާއި، ފައިސާއަކަށް އެދިވަޑައެއް ނުގަންނަވައެވެ.

އިމާމު ބުޚާރީ ޚިދުމަތް ކުރެއްވީ ހަމައެކަނި އިސްލާމް ދީނަށެވެ. الله ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކަށެވެ. އެއީ، ޤަރުނުތަކެއް ފާއިތުވެގެން ދިޔަ އިރުވެސް، އޭނާގެ ނަންފުޅު ދިރިދެމިއޮތް ސަބަބެވެ.

އިމާމު މުޙައްމަދު ބިން އިސްމާޢީލް ބުޚާރީގެ މައްޗަށް الله ތަޢާލާގެ ގުނައި ޢަދަދުނުކުރެވޭ ނިޢުމަތްތައް މިންވަރުކޮށް ދެއްވައި، ސުވަރުގޭގައި އޭނާގެ ދަރަޖަ މަތިވެރި ކުރައްވާށިއެވެ. އަދި، އަޅަމެންނަށް ޢިލްމާއި، އިޚުލާޞްތެރިކަމާއި، ޙައްޤުގެ މަގުގައި ސާބިތުވެ ތިބުމުގެ ތައުފީޤު މިންވަރުކޮށް ދެއްވާށިއެވެ. އާމީން!

މަސްދަރު: سير أعلام النبلاء، ވޮލިއުމް 12، ސަފުޙާ 468

Related News