ޕީޕީއެމް/ ޕީއެންސީގެ ވެރިކަމަށް 3 އަހަރު ފުރިއްޖެއެވެ. އެކަން ފާހަގަ ކުރުމުގެ އުފާވެރި ޖަލްސާ ރޭ ބާއްވައިފިއެވެ. އެޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުންމީދީ މެސެޖުތަކެއް ދެއްވިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާއެކު "ބިނާކުރަނިވި މި ފިކުރުގެ އެންމެހާ ބޭފުޅުންނަށާއި މި ވެރިކަން ގެނައުމަށް ތާއީދު ކުރެއްވި އެންމެ ބޭފުޅުންނަށް" ކުރީގެ ފޮރިންމިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީ ވަނީ މަރުޙަބާ ދަންނަވައިފައެވެ. އެއާއެކު ކުރިއަށްއޮތްތަނުގައި ކަންކަމަށްވާންވީ ގޮތާބެހޭ ގޮތުން ކޮންމެވެސް ވަރަކަށް އޭނާ ވަނީ ޚިޔާލުވެސް ފާޅު ކުރައްވައިފިއެވެ.
މިސަރުކާރުގެ ފޮރިން މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޚަލީލް އެކްސްގައި ވިދާޅުވެފައިވަނީ "ވެރިކަމުގައި ފާއިތުވި 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ކުރިޔަށް އޮތް 2 އަހަރު ދުވަހަށް އަމާޒު ހިފަންވީ ކަންކަން ސާފުވި މުއްދަތެއް" ކަމަށެވެ.
އޭގެތެރޭގައި ޤައުމުގެ ސިޔާދަތާއި، ޢަދުލު އިންސާފުގެ ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެވެ. އިޖްތިމާޢީ، އިޤްތިޞާދީ، ޞިއްޙީ އަދި ތަޢުލީމީ ފަދަ ދާއިރާތައް އިތުރަށް ކުރިއެރުވުން ހިމެނެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ ސަރުކާރާއި ޕާޓީގެ ގަވަރނަންސް ނިޒާމުގައި ހުރި އުނިކަންކަން އިތުރަށް ރަނގަޅު ކުރުން މުހިންމު ކަމަށެވެ. އޭގެ އިތުރުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އޮތްކަން ކަށަވަރުކުރުމަކީ މިފަދަ މުނާސަބަތެއްގައި ހަނދާނުގައި ބަހައްޓާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.





