މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވީހާވެސް ގިނަ މެންބަރުން ނުކުމެ ވޯޓުލުމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ވިދާޅުވެފައިވަނީ މިއަދު ނުކުމެ "ތިޔަބޭފުޅުން އިންތިޚާބު ކުރައްވާ ފަރާތްތަކުން އެމްޑީޕީ ހިންގަވައި، މި ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރައްވާނޭ،" ކަމަށެވެ.
މިއަދު ބާއްވާ އެމްޑީޕީގެ އިންތިޚާބުގައި 1102 ގޮނޑިއަށް 1612 ކެންޑިޑޭޓުން ވާދަކުރެއެވެ. މުޅި ޤައުމުގެ ހުރިހާ ކަންކޮޅުތަކެއްގައި އެމްޑީޕީ ތަމްސީލު ކުރަން ފުރުސަތު ލިބުމަކީ ޕާޓީއަށް ލިބޭނޭ އެންމެ ބޮޑު ބާރު ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިއީ ޤައުމީ ފެންވަރުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ފިޔަވައި، ރާއްޖޭގައި އެންމެ ގިނަ ގޮނޑިއަށް މީހުން ހޮވާ އިންތިޚާބު ކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.





