މި ދެބޭފުޅުންގެ މި ހިނިތުންވުމުން ދައްކުވައިދެނީ އެކުވެރިކަމާއި ބަދަހިކަން، މުސްތަގުބަލަށް ކުރެވޭ އުންމީދުގެ ބޮޑުކަން: ފޮޓޯ އެމްޑީޕީ

އެމްޑީޕީގެ ކުރިމަގަށްޓަކައި މިދެރައީސުން ގުޅުން ނޫންގޮތެއް މިވަގުތަށްނެތް!

ޟަމްރަތު އަހްމަދު
ޑިސެމްބަރ 24, 2025

ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ ހާލަތު ބަދަލުކުރެވޭނީ އަދިވެސް އެމްޑީޕީއަށެވެ. އެކަމަކު ދެ ރައީސުންގެ ދެމެދުގައި އުފެދުނު މައްސަލަތަކާއެކު އެމްޑީޕީއިން ވަނީ މި ހައިސިއްޔަތު ގެއްލިފައެވެ. ކުރީގެ ވަރުގަދަކަން ގެއްލިފައެވެ.

މި ހާލަތުގައި ކުރިއަށް ދާނަމަ، ކޮންމެ ހަފުތާއަކުން، ކޮންމެ މަހަކުން އެމްޑީޕީ ދާނީ ކުޑަވަމުން ބާރުދެރަވަމުން ރޫހުގެއްލެމުންނެވެ. ފިކުރުތައް ބައިބައިވަމުން ވިއްސި ވިހާލިވަމުންނެވެ. ރީނދޫ ލަޝްކަރުން ލަޝްކަރުކަން ކެނޑެމުން ސައިޒްވަމުންނެވެ.

މި ހާލަތުން އަރައިގަތުމަށް އޮތީ އެންމެ ގޮތެކެވެ. ރޫޅެން ދިމާވި ސަބަބު ނައްތައިލުމެވެ. ދެ ރައީސުން އެކުގައި މަސައްކަތްކުރުމެވެ. ހިތަށް ތަދުވެފައި ވިޔަސް، ބޮޑު ގެއްލުމެއް ލިބިފައި ވިޔަސް އެކަން ދޫކޮށް އެކުގައި މަސައްކަތްކޮށް އިހުގެ ވަރުގަދަ އެމްޑީޕީ އިއާދަކުރުމެވެ. އެހެން ނޫންނަމަ އޮތީ އަދި މާބޮޑަށް ހިތަށް ތަދުވުމެވެ. އަދި މާބޮޑަށް ގެއްލުން ލިބުމެވެ.

މިއަދު އެމްޑީޕީއަށް އޮތީ ދެގޮތެކެވެ. ގަދަ ހިތްވަރާއެކު ތެދުވުމެވެ. ނުވަތަ ނެތިދިއުމެވެ.

އެމްޑީޕީއަކީ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފް ކުރަން އެންމެގަދައަށް މަސައްކަތް ކުރި ޕާޓީއެވެ. އިންސާނީ ހައްގުތަކާއި، ރައްޔިތުންނަށް މިންވަރެއް ހައްގުވާކަމަށް ފުރަތަމަ ވާހަކަ ދެއްކި ޕާޓީއެވެ.

އެތައް މަސައްކަތުން އެޕާޓީއަށް ވެރިކަން ލިބުނެވެ. އެފަހަރު ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަމަށް ތިން އަހަރުވީތަނާ ދިމާވީ ހަލަބޮލިކަމެއްގެ ތެރެއިން އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު ހަތްއަހަރު ވަންދެން މަގުމަތީގައި މުޒާހަރާކޮށް އަޑުއުފުލައިގެން އަނެއްކާ ވެސް ވެރިކަމަށް އައެވެ. އެފަހަރުވެރިކަމަށް ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.  އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއެވެ. އެފަހަރު ކަންކަން ދިމާވީ ވަރަށްހިތިކޮށްނެވެ. ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގަތީއެވެ. އެހެން ޕާޓީއެއް ހެއްދެވީއެވެ. ދެވަނަ ދައުރަކަށް ރައީސް ސާލިހު ކުރިމަތި ލެއްވީ އުންމީދާއެކުގައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ނެތް ކަމުގެ އިހުސާސާއި އެކަމުގެ ނަތީޖާ އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީ ވެސް ރައީސް ސާލިހެވެ.

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަތެވެ. އެކަން އެހެންވީ  ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމުން ކަމަށް އެންމެން އިއްތިފާގުވިއެވެ. ދެވަނަ ދައުރެއް ރައީސް ސާލިހަށް ލިބިޑައިނުގަތުމުން އެކަމާ މާޔޫސްވި އެންމެން ކުށްވެރިކުރީ ރައީސް ނަޝީދާއި އެމަނިކުފާނާއެކު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނެވެ. ރައީސް ނަޝީދާއި އެމަނިކުފާނާ ބައިއަތު ހިފި އެންމެން އެގޮތަށް ކަންތައް  ކުރެއްވުމުން އެތައް ހިތެއް ޒަޚަމްވެގެންދިޔައެވެ. ޚުދު ރައީސް އިބްރާހީމް މުހައްމަދު ސާލީހާއި އެމްޑީޕީގެ އޭރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

މި އުދާސްގަނޑުގެ ތެރެއިން މި ދެ ރައީސުން ހަތުރުންނަށްވެ ނިމިއްޖެ ކަމަށް ބައެއް މީހުން ބުނަންފެށިއެވެ. ދެން ދުވަހަކުވެސް ނުގުޅޭނޭ  ކަމުގެ އަޑުތައް ގަދަވިއެވެ. އެއާއެކު ޕާޓީއަށް ހެޔޮއެދޭ ކުދިންކޮޅެއް ތެދުވެ ދެންވެސް އެމްޑީޕީއަށް އެންމެ ރަނގަޅުވާނީ މި ދެ ރައީސުން އެއްގަލަކަށް އެރުވުން ކަމަށް ބުނެ އެމަސައްކަތް ފެށިއެވެ. ނަތީޖާއަކަށްވީ ރައީސް ނަޝީދައި އެމަނިކުފާނާއެކު ޕާޓީ ދޫކޮށްދިޔަ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅުމެވެ. އެމްޑީޕީއާ އަލުން ގުޅުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ޕާޓީ މިދުވަސްވަރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މާގިނަދުވަސްތަކެއް ނުވަނީ ޕާޓީގެ ހާލަތު ރަނގަޅުވެ އަނެއްކާ ވެސް އެޕާޓީ އޭގެ އަސްލަށް ރުޖޫއަވާނޭ ކަމަށެވެ. އެކަމުގެ ކޮޅުމަތީ ފެންނަންފެށީ ކަމަށް ބެލެވިދާނެއެވެ. މާސިންގާ ދެ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި މިއަދު މި ދެބޭފުޅުން ވަނީ އެމްޑީޕީގެ އޮފީހުގައި ބައްދަލު ކުރައްވައިފައެވެ. މިކަމާ އުފާވާ މީހުން އެބައުޅެއެވެ. މިކަމާ ހިތްހަމަނުޖެހިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެމީހުންގެ ޝަކުވާއަކީ އެމްޑީޕީއަށް މިހާލަތު ދިމާވީ އެންމެ ނާޒުކު ދަނޑިވަޅުގައި  ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމުން ކަމަށެވެ. އަދި މިހާރު މިއޮތް ޕީއެންސީ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ.

ސުވާލަކީ މިވަގުތުމިއީ އިމޯޝަނަލްވެގެން އުޅެންވީ ވަގުތެއް ހެއްޔެވެ؟  ނޫނީ ދެންވެސް މި ދެ ރައީސުންނަށް އިތުބާރުކޮށް އެދެ ބޭފުޅުންނާއެކު މަސައްކަތް ކުރަންވީ ހެއްޔެވެ؟ ވެފައިއޮތް ކަމެއް ނުވާކަމަށް ނުހެދޭނެއެވެ. ތަދުވީ ތަނެއްގައި ރިހުން ރަނގަޅުވަންދެން އަމިއްލައަށް ފިރުމާލަން ތިބުމުގެ ބަދަލުގައި އެމްޑީޕީއަށާއި އެޕާޓީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ މި ދެ ރައީސުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް މައިދާނަށް ނުކުތުމެވެ.

މި ލިޔުމާ ގުޅޭ