މި ސަރުކާރުން ގާނޫނު އަސާސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ގެންނަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާއެކު މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސާލިހު ވިދާޅުވީ ސަރުކާރަށް ވަގުތުވެސް ދެވިއްޖެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެމްޑީޕީން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ”ސަރުކާރަށް ދޭންޖެހޭ ވަގުތު ދީފައި އަޅުގަނޑުމެން އެ މަސައްކަތް މި ފަށައިގަންނަނީ،“ ރައީސް ސާލިހު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރު ދިމާވި ކަންތައްތަކަކީ ވެގެން ވާނެ ކަންކަމެއް ނޫން ކަމަށެވެ. އޭރު އެކަން އެހެން ދިމާވީ ރައީސް ނަޝީދާއެކު ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ދިޔައިމާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ”ތިޔަހައި ބައިވަރު ހަމަ ނުޖެހުންތަކެއް އަދި އޮތްކަމަށް ދެކެން އަޅުގަނޑަށް އުނދަގޫވެސްވޭ،“ އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެދުވަސްވަރު އެ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކޮށްފައިވާ ތުހުމަތުތަކާ ނުވަތަ ކިޔާފައިވާ ފާޑުކިޔުންތައް މިހާރުވަނީ ފަހަތަށް ޖައްސާފައި ކަމަށެވެ. މިއަދު އެ ދެބޭފުޅުން ބައްދަލު ކުރައްވަނީ އެކަންތައްތައް ފަހަތަށް ޖައްސާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވިދާޅުވީ މިހާރު ޕާޓީން ތައްޔާރުވަމުން ގެންދަވަނީ ލޯކަލުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކަމަށެވެ. ޕްރައިމަރީއަށްފަހު، އެންމެން ގުޅިގެން އެކީގައި ކުރިއަށް ދެވޭނޭ ކަމަށް ވިދާޅުވިއެވެ. އެހިސާބުން ޕާޓީތެރޭގައި ބައިބައިވުމެއް އުފެދޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެފަދަ ޖާގައެއް ވެސް ނުދެއްވާނޭ ކަމަށް ދެބޭފުޅުން ވިދާޅުވިއެވެ.
ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައީސް ޔާމީނާއެކު ވެސް މަސައްކަތް ކުރެވޭނޭ ކަމަށް ދެބޭފުޅުން ވިދާޅުވިއެވެ. ރާއްޖެ މީހާރުއޮތް ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށް ވެސް ދެބޭފުޅުން ވިދާޅުވިއެވެ. އެ މަސައްކަތުގައި ރައީސް ޔާމީންގެ ހިއްސާ އެއް އޮތުމަކީ ދެބޭފުޅުން ވެސް ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުންގެ ގުޅުމާބެހޭ ގޮތުން ރައީސް ސާލިހު ވިދާޅުވީ އަބަދުވެސް ޚިޔާލު ތަފާތުވާ ކަމަށެވެ. އޭގެ ތެރެއިން ކުރިއަށް ވަޑައިގަންނަވަނީ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯއްދަވައިގެން ކަމަށެވެ. ދުރުވާ ހިސާބަކަށް ދުވަހަކުވެސް ދެބޭފުޅުން ވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ސާލިހު މިއަދު ވިދާޅުވިއެވެ.






