ޑިސެމްބަރ 23, 2024 03:09

ﷲ އަށް ޒިކުރުކުރުމުގެ ގޮތުން ކިޔާ ތަސްބީޙައިން ދޭހަވާ ހަގީގީ މާނަ

އަޙްމަދު ފަޔާޟު ޙަސަން
ސެޕްޓެމްބަރ 27, 2024

ތަސްބީޙް މިބަހުގެ އަސްލަކީ ސީނު ބާ ޙާ ނުވަތަ ސަބަޙަ އެވެ. ގަދީމީ ޒަމާނުގައި ތުއްތު ކުދިން ލައްވާ ފޭރާމަށް އަރަބީން ކިޔަނީ ސިބާޙްއެވެ. ޖަނަވާރުގެ ހަމުން ހަދާފައި ހުންނަ މިފޭރާމަކީ ފަހާފައި ނުވަތަ ރޮދިޖަހާފައި ހުންނަ އެއްޗެއްނޫނެވެ. މިފޭރާން ލެއްވިއަސް ހަށިގަނޑުގައި އެ ތަތްނުވެ އޭގެ ގޮތުގައި އޮވެއެވެ. ސަބަޙައިގެ އެއް މާނަޔަކީ ފެން މަތީގައި އޮތުން ނުވަތަ ފެތުމެވެ. އަޑިއަށް ނުގޮސް މަތީގައި އޮތުމެވެ. ދޫނިސޫފާސޫފި ޖައްވުގައި ތިބެ އުދުހޭ އުދުހުންވެސް ސަބަޙައިގެ ބާވަތަކަށްވެއެވެ. ސާބިޙްއަކީ އެސޮރުގެ ކުރީ ދެފައި ދަމާލައިގެންވާ އަހެވެ. އަސް މިގޮތަށް އޮންނަނީ އެސޮރު ދުވަމުންދާއިރުއެވެ. އެސޮރުވެސް ނުވެއްޓި އެސޮރުގެ މަގާމުގައި ދެމިއޮވެއެވެ. ބޭރުން ލާފައި ހުންނަ ފޭރާމަކީ މުސައްބިޙްއެވެ. މިބަސްތަކުން ދޭހަވާ އެއް މާނަޔަކީ އެއްވެސްގޮތެއްނުވެ އުނިކަމެއް ނައިސްވުމެވެ. މިބަހުން ދޭހަވާ އަނެއް މާނަޔަކީ އެއްވެސް ގޮތަކަށް ދަށަށް ނުދިއުމެވެ. އެއީ އޮތް ހިސާބުގައި ނުވަތަ އޮތް މަގާމުގައި ދެމިއޮތުމެވެ.

ތަސްބީޙައަކީ ހުރިހާގޮތަކުން ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަން ފާޅުކޮށް އިޢުލާންކުރުމެވެ. އަދި ﷲ ގެ ފުރިހަމަކަމަށް އުނިކަމެއް އަތުވެދާނެ ހުރިހާކަމަކުން އެ ނަންފުޅު ރައްކާތެރިކުރުމެވެ. ތަސްބީޙައިގެ ބޭނުމަކީ ހުރިހާ އިރަކު ހުރިހާ ވަގުތަކު ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމަށް އުނިއިތުރެއް ރައްދުވިޔަ ނުދިނުމެވެ. މަލާއިކަތުންގެ މަސައްކަތްޕުޅަކީ ތާއަބަދު ﷲ އަށް ތަސްބީޙް ދެންނެވުމެވެ. ކެއުމެއް ބުއިމެއް ނިދުމެއް އަރާމެއްނެތި އެބެއިކަލުން އަބަދު ތިއްބަވަނީ ތަސްބީޙައިގައެވެ.

އުޑާއި ބިމުގައިވާ ހުރިހާ ތަނަކާއި ތަކެއްޗެއް ﷲ އަށް ތަސްބީޙަ ކިޔައެވެ. އަޅުގަނޑުމެންގެ ލޮލަށް ފެންނަ ތަކެއްޗާއި ނުފެންނަ ތަކެތިވެސް ﷲ އަށް ތަސްބީޙަކިޔައެވެ. އެހުރިހައި އެއްޗެއް ﷲ އަށް ތަސްބީޙަކިޔަނީ އެކަމަށް އެދި ބޭނުންވެގެން ރުހިގެންނެވެ. އިންސާނާ ވުޖޫދުކުރެއްވުމުގެ މާކުރިން ފެށިގެން މިކަން އައީ ހިނގަމުންނެވެ. އިންސާނާ ވުޖޫދުވުމާއެކު އޭނާގެ ހަށިގަނޑުގެ ހުރިހާ ސެލްތަކަށް ދާދެން ﷲ އަށް ތިސްބީޙަކިޔައެވެ. ﷲ އަށް ތަސްބީޙަކިޔުމުގައި ފަހަތަށްޖެހެނީ އިޚުތިޔާރުދެއްވާފައިވާ އިންސާނާގެ ނަފުސެވެ. އޭނާ މިކަމުގައި ފަސްޖެހެނީ ޝައިޠާނާގެ ވަސްވާހުގައި ޖެހިގެންނެވެ. އިންސާނާ ތަސްބީޙަ ކިޔަސްނުކިޔަސް ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމަށް އަސަރެއްނުކުރެއެވެ. އިންސާނާ ތަސްބީޙަ ކިއުމުން ފައިދާކުރާނީ އޭނާއަށެވެ. ހަމައެގޮތަށް އޭނާ ތަސްބީޙަ ނުކިޔުމުން ގެއްލުންވާނީވެސް ޚުދު އޭނާއަށެވެ.

ﷲ، އުޑާއި ބިން ހެއްދެވީ މަގުސަދަކާއެކުއެވެ. އުޑާއި ބިމުގައި ﷲ ލެއްވި ހުރިހާ އެއްޗެއްވެސް ލެއްވީ މަގުސަދަކާއެކުއެވެ. ތަސްބީޙައިންކުރާ ކަމަކީ އެކަން ގަބޫލުކޮށް އިޢުލާންކޮށް ކަށަވަރުކުރުމެވެ. ﷲ އާ އެކުގައި އެހެން ފަރާތެއް ނުވަތަ ބައިވެރިޔަކުވެޔޭ ބުނުމަކީ ތަސްބީޙައިގެ އިދިކޮޅެވެ. ﷲ އަށް ދަރިކަލަކުވެޔޭ ބުނުމަކީވެސް އެފަދަ ބޮޑު ކުށެކެވެ. ﷲ އަށް އެކަށީގެންނުވާ ވާހަކަތައް މީހުން ދެއްކުމުން ﷲ އެއަށް ދެއްވާ ޖަވާބުގައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަސްފުޅެވެ. ހަމައެގޮތަށް ﷲ ގެ އުފެއްދެވުމަކަށް ފާޑުކިޔައި ގޮތް ކިޔުމަކީވެސް އެފަދަ ކުށެކެވެ. މިސާލަކަށް ހަތަރެސްފައި ނެތް މީހަކު ދުނިޔެއަށް އުފަންވެދާނެއެވެ. އެކަމާމެދު ހިތްހަމަނުޖެހިގެން ނުވަތަ ނުރުހުމުގެ ނަޒަރުން ވާހަކަދެއްކުމަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމާ ދެބަސްވުމެވެ.

ތަސްބީޙްގެ މައިގަނޑު ބޭނުމަކީ ﷲ އާމެދު އެއްވެސް އެއްޗެއް ނުބައިކޮށް ނުބުނުމާއި ﷲ އާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބައިކޮށް ގަބޫލުނުކުރުމެވެ. މާނަޔަކީ ﷲ އާ ގުޅުވައިގެން ކުށް އެއްވެސް ވާހަކައެއް ނުދެއްކުމާއި ކުށް އެއްވެސް ވާހަކައެއް ގަބޫލުނުކުރުމެވެ. އާދެ، ތަސްބީހައިން ކުރާ ކަމަކީ ﷲ އާ މެދު ތިމާގެ ހިތަށް އަރާ ހުރިހާ ކަމަކާއި ތިމާގެ ދުލުން ބޭރުވާ ހުރިހާ ވާހަކަތަކެއް ފުރިހަމަކުރުމެވެ.

ބައެއް ފަހަރު މީހުން ނުބައިކޮށް އުޅެއެވެ. ނުބައިކޮށް އުޅޭ މީހުންނަށް މިދުނިޔޭގައި ﷲ ވަގުތުން ޢަޒާބެއް ނުދެއްވައެވެ. މިކަމާ މީހުން ސުވާލުކުރެއެވެ. މީގެއިތުރަށްވެސް މީހުންނާ އެމީހުން ހިތްހަމަނުޖެހޭ ކަންކަން ކުރިމަތިވެއެވެ. އެފަދަ ކޮންމެ ހާލަތެއްގައި އެކަމާ ސުވާލުކޮށް އެކަމާ ހިތްހަމަނުޖެހުމަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމާމެދު ސުވާލުއުފެއްދުމެވެ. އެއީ ތަސްބީހައިގެ ދިމާ އިދިކޮޅު ގޮތެވެ. ﷲ ގެ ކޮންމެ ނިންމެވުމަކާއި ﷲ އިރާދަކުރައްވާ ކޮންމެ ކަމެއް އަންގައިދެނީ އެކަލާނގެ މަތިވެރިކަމާއި ފުރިހަމަކަމެވެ. އެއިން އެއްވެސް ކަމަކާ ސުވާލުކުރުމުގެ އިޚުތިޔާރެއް އަޅުގަނޑުމެންނަކަށް ނުލިބެއެވެ. ކޮންމެ ކަމަކާ ގުޅިގެން ތަސްބީޙް ކިޔަންޖެހެއެވެ. ތަސްބީޙް ކިޔައިގެންކުރެވޭ ކަމަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަން ގަބޫލުކޮށް އިޢުލާންކުރުމެވެ.

ﷲ އަށް ތަސްބީޙަ ކިޔުމުގެ ގޮތުން އަޅުގަނޑުމެން ކިޔާ ފުރަތަމަ ކަލިމައަކީ سُبْحَانَ ٱللَّٰهِ އެވެ. މިބަހުން ބުނެވެނީ ﷲ މަތިވެރިކަމާއި ފުރިހަމަކަން ތިމާ ގަބޫލުކޮށް އެކަން އިޢުލާންކުރާކަމެވެ. ނުވަތަ މި ކަލިމައިން ބުނެވެނީ ﷲ ގެ އެއްވެސް އުނިކަމެއް ނެތް ވާހަކައެވެ. ސުބުޙާނަﷲ މި ތަސްބީޙައިން ކުރެވޭ ކަމަކީ ﷲގެ ޒާތުފުޅު ހުރިހާ ބާވަތެއްގެ ނުސާފުކަމާއި ނައްސިކަމާއި އުނިކަން އެއްކިބާކުރުމެވެ. މިކަމަކީ އަޅުގަނޑުމެން ތާއަބަދުކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ޝައިޠާނާގެ ވަސްވާހުގެ ސަބަބުން އަބަދުމެ އަޅުގަނޑުމެން އޭނާގެ މަޅީގައިޖެހުމެވެ.

ﷲ އަށް ތަސްބީޙް ކިޔުމުގެ ގޮތުން އަޅުގަނޑުމެން ކިޔާ ދެވަނަ ކަލިމައަކީ ٱلْحَمْدُ لِلَّٰهِ އެވެ. ތަސްބީޙައިން ކުރެވޭ ކަމަކީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމަށް ހުރިހާ ހެވަކާއި ރަނގަޅެއް ނިސްބަތްކުރުމެވެ. ރަނގަޅު ނުވަތަ ފައްސި ހުރިހާ ކަމެއް މިތަސްބީޙައިން ﷲ އަށް ނިސްބަތްކުރެވެއެވެ. ޙަމްދުގެ މާނަޔަކީ ޝުކުރާއި ތަޢުރީފްއެވެ. މިއީ އިންސާނާގެ ހިތާއި ގުޅިފައިވާ އިހުސާސްތަކެވެ. ރީތި ނުވަތަ ރަނގަޅު ކޮންމެ އެއްޗަކަށް އަޅުގަނޑުމެން ތަޢުރީފްކުރަމެވެ. ހަމައެގޮތަށް ތިމާއަށް މީހަކު ކަމެއް ކޮށްދިނުމުން ޝުކުރުވެރިވަމެވެ. ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއް އެއީ ﷲ ގެ އުފެއްދެވުންތަކެވެ. އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ކަމެއް އަންނަނީ ﷲ ގެ ރަޙުމަތުންނެވެ. އެހެންކަމުން އަލްޙަމްދުލިއްލާހި  މިބަހުން އަންގައިދެނީ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަމެވެ.

ތަސްބީޙައިގައި އަޅުގަނޑުމެން ތިންވަނައަށް ކިޔާ ކަލިމައަކީ الله أكبر އެވެ. މިތަސްބީޙައިން ހަގީގީ މާނައިގައި ނުވަތަ އަމަލީގޮތުން ﷲގެ މަތިވެރިކަމާއި ފުރިހަމަކަން ދައްކަމުއެވެ. މިތަސްބީޙުގެ މާނަޔަކީ އެހެން ހުރިހައި ކަމަކާއި ތަނަކާއި އެއްޗަކަށްވުރެ ﷲ ގެ މަތިވެރިކަމާއި ފުރިހަމަކަން ބޮޑު ވާހަކައެވެ. މިކަލިމައަކީ އިބާރާތެކެވެ. މިއިބާރާތް ފުރިހަމަވަނީ އޭގެފަހަތަށް އިތުރުވާ ބައިންނެވެ. މިސާލަކަށް ބަންގި ގޮވަން ފެށިއިރު ތިމާ ހުރީ އެއްމިލިއަން ޑޮލަރުގެ ވިޔަފާރި ޑީލެއްގައެވެ. ﷲ އަކުބަރުގެ މާނަޔަކީ އެއް މިލިއަން ޑޮލަރަށްވުރެ ﷲ ގެ މަތިވެރިކަން ބޮޑު ވާހަކައެވެ. މާނަޔައަކީ މިލިއަން ޑޮލަރުގެ ވިޔަފާރި ޑީލް ބާއްވާފާއި ނަމާދަށް އަވަސްވުމެވެ.

ނޯޓު: ފަޔާޒަކީ އުނގެނުމަށް ޖޯޝާއި ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖްގެ ދާރިސެކެވެ.

 

މި ލިޔުމާ ގުޅޭ