ޑިސެމްބަރ 23, 2024 08:26

ކަނބުލޮ (ފަސްވަނަބައި)

ވާހަކަ: ކަނބުލޮ (ދެވަނަބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ސެޕްޓެމްބަރ 28, 2024

މިހާ ދުވަސް ވަންދެން މިތަނަށް އައިސް މިހެން އެކަނިމާ އެކަނި އިންނައިރުވެސް ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުނީތީއެވެ. ރީތި ހިނިތުން  ވުމަކާއެކު ކައިރީގައި ހުއްޓި ހުރީ އަންހެން ކުއްޖެކެވެ. ހުތުރެއް ނޫނެވެ. ބަލާބެލުމަށް އަހަރެންނާ އެއް އުމުރުފުރާގެ ކުއްޖެއް ކަމަށް ލަފާ ކުރެވުނެވެ. ލާފައި ހުރި ހެދުން މާ ސާފުތާހިރު ނޫންކަމަށް ވިޔަސް ހެދުން  އެހާ ބައު ހެނެއް ހިޔެއްނުވެއެވެ. ސުވާލުތަކަކުން ފުރިގެންވާ ނަޒަރަކުން އެކުއްޖާއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާވެސް ލުއިލުއި ހިނިތުން ވުމަކާއިއެކު  އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށް ފަހު، މަޑުމައިތިރި އަދި މަޢުސޫމު އަޑަކުން އަހަރެންނަށް ގޮވާލައިފިއެވެ. ”ހުސެއިން، މިއަދު ހާދަ ބޮޑަށް މާޔޫސްވެފައި އިންހެން ހީވެޔޭ.“ އަހަރެންނަށް ކުރިން ލިބުނު ސިހުން އެކައްޗަކަށްވެސް ނުވިއެވެ. ކުއްލިޔަކަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފާޑަކަށް ތުރުތުރުވެސް އަޅަން ފެށިއެވެ. ޖެހިލުން ވެފައި ހުރެ އޭނާ ކުރި ސުވާލުގެ ޖަވާބުގައި އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ. ”ތީ… ކާ..ކު؟ އަހަރެންގެ ނަން… އެނގުނީ ކިހިނެއް؟ މަ ދަންނަންތަ؟“ އެކުއްޖާ ފާޑަކަށް ހީނލާފައި ތޮށިގަނޑުމަތީގައި އިށީނުމަށް އިޝާރާތް ކޮށްލަމުން އޭނަވެސް އިށީނދެއްޖެއެވެ.

ހައިރާނުން ފުރިފައިވާ ނަޒަރަކުން ބަލަމުން އަހަރެންވެސް ކުޑަ ތަންކޮޅެއް ދުރަށް ޖެހިލުމާއިއެކު އިށީނދެލީމެވެ. އަނެއްކާވެސް އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. ”އަހަރެން މިއީ ކާކު ކަމެއް ނޭންގުނު ދޯ؟“ ހައިރާންވެ އިނދެ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އޭނާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ”އެކަމަކު އަހަރެން ވަރަށް ރަނގަޅަށް ހުސެއިން ދަންނަން. މިއަދުވެސް ހުސެއިންއަށް އަހަރެން ގޮވީމެއްނު!“ އަހަރެންނަށް ލިބުނު ހައިރާންކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. އަދި ހިތަށް އެރިއެވެ. މީނަ އަހަރެންނަށް މިއަދު ގޮވީ ކޮންއިރަކު ބާއެވެ؟  މީގެ ކުރިން ދުވަހަކުވެސް މީނައެއް ނުދެކެމެވެ. ދެން ކުއްލިޔަކަށް އަހަރެންގެ ހަނދާނަށް އައީ އޭގެ އިރުކޮޅެއް ކުރިން ގޭތެރެއިން ދިމާވި ޙާދިސާއެވެ. އާއެކެވެ. ހަމަ އެއަޑެވެ. އަޑުގައިވާ އެމަޑުމައިތިރި ކަމެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ސުވާލު ކޮށްލެވުނެވެ. ”ދެން އެހެންވިއްޔާ މިއަދު އަހަރެމެންގެ ގެއަށް ދިޔައިންތަ؟“ އަހަރެންގެ އެސުވާލަކަށް އޭނާ ޖަވާބެއް ނުދިނެވެ. އެހެނަސް އޭނަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”ހުސެއިން ވަރަށް ގިނައިން މިތަނަށް އަންނަމެއްނު ދޯ. އަހަރެންނަށް ވަރަށް ގިނައިން ހުސެއިން ފެނޭ. އަދި މިތާ މިގަޑީގައި އެކަނި އިންނާތީ ކުރިން ވަރަށް ހައިރާންވެސް ވޭ. ކައިރިޔަށް އައިސް އިށީންދެލާ، ވާހަކަ ދައްކާލަންވެސް ހިތަށް އަރާ. އެކަމަކު ނުކެރޭތީ ދުރުގައި ބަލަހައްޓައިގެން ހުންނަނީ. މިއަދު ހުސެއިން މިތަނަށް އައިސް ހުއްޓުނު ގޮތާ، އިށީންދެގެން އިންގޮތުން ހަމަ ކައިރިޔަށް އައިސް އަހާނުލާ ނުހުރެވުނީމަ މިއައީ. އަހަރެން މިތަނަށް މިއައީ ހުސެއިންއަށް އުނދަގޫ ކުރާށޭ އެއްގޮތަކަށްވެސް ހީނުކުރައްޗޭ އިނގޭ“ ”އާނ އެއްގޮތަކަށްވެސް އެހެންނެއް ހިތަކަށް ނަރާ. އެކަމަކު މި ހުރިހާ ދުވަހު އަހަރެން މިތަނަށް އައިސް އިންނަކަން އެނގެއޭ ބުނީމަ ވަރަށް ހައިރާން ވެއްޖެ“ އަހަރެން އެހެން ބުނި ނަމަވެސް އެކުއްޖާއާއި ވާހަކަ ދައްކާ ހިތްވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އަދި ހިތް އެދިއެދި ހުރީ އޭނާ އެތަނުން ނުދިޔުމަށެވެ. ކަންވީވެސް އެހެންނެވެ .

ދެކުދިން އެތަނުގައި ތިބެގެން ތަފާތު ކަންކަމާއިމެދު ވާހަކަ ދައްކަމުން ގެންދިޔައިރު ވަޤުތު ދިޔަ ގޮތްވެސް ނޭނގުނެވެ. ކުއްލިޔަކަށް އިވުނީ ޢަޞުރު ނަމާދަށް ބަންގި ގޮވި އަޑެވެ. އެވަޤުތު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ފެނިގެން ދިޔައެވެ. އަދި  ބުނެލިއެވެ. ”މިހާރު ހުސެއިން ގެއަށް ދާގަޑި ޖެހުނީނު. ދެން އަވަހަށް ދޭ. މިހާރު މަންމަވެސް ހޯދާނެ.“ އެހެނަސް މިއަދަކު ގެއަށް ދާހިތެއް ނުވިއެވެ. މީގެ ކުރިން މި މައިދާނުން އަހަރެންގެ ހިތަށް ލިބެމުން އައި ހަމަޖެހުމަށް އިތުރު އާރޯކަމެއް ލިބުނު ކަހަލައެވެ. ގޭތެރެއިން ލިބުނު މާޔޫސް ކަމަށް ޒާތެއްގެ ފަރުވާއެއް ލިބުނު ކަހަލަ އިޙުސާސެއްވެސް ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ދާން ޖެހޭނެތާއެވެ. އަނެއް ދުވަހުވެސް އެތަނަށް އައުމަށް އެދި އޭނާއަށް ދަޢުވަތު ދެމުން ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މީގެ ކުރިން ނުލިބޭހާ ހިތްހަމަ ޖެހުން ހިތުތެރޭގައި ފޮރުވައިގެންނެވެ. ޖެހިގެން އަންނަ ދުވަހުވެސް އެކުއްޖާއާއި ބައްދަލުވާނެ ކަމުގެ ފޮނި އުންމީދާއިވެސް އެކުގައެވެ.

ގެއަށް ގޮސް ވަދެ ހަމަޖެހުމުގެ ފުން ނޭވާއެއްލުމާއިއެކު ކުރިމައްޗަށް ބަލާލިއިރު ކުރިމަތީގައި ހުރީ މަންމައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ބުނާނެ އެއްޗަކަށް އަންނާނެ ހަމަލާއަކަށް ބަލަބަލާ ހުރީމެވެ. ކުއްލިޔަކަށް އިވުނީ އޯގާތެރި އަޑަކުން ދަރިފުޅާ އެއްޗެއް ކައިފިންހޭ އަހާލި އަޑެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ޤަބޫލުކުރަންވެސް ދަތިވިއެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ، މަންމަގެ ދުލުން ”ދަރިފުޅު“ މިލަފްޒު އަހަރެންގެ ކަންފަތަށް އިވުނު ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ. އެ ހައިރާންކަންމަތީ ހުރެ ނޫނެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯހޫރާލީމެވެ. ދެން އެހެންވިއްޔާ ފެންވަރައިގެން ކާން ދާށޭ ބުނެލުމާއިއެކު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ފަސްދިނުމާއި އެކު ނަމާދު ކުރަންޖެހޭނެކަން ހަނދާންވެސް ކޮށްލަދިނެވެ. އަހަރެން ހުރީ ހެނދުނު ސައިބުއި ގޮތަށް އެއްވެސް އެއްޗެއް ނުކައެވެ. ބަނޑުތެރޭގައި މީދާތަކެއް ރޭސް ޖަހާހެންވެސް ހީވާން ފެށިއެވެ. އެވަޤުތު ފެންވަރާނީ ކައިގެންނޭ ހިތާ ކާގެއާއި ދިމާއަށް ހިނގައިގަތީމެވެ. މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ފުރިހަމަ ހިތްހަމަ ޖެހުމަކާއި އުފަލަކާއިވެސް އެކުގައެވެ. އުފާ ނުވާންވި ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އިހުސާސްތައް ދެނެގަންނަށް އެނގޭ ވަރުގެ ރައްޓެއްސެއް ލިބިއްޖެއެވެ. ފުރަތަމަ ފަހަރަށް ނަމަވެސް މަންމަގެ ދުލުން ދަރިފުޅާއޭ ކިޔާފައި އަހަރެންނާއި މުޚާތަބު ކޮށްލާ އަޑު އިވިއްޖެއެވެ. މިކަން އަހަރެންނަށް މިލިބުނު ރައްޓެހި ކުއްޖާއާއި ޙިއްސާކޮށްލާ ހިތުން ކެތްމަދުވިއެވެ. އަނބުރާ ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް ދިއުމަށް ހިތް އެދެމުން ދިޔައެވެ. އެހެންނަމަވެސް ކެތްކޮށްލައިގެން ހުރީ މާދަމާވެސް ރައްޓެހި ކުއްޖާއާއި ބައްދަލުވާނެ ކަމުގެ ފޮނި އުންމީދުގައެވެ.

އަނެއްދުވަހު ހޭލެވުނީ އިރުއަރަން ދާދި ގާތްވެފަ ވަނިކޮށެވެ. ފާރުގައި ބަހައްޓާފައި ހުރި ގަޑިއަށް ބަލާލުމާއިއެކު ފުންމައިގެން ތެދުވީމެވެ. ފާޚާނާއަށް ވަދެ ދަތް އުނގުޅާ މޫނުދޮވެލާ ހަދައިގެން ވުޟޫ ކޮށްލައިގެން ނިކުމެ ގޭގައި ނަމާދުކޮށްލައިގެން މަގުމައްޗަށް ނިކުމެލީމެވެ. އޭރު ބޭބެމެން ތިބީ ނިދާފައެވެ. ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރަށް ވީތީ، މަގުމަތީގައިވެސް މާގިނަ މީހުންނެއް ފެންނާކަށް ނެތެވެ. ގޭގެ ބޭރު ދޮރޯށީގެ އޮޅިގަނޑު މަތީގައި ކުޑައިރުކޮޅަކު އިށީންދެލައިގެން އިނީމެވެ. އެވަޤުތުކޮޅުގެ ތެރޭގައިވެސް ހިތަށް އަރަމުން ދިޔައީ، އަލަށް ލިބުނު ރައްޓެހި ކުއްޖާގެ މަތިންނެވެ. އަދި  އެކުއްޖާއާއިއެކު ހޭދަކުރި ވަޤުތުކޮޅުގެ މަތިންނެވެ. ކޮންމެއަކަސް ބުނެދޭން ނޭންގޭ ކަހަލަ ހިތްހަމަ ޖެހުމެއް ހިތުތެރޭގައި ވެރިވަމުން ދިޔައެވެ. އެ ޚިޔާލުގެ ތެރެއަށް ގެއްލިފާއި އިންދާ، މަންމަ ގޮވާލި އަޑު އިވުނެވެ. ސައި ތައްޔާރު ވެފައި ހުރި ވާހަކަ ބުނުމުގެ ގޮތުންނެވެ.

އަހަރެން ކާގެއަށް ގޮސް މަންމައާއި އެކު ސައިބޯން އިށީނީމެވެ. އެވަޤުތު ވަރަށް މަޑުމައިތިރި ކަމާއިއެކު މަންމަ އަހަރެންނާއި މުޚާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ. ”ހުސެއިން ވެސް މިހާރު ތިހުރީ ފުރާވަރަށް އަރާފަ. މިހާރު ދެން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެއެއްނު. ހަމައެކަނި ކިޔެވުމުން ރަނގަޅު މާރކްސް ހޯދިޔަކަސް ކަމަކު ނުދާނެ. ގޭތެރޭގައި ބޭބެމެންނާއި އެކުވެސް ކޮންމެސް ވަރަކަށް ވަޤުތު ހޭދަކޮށްލަން ރަނގަޅުވާނެ. ގޭތެރޭގައި ކުރާ ކަންކަމުގައި ބައިވެރިވެލަން ގޭގައި މަޑުކޮށްލަންވެސް ރަނގަޅުވާނެ. އަބަދުގޮސް ވަރުނުލާ ރާޅުގަނޑުގެ ތޮށިގަނޑު މަތީގައި އިނަކަސް ކަމަކު ނުދާނެ. މަންމައަކަށް ނުވިސްނޭ ހުސެއިން އަބަދު އެތަނަށް ގޮސް އިންނަނީ ކީއްވެގެން ކަމެއް. އެއީ އެހާ ރައްކާތެރި ތަނެއްވެސް ނޫން. މަންމަ މި ހުންނަނީވެސް ވަރަށް ބިރުން. ހުސެއިން މިހާރު އެތަނަށް ދިޔުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދައިފި. މަންމަމެން އެންމެ ކުޑައިރުއްސުރެވެސް އެއީ އެހާ ރައްކާތެރި ތަނެއް ނޫން ކަމަށް މީހުން ކިޔާތީ އަޑުއަހަން.“ ފާރޮށީގެ ކުޑަކިބަ ނަގާ އޭގެ އެއްބައި ސައިތައްޓަށް ގަންބާލި ގޮތަށް މަންމަ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން އިނީމެވެ. އަދި މަންމަގެ ވާހަކަ އެހާ ހިސާބަށް ދިޔުމުން ފާރޮށިކޮޅު ނަގާ ކާލުމަށްފަހު މަންމައަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ. ”މަންމާ، މީހުން އަބަދުވެސް ފާޑުފާޑުގެ ވާހަކަ ދައްކާނެ. މަންމައަށް އެނގޭނެ އަހަރެންގެ ވަރަށް ކުޑައިރު އެތަނަށް އެކަނި ދާން ފެށިކަން. ގެއަކާއިވެސް ދުރެއް ނޫން ވިއްޔަ. އަހަރެން އެތަނަށް ދަނީ އެތާ އިންނަން ހިތްހަމަ ޖެހޭތީ. އަދި މިހާތަނަކަށް އެއްވެސް ކަހަލަ ނުރައްކާތެރި ކަމަކާއި ދިމައެއް ނުވޭ.“  ”މި ހުސެއިންގެ އަނގަޔަކުން ނާރާނެ. މަންމަ މިބުނަނީ ހުސެއިން އެތަނަށް ދާކަށް މަންމަ ޤަބޫލެއް ނޫނޭ. ދެން އެނިމުނީނު.“ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރެ މަންމަ ބުނެލިއެވެ. މަންމަގެ އެ ވާހަކަތަކަށް އިތުރަށް ރައްދު ނުދިނުމަށް އަހަރެން ނިންމީމެވެ.

(ނުނިމޭ)

 

މި ލިޔުމާ ގުޅޭ