މުޖުތަމަޢުގެ ކޮންމެ މެމްބަރެއްހެން ތިމާއާއި ދިމާއަށް ތިޔައީ މޮޔައެކޭ ގޮވަންފެށުމުން ތިމާއަށް ހީވާނީ ހަގީގަތުގައިވެސް ތިމާއަކީ މޮޔައެއްކަމަށެވެ. ރަސޫލުﷲ ﷺ ދީނަށް ގޮވައިލައްވަން ފެއްޓެވުމާއެކު މުޅި މައްކާ ކަހަލަގޮތަކަށް އެކަލޭގެފާނާއި ދެކޮޅަށް ތެދުވިއެވެ. އަދި އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ދޮގުވެރިއެއްކަމަށާއި ސިހުރުވެރިއެއްކަމަށް ގޮވިއެވެ. މިކަމުގެ ސަބަބުން ޚުދު އެކަލޭގެފާނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގަތެވެ. މިފަދަ ކޮންމެ ހާލަތެއްގައި ﷲ ވަހީ ބާވައިލައްވައި އެކަލޭގެފާނަށް ޔަގީންކަންދެއްވިއެވެ. އެގޮތުން ސޫރަތުލް ރަޢުދުގެ 43 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. މިކަމުން އެނގިކަށަވަރުވަނީ ރަސޫލުﷲ ގެ މާތްކަން އެހެން އެއްވެސް މަޚުލޫޤަކާއި އަޅާނުކިޔޭނެކަމެވެ.
ރަސޫލުﷲ ﷺ އަރިހުގައި އެކަކުނެތަސް އެކަލާނގެ ވޮޑިގެންވަނީ އެކަލޭގެފާނާއި އެކުގައިކަން އެންގެވިއެވެ. ތަކުރާރުކޮށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތަސް އެކަލޭގެފާނަށް ﷲ އެކަނި ފުދޭކަމަށް އެންގެވިއެވެ. ދީނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނާއި ކުރިމަތިވާނެ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވިއެވެ. އެހެންކަމުން ދުރާލާ ﷲ އެކަލޭގެފާނުގެ ކިބައިން އެދިވަޑައިގަތީ ﷲ އަށް ޓަކައި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމަށެވެ. އެގޮތުން ސޫރަތުލް މުއްދައްޘިރުގެ 7 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. އެކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ބޭކަލުންނާމެދު ކަންވީގޮތް ސާފުބަހުން ބަޔާންކޮށްދެއްވިއެވެ. ޔާސީން ސޫރަތުގެ 13 އަދި 14 ވަނަ އާޔަތަކީ އެފަދަ މިސާލުތަކެވެ. މިއިން އަންގައިދެނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި އެކަލޭގެފާނަށް ޔަގީންކަން ދެއްވި މިންވަރެވެ.
ކީރިތި ޤުރްއާނަށް މީސްތަކުން އިންކާރުކުރުމުންވެސް ﷲ، ރަސޫލު ﷲ ﷺ ހިތްވަރުދެއްވީ ޢިއްޒަތާއި ޝަރަފުންނެވެ. ކީރިތި ޤުރްއާނަށް އެންމެން ފުރަގަސް ދިންނަމަވެސް ނުވަތަ އެޤުރްއާނަށް އެކަކު ތަބާނުވިނަމަވެސް ﷲ އެޤުރްއާނަށް ހެކިވެވޮޑިގެންވާކަމަށް އެންގެވިއެވެ. ހަމައެފަދައިން އެކަލާނގެ މަލާއިކަތުންވެސް ކީރިތި ޤުރްއާނަށް ހެކިވެޑައިގަންނަވާކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 166 ވަނަ އާޔަތަކީ އެފަދަ ފުރިހަމަ މިސާލެކެވެ. ހަގީގަތުގައި ﷲ މިދެއްވާ މެސެޖަކީ ޝަހާދަތް ކިޔާނެ އެންމެ މީހަކުނެތަސް ﷲ އާއި މަލާއިކަތުން އެކަމަށް ފުދޭކަމަށެވެ. މިފަދަ ލޯތްބާއި އިހުތިރާމްގެ ބަސްފުޅުތަކުން ރަސޫލުﷲ ﷺ ގެ މަތިވެރިކަން ހާމަވެ ފާޅުވެއެވެ.
ﷲ، އެކަލާނގެ ރަސޫލާ ﷺ ގެ ދަރަޖަ މަތިކުރައްވަމުން އިންޝިރާ ސޫރަތުގެ 4 ވަނަ އާޔަތުގައި އަންގަވަނީ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. ވިސްނާށެވެ! ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ތަނެއްގައި ރަސޫލުﷲ ﷺ ގެ ނަންފުޅުވެއެވެ. ޝަހާދަތުގެ ދެ ކަލިމައިގައި އެނަންފުޅުވެއެވެ. ބަންގިއާއި ޤަމަތުގައި އެކަލޭގެފާނުގެ ނަންފުޅުވެއެވެ. ނަމާދެއް ފުރިހަމަވަނީ އެނަމާދެއްގައި އެކަލޭގެފާނަށް ޞަލަވާތްކިޔަވައިގެންނެވެ. ހުކުރު ޚުޠުބާ ފުރިހަމަވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިގެންނެވެ. އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަންޖެހެއެވެ. އެކަލޭގެފާނަށް ޞަލަވާތްނުކިޔާ މީހާ ފާފަވެރިވެއެވެ. އަދި އެކަލޭގެފާނަށް ތަބާނުވުން ކުފުރުގެތެރޭގައި ލެއްވިއެވެ.
-ނުނިމޭ






