ރަސޫލުންނާއި ނަބިއްޔުން ﷲ ވަނީ ފާފައާއި ކުށުން ބަރީއަކުރައްވާފައެވެ. އަދި އެބޭކަލުންނަކީ ﷲ އިޚުތިޔާރުކުރައްވައި މާތްކުރައްވައިފައިވާ އެކަލާނގެ މަންދޫބުންނެވެ. އެހެންކަމުން އެބޭކަލުންގެ ހުރިހާ ކަމެއް ހުންނަންޖެހުނީ ﷲ ރުހިވޮޑިގެންވާގޮތަށެވެ. ﷲ އެބޭކަލުންގެ ދަރަޖަ ކިތަންމެބޮޑަކަށް އުފުއްލެވިޔަސް އެބޭކަލުންނަކީ އިލާހީ ބޭކަލުންނެއްނޫނެވެ. މިކަން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. ރަސޫލުންނާއި ނަބިއްޔުންނަށް އިރުޝާދުދެއްވީ ﷲ އެވެ. އެއީ މަލާއިކަތުން މެދުވެރިކުރައްވައެވެ. އެގޮތުން އެބޭކަލުންގެ ނިންމެވުންތަކާއި އަމަލުފުޅުތައް ﷲ ރުހިވޮޑިގަންނަވާގޮތަށް އެކަލާނގެ އިސްލާހުކުރެއްވިއެވެ.
ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވި އެއްގޮތަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާގޮތަށް ކަންކަންކުރެއްވުމުގެ އިޚުތިޔާރު އެކަލޭގެފާނަށް ދެއްވައިގެންނެވެ. އެގޮތުން ރަސޫލުﷲ ﷺ ކުރެއްވި އެއްވެސް ކަމެއް ﷲ ނުހުއްޓުވައެވެ. މިކަމުން ރަމްޒުކޮށްދެނީ ﷲ ގެ ލޯބި އެކަލޭގެފާނުގެ މައްޗަށްހުރިވަރެވެ. ﷲ، އެކަލާނގެ ރަސޫލާ ﷺ އިސްލާހުކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެއެވެ. އެކަމަކު ﷲ، ރަސޫލުﷲ ﷺ އިސްލާހުކުރެއްވީ އެކަލޭގެފާނު މަތިވެރިކުރައްވައި ދަރަޖައުފުއްލަވައިގެންނެވެ. އެކަލޭގެފާނު ކަމެއް ކުރެއްވުމުން ނުވަތަ ކަމެއް ނުކުރައްވައި ދޫކޮށްލެއްވުމުން ﷲ އެކަމުގައި އިރުޝާދުދެއްވީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައިގެންނެވެ. މިފަދަ ކިތަންމެ ހާދިސާއެއް ކީރިތި ޤުރްއާނުން ފެންނަންއެބައޮތެވެ.
މައްކާ ފަތަހަކުރެއްވުމާއެކު ރޫމީންގެ ހަމަލާއަކަށް މުސްލިމުން ތައްޔާރުވާންޖެހުނެވެ. އެގޮތުން ގަދަވެސަލާމަތުން ހުރި ކޮންމެ މުސްލިމް ފިރިހެނަކު މުސްލިމް ލަޝްކަރާއި ގުޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. މިކަމާގުޅިގެން ހަނގުރާމަކުރެވެން ނެތް މުސްލިމް ފިރިހެނުން ސަބަބު ބަޔާންކޮށްދޭންޖެހުނެވެ. ދެން މުސްލިމުންނަށްވެގެންތިބި މުނާފިޤުން އެކަލޭގެފާނުގެ އަރިހުގައި އުޒުރުގެގޮތުގައި ފާޑުފާޑުގެ ބަހަނާތައް ދެއްކިއެވެ. ޖަވާބުގައި އެމީހުންނަށް ރަސޫލުﷲ ﷺ އެންގެވީ ގޭގައިތިބުމަށެވެ. ﷲ މިކަމާރުހިވޮޑިނުގެން ތައުބާ ސޫރަތުގެ 43 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ އާއި ސުވާލުކުރެއްވިއެވެ. މިއާޔަތުގައި ﷲ ސުވާލުކުރެއްވީ އެކަލޭގެފާނަށް ޢަފޫކުރެއްވުމަށްފަހުއެވެ. މިކަމުން އެނގިކަށަވަރުވަނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ.
މީހަކަށް ކަމެއް ގޯސްކޮށް ކުރެވުނީމަ އެކަމުގައި ވާހަކަދައްކާއިރު މުޚާޠަބުކުރާނީ އެމީހާއަށެވެ. އެގޮތުން އެމީހާއަށް މުޚާޠަބުކުރާނީ ތިބާ މިމޭރުމުންނެވެ. އެއްދުވަހަކު ރަސޫލުﷲ ﷺ ޣައިރު މުސްލިމުންގެ މުހިންމު ޝަޚުސިއްޔަތަކަށް އިސްލާމް ދީން ބަޔާންކޮށްދެއްވަނިކޮށް ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. އެވަގުތު އެކަލޭގެފާނަށް އެމީހާއަށް ސަމާލުކަން ނުދެއްވުނެވެ. މިކަމާ ﷲ ރުހިވޮޑިނުގަތްކަން ވަގުތުން އެންގެވިއެވެ. އެކަމަކު ﷲ ގެ ވަހީގެ ބަސްފުޅުގައި އޮތީ އޭނާ މޫނު ހެއްދެވި ވާހަކައެވެ. ކަލޭގެފާނު މޫނުހެއްދެވިކަމަކަށްނޫނެވެ. މިއީ އިސްލާހުކުރެއްވުމުގައިވެސް ރަސޫލުﷲ ﷺ ގެ ދަރަޖަ ﷲ އުފުއްލެވިގޮތެވެ. މިކަމުން އެނގެނީ އެކަލޭގެފާނަށް އަޅުގަނޑުމެން މާތްކޮށްހިތަންޖެހޭވަރުގެ ބޮޑުކަމެވެ.
-ނުނިމޭ






