މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 11, 2026

ތަހުރީމް ސޫރަތުން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ރަސޫލުﷲ ﷺ ގެ ލޮބުވެތި އަނބިކަނބަލަކަށްވެސް އެކަލެގޭފާނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކުޑައިމީސްކޮށް ހިތުމަށް ޖާގަނެތްކަމެވެ. ރަސޫލުﷲ ﷺ ގެ ދެއަނބިކަނބަލުންނަށް އަމާޒުކޮށް ﷲ އެންގެވީ އެކަނބަލުންނަށް ތައުބާގެ ދޮރު އޮތްކަމަށެވެ. އެހެންނޫންނަމަ ﷲ އާއި ޖިބުރީލުގެފާނާއި މަލާއިކަތުންނާއި މޫމިނުން އެކަލޭގެފާނުގެ ހިމާޔަތުގައި ތިއްބެވިކަމަށެވެ. މިކަމުން އެނގިކަށަވަރުވާކަމަކީ ﷲ އެކަލާނގެ ނަބިއްޔާ ﷺ ގެ ދަރަޖަމަތިވެރިކުރެއްވި މިންވަރެވެ.

ޙުޖުރާތު ސޫރަތް ފައްޓަވަމުން އީމާންވި މީހުންނަށް ﷲ އަންގަވަނީ އެއިލާހާއި ރަސޫލުﷲ ގެ ކުރިއަށް އެއްވެސްކަމެއް އިސްނުކުރުމަށެވެ. ޔަޢުނީ އެއްވެސް މީހެއް ނުވަތަ އެއްވެސް ތަނެއް ނުވަތަ އެއްވެސް އެއްޗެއް ނުވިތާކަށް އެއްވެސް ފަލްސަފާއެއް ﷲ އާއި ރަސޫލުﷲ ﷺ އަށްވުރެބޮޑަށް އިސްނުކުރެވޭނެކަމެވެ. މިއާޔަތުންވެސް ހާމަވެ ކަށަވަރުވަނީ ﷲ އެކަލާނގެ ނަބިއްޔާ މާތްކުރެއްވިވަރެވެ. ހުޖުރާތު ސޫރަތުގެ ދެވަނަ އާޔަތަށް ފިކުރު ހިންގާއިރު ރަސޫލުﷲ ﷺ އަޑުފުޅަށްވުރެ ގަދައަށް އަޑުއުފުލުން މުސްލިމުންނަށް މަނަލެވެ. މިއަދު އަޅުގަނޑުމެންނާއެކު އެކަލޭގެފާނުގެ އަޑުފުޅެއްނުވެއެވެ. މިއަދު އަޅުގަނޑުމެންނާއެކުގައިވަނީ އެކަލޭގެފާނުގެ ސުއްނަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުއްނަތުގެ މައްޗަށް އެހެން އެއްވެސް ނެރެޓިވްއެއްގެނައުން އަޅުގަނޑުމެންނަކަށް ހުއްދައެއްނޫނެވެ. މިކަމުންވެސް ފާޅުކޮށްދޭ ކަމަކީ އެކަލޭގެފާނުގެ މަތިވެރިކަމެވެ.

ﷲ އެކަލާނގެ ރަސޫލާ ނޫރެއްފަދައިން ސިފަކުރައްވާފައިވެއެވެ. އެނގިވަޑައިގަންނަވާނޭފަދައިން އިންސާނާއަށް އޭނާގެ ވަށައިގެންވާ ދުނިޔެ ފެންނަނީ އަލިކަމުގެ ސަބަބުންނެވެ. ލޮލުގެ ނޫރު ހުރިކަމުގައިވިޔަސް ދުނިޔޭގައި އަލިކަމެއްނުވާނަމަ އެމީހަކަށް ނުފެންނާނެއެވެ. ހަމައެގޮތަށް ލޮލުގެ ނޫރު ނުވާ މީހާއަށް ދުނިޔޭގައި ކިތަންމެބޮޑު އަލިކަމެއް ހުއްޓަސް އެއްވެސް އެއްޗެއްނުފެންނާނެއެވެ. ފެނުމަށްޓަކައި ލޮލުގެ ނޫރެކޭ އެއްފަދައިން ދުނިޔޭގައިވެސް އަލިކަން ހުންނަންޖެހެއެވެ. އަޙުޒާބު ސޫރަތުގެ 46 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ ގެ ދަރަޖަ އުފުއްލެވުމުގެގޮތުން ﷲ އެކަލޭގެފާނު ސިފަކޮށްދެއްވީ އަލިކުރާ ބައްތިއެއްފަދައިންނެވެ. އަދި އެކަލާގެފާނު ގޮވައިލައްވަނީ ﷲ ގެ އިޒުނާފުޅާއެކު އެކަލާނގެ ދީނަށް ކަމުގައި ވަޙީކުރެއްވިއެވެ. މިކަމުންވެސް ދަލީލުކޮށްދެނީ ނަބިއްޔާ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ.

އަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ﷲ އެކަލާނގެ ނަބިއްޔާ ﷺ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައެވެ. މިއާޔަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިކަން ކަށަވަރުވެއެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށްޓަކައި ވެވަޑައިގަންނަވާ ޤުރްބާނީވެސް މިއާޔަތުން އެނގެއެވެ. އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ޢިއްޒަތްދީ، އެކަލޭގެފާނަށް ނަސްރުދީ، އެކަލޭގެފާނަށް ބާވައިލެއްވި ފޮތުގައި ހިފާ މީހުންނަކީ ދިންނަވާނޭ މީހުންކަމުގައި ﷲ އަންގަވައެވެ. މިއިން އެނގިކަށަވަރުވަނީ ﷲ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާފައިވާވަރެވެ. އަދި އެކަލޭގެފާނަށް ކަމޭނުހިތައި އެކަލޭގެފާނަށް ޢިއްޒަތްނުދިން ބަޔަކު ގެއްލިހަލާކުވާނޭކަންވެސް މިއާޔަތުން ކަށަވަރުވެއެވެ.

-ނުނިމޭ

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *