ކްލަބް އެމްސީއެލްޕީގެ މަދަޙަ މުބާރާތް ބާއްވައިފި

ހިރި ނިއުސް
މާރޗް 1, 2026

މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މި ރަމަޟާންމަހަށް ޚާއްސަކޮށްގެން މަދަޙަ މުބާރާތެއް ބާއްވައިފިއެވެ.

މި މަދަޙަ މުބާރާތް ކުރިއަށް ދިޔައީ ރޭ މިނިސްޓްރީގެ ކުޅިވަރު ފެންޑާގައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިއީ ކްލަބް އެމްސީއެލްޕީ އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގްރޫޕް މަދަޙަ ކިޔުމުގެ ބައިން 1 ވަނަ ޙާޞިލުކުރީ އެޑްމިނިސްޓްރޭޓިވް ސެކްޝަނުންނެވެ. އެ ސެކްޝަނުން ހުށަހަޅައިދިން މަދަހަ އަކީ “އިތުރު ރަސޫލާ“ އެވެ.

ގްރޫޕު މަދަޙަ ކިޔުމުން ދެވަނަ ހޯދީ ޕްރޮޖެކްޓް ޑިޕާޓްމަންޓުންނެވެ. 3 ވަނަ ހޯދީ އެގްޒެކްޓިވް ބިއުރޯ ޑިޕާޓްމަންޓުންނެވެ.

ވަކިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން އެއްވަނަ ލިބުނީ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ އެސިސްޓެންޑް ޑިރެކްޓަރ އާމިނަތު ޝަމީޒާއަށެވެ. ދެވަނަ ޑެޕިއުޓީ މިނިސްޓަރ މައުރޫފް ހުސެއިން އަށެވެ. 3 ވަނަ ހޯދީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ހަސަން ނިޒާރެވެ.

އެއް ވަނަ ހޯދި ޓީމަށާއި، އެއްވަނަ ހޯދި މަދަޙަ ކިޔުންތެރިޔާއަށް އިނާމާއި، ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރުއެވެ.

މިއީ ކްލަބް އެމްސީއެލްޕީން މަދަހަ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

މި ލިޔުމާ ގުޅޭ