ހަނގުރާމައިގައި އިޒުލޭރުގެ ޙަޤީޤީ ހާލަތު

ޢަބްދުﷲ ސަޢީދު
މާރޗް 10, 2026
ކޮންމެ ހަނގުރާމައެއްގައި ވެސް ހަނގުރާމަ ފެށުމަށްފަހު އެންމެ ތަދު އެއްޗަކީ ތެދު ޚަބަރެވެ. އިޒުރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިޒުރޭލާއި އެމެރިކާއިން މީޑިއާ ކޮންޓްރޯލުކުރާލެއް ބޮޑުކަމުން އިޒުރޭލަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުން އަދި ވަރަށް ދައްޗެވެ. އީރާނުންދޭ ހަމަލާތަކުގައި އިޒުރޭލަށް ލިބޭގެއްލުންތަކުގެ ޚަބަރުތައް ދުނިޔޭގެ ޚަބަރު ފަތުރާ ބޮޑެތި ވިއުގަތަކުން ގެނެސްދެނީ ޒަޔަނިސްޓު އިޒުރޭލުގެ ސަރުކާރުން ދޭ ގޮތަކަށް ކަމަށް ވާތީ މި ހަނގުރާމައިން އިޒުރޭލަށް މާ ބޮޑުކަމެއް ވާހެން ހީނުވެދާނެއެވެ. އިޒުރޭލަށް ލިބޭ ގެއްލުންތަކުގެ ޚަބަރާއި ފޮޓޯއާއި ވީޑިއޯ ނަގައި ފެތުރުން އޮތީ އެ ޤައުމުގައި ހަރުކަށިކޮށް މަނާކޮށްފައެވެ. ބޮޑެތި އަދަބުތައް ދެވޭގޮތަށް ގާނޫނުތައް ވަނީ ހަދާފައެވެ. އިޒުރޭލުން އެކިގޮތްގޮތުން ލިބެމުންދާ ޚަބަރުތަކުގެ މައްޗަށް ދުނިޔޭގެ އަސްކަރީ ތަޖުރިބާކާރުން ދަނީ ވާހަކަ ދައްކައި ލަފާކުރުންތައް ހާމަކުރަމުންނެވެ. ލިބެމުންދާ މިފަދަ ޚަބަރުތަކަށް ބިނާކޮށް ބައެއް ރިޕޯޓްތައް ބުނާގޮތުގައި:-
* އިޒުރޭލުގެ ކޮންމެ ރައްޔިތަކުން ވެސް އެ މީހެއްގެ ސަލާމަތް އެ މީހަކު ހޯދުމަށް ޔަހޫދީ ދައުލަތުން ގޮވާލައިފިއެވެ. އިޒުރޭލު ސަރުކާރަށް އެ ޤައުމުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދެވެން ނެތްކަމަށް ރަސްމީކޮށް ސަރުކާރުން މިހާރު ވަނީ ބުނެފައެވެ. މިއީ އިޒުރޭލުގެ ހަޔާތުގައި މިފަދަ ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ދުނިޔޭގެ އެތަންމިތަނުން ޔަހޫދީން ގެންގޮސްގެން ފަލަސްތީނުގެ ބިންތައް އިތުރަށް ފޭރެމުން ޔަހޫދީން ވަޒަންވެރި ކުރަމުން ދެމުންދިޔަ ޔަގީންކަން މިހާރު ނެތްކަން ރަސްމީ ބަޔާނަކުން ހާމަކުރަންޖެހުނު ލަދުވެތި ހާލަތެވެ.
* އީރާނުން ދެމުންދާ ހަމަލާތަކުގައި އިޒުރޭލުގެ އަސްކަރީ އިންފްރާސްޓްރެކްޗަރގެ ބިމުން މައްޗަށް ހުރި ތަނެއް ވިއްޔާ ވަނީ ސުންނާފަތި ކޮށްލައިފައެވެ. މިއީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެކެވެ. މިގޮތުން އަސްކަރީ މަރުކަޒުތަކާއި އަސްކަރީ އެއަރޕޯޓުތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައެވެ. މި ސަބަބާހުރެ އީރާނާ ހަމަލާ ދިނުމަށް މިހާރު އިޒުރޭލުން ބޭނުންކުރަނީ އެހެން ޑެސްޓިނޭޝަންތައްކަމަށް ރިޕޯޓްތައް ބުނެއެވެ.
* އީރާނުން މިހާރު ވަނީ ޒަޔަނިސްޓް އިޒުރޭލުގެ ސަރުކާރުގެ އިސް މީހުންގެ ގެތަކާއި އިމާރާތްތައް އަމާޒުފަތްގަނޑަކަށް ހަދާފައެވެ. އެތަންތަން ބިމާ ހަމަވަމުން ދިއުމަކީ އިތުރު ބޮޑު ބިރުވެރިކަމެއް ފެށިފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން އިޒުރޭލުގެ ހަރުކަށި ބޮޑުވަޒީރުގެ ޣައިރު ޤާނޫނީ އަދި ލާއިންސާނީ ސިޔާސަތާމެދު ޚިޔާލުތައް ތަފާތުވެ މައްސަލަތައް ދަނީ ބޮޑުވަމުންނެވެ.
* އީރާނުން އެންމެފަހުން ބޭނުންކުރަންފެށި ހުރަމްޝާރް 4 އާއި، ހައިބަރުޝައިޚް މިސައިލުގެ އިތުރުން އަލްފައްތާޙު 1 އަދި 2 ގެ މިސައިލްތަކަކީ އިޒުރޭލުގެ ވައިގެ ދިފާޢީ ނިޒާމަށް ނުގުޑާ، މާ ”ލާނެތް“ އަދި ބަސްނާހާ މިސައިލްތަކެއްކަން ވަނީ ކަށަވަރު ވެފައެވެ. މިހާތަނަށް މި ވައްތަރުތަކުގެ މިސައިލް އީރާނުން ބޭނުންކުރީ އަޖުމަ ބަލާލުމަށް ވަރަށް މަދުންކަމަށް ވެއެވެ. އިރާނުން މިހާރު ބޭނުންކުރާ މިސައިލުތަކަކީ ދެހާހުގެ ކުރީކޮޅުގެ އުފެއްދުންތަކެވެ. ފަހުން އުފައްދައި އަދި ޓެސްޓް ވެސް ކޮށްފައިވާ އެންމެ ޒަމާނީ ސޮޓިސްފިކޭޓް ހަތިޔާރުތައް އަދި ބޭނުން ނުކުރާކަމަށް އީރާނުން ބުނާ ބުނުމަކީ އިޒުރޭލާއި އެމެރިކާ ވެސް އެންމެ ޖެހިލުންވާ މައްސަލައެވެ.
* އީރާނުން ގަތަރާއި އުރުދުންނާއި ބަހުރެއިނަށް ދިން ބާރުގަދަ ހަމަލާތަކުގައި އެ ޤައުމުތަކުގައި އެމެރިކާއިން ބަހައްޓާފައިވާ ސިއްރު ދިފާޢީ ރާޑަރ ސިސްޓަމު ވަނީ ފުނޑުފުނޑުކޮށްލައިފައެވެ. މިއީ އެމެރިކާއިން އިޒުރޭލު ހިމާޔަތްކޮށްދިނުމަށް ޖާމިނުވެފައި އޮތް އޮތުމާއި، އެމެރިކާއިން މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކާއި މަނަވަރުތައް މެދުވެރިކޮށް އީރާނަށް ހަމަލާދިނުމުގެ ގާބިލުކަން ގެއްލުންފަދަ ކަމެކެވެ.
* އީރާނުން ވަނީ އިޒުރޭލުގެ ޑިމޫނާ ނިއުކްލިއަރ ސިއްރު މަރުކަޒާއެކު އިންޓެލިޖެންސް އިދާރާގެ މުހިންނު އިމާރާތެއް ވެސް ސުންނާފަތި ކޮށްލާފައެވެ. ޑިމޫނާ ނިއުކުލިއަރ މަރުކަޒަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އިޒުރޭލުގެ ނިއުކްލިއަރ މަޝްރޫޢަށް އިޔާދަ ނުކުރެވޭވަރަށް ވަނީ ގެއްލުން ލިބިފައެވެ. މިއީ މި މަޝްރޫޢު ބައި ގަރުނު ފަހަތަށް ސޮސްލުމެއް ކަމަށް ބުނެވެއެވެ.
މި ގެއްލުންތައް އިޒުރޭލަށް ވެގެންދާއިރު އީރާނަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އިރާނުން ގިނިކަންޏާ ހަނގުރާމަ ކުރަމުންދަނީ ދުނިޔޭގެ އަސްކަރީ އަދި އިގުތިސާދީ އެންމެ ބޮޑުބާރުކަމުގައިވާ އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ހުރިހާ ޤައުމުތަކާއި އެމެރިކާއިން އަސްކަރީ ގޮތުންނާއި މާލީގޮތުން ސުމާރެއްނެތި އެހީވާ ޒަޔަނިސްޓް އިޒުރޭލާ ދެކޮޅަށްކަން ހަނދާންކުރަން ޖެހެއެވެ. އެމެރިކާއާއި ހުޅަނގުން ހުސްނުވަނީހެއް އިޒުރޭލުން ހަތިޔާރު ހުހެއް ނުވާނެއެވެ. އެ ހަތިޔާރުން ކުޑަކުދިންނާއި އަންހެނުން ހިމޭގޮތަށް ވިހާގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުކޮށް، ސްކޫލުތަކާއި ހަސްފަތާލުތައް ބިމާ ހަމަކޮށް، ފެނާއި ނަރުދަނާގެ ނިޒާމު ފުނޑުފުނޑުކޮށް ތެޔޮ ނަގާ ސާފުކުރާ ތަންތަނަށް ހަމަލަދީ ދެވުނު އެންމެ ބޮޑު ގެއްލުމެއް ދެވޭތޯ ޒަޔަނިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ޒަޔަނިސްޓުންގެ އަނިޔާވެރި އަދި ލާއިންސާނީ ހަމަލާތަކުގެ ކުރިމަތީގައި ވެސް ލާއިންސާނީ ޖަރީމާތައް ނުހިންގައި އީރާނުން ކުރާ މަތިވެރި ޖިހާދުގައި ދައްކައިދޭ އިސްލާމީ ރިވެތި އަޚުލާޤާއި ކެތްތެރިކަމުން ދުނިޔެ ވަނީ ހައިރާންވެފައެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ – محمد : 7 – އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ.“
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މުސްލިމުންގެ އަދުއްވުން ބަލިކުރައްވައި ނިކަމެތިކުރައްވައި އެވެރިންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވައި މުސްލިމުން ޢިއްޒަތްތެރި ކުރައްވާށިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *