އީރާނުގެ ގެއަކަށް ހަމަލާދީ ފަސް މީހުން ޝަހީދުކޮށްލައިފި

އަހުމަދު މުހައްމަދު
މާރޗް 10, 2026

އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ އަރަކް ސިޓީގެ ގެއަކަށް އެމެރިކާއި އިސްރާއީލުން ދިން ވައިގެ ހަމަލައެއްގައި ފަސް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމް ވެފައިވާކަމަށް އީރާނުގެ އިސްނާ ނޫހުން ރިޕޯޓުކޮށްފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމަށް ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގުޗީ ވިދާޅުވީ އެމެރިކާއި އިސްރާއީލުން ކިތަންމެ ހަމަލައެއް ދިނަސް އީރާނުން ހަނގުރާމާ ކުރިއަށް ގެންދާނޭ ކަމަށެވެ.

މިހަނގުރާމައިގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދު ވުމުން އެގައުމުގެ ރައްޔިތުން މިހާރުވެސް ދަނީ މަގުތަކަށް ނުކުމެ ހިތާމަ ފާޅުކުރަމުންނެވެ. އަދި ބަދަލު ހިފުމަށް އީރާނުގެ ސަރުކާރަށް ދަނީ ގޮވައިލަމުންނެވެ. މީގެ އިތުރުން އެމީހުން މިހާރު ގެންދަނީ އައު ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް ބައިއަތު ހިފައި ތާއީދު އޮތްކަން އަންގައި އަޑު އުފުލަމުންނެވެ. މިއީ އީރާނަށް ޙަމަލާ ދެމުންދާ ގައުމުތަކަށްދޭ މެސެޖެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މިހަނގުރާމަ ހުއްޓާލުމަށް އެދި ޗައިނާ، ރަޝިއާ އަދި ފްރާންސް ފަދަ ބައެއް ގައުމުތަކުން އީރާނުގެ މަސްއޫލުވެރީންނަށް ގުޅާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ. މިއީ އެމެރިކާގެ ރައީސް ޓްރަމްޕަށް ހަނގުރާމައިގެ މައިދާނުގައި ކެތް ނުވެގެން އޭނާގެ އެދުމުގެ މަތީ ގުޅާ ގުޅުމެއް ކަމަށް ވެސް މައޫލޫމާތު ވަނީ ލިބިފައެވެ. އެހެން ނަމަވެސް އީރާނުން ބުނަމުން  އަންނަނީ ހަނގުރާމަ ހުއްޓާލަންވީމާ އެނގޭނީ ސީދާ އީރާނަށް ކަމަށެވެ.

މިހަގުރާމައިގެ ދިވަހަވަނަ ދުވަހާ ހަމައަށް އިރު އީރާނުން ވަނީ 1،255 މީހުން މަރުވެފައެވެ. އޭގެއިތުރުން 10،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ މީހުން ދިރިއުޅޭ ތަންތަނަށް ހަމަލާދޭން ފެށުމުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރް ވަނީ އެ ހަމަލާތަކަށް ހަރުކަށި ރައްދު ދޭނޭ ކަމަށް ބުނެ އިންޒާރު ދީފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *