އެމެރިކާ ބޭނުންވާ ގޮތަށް މި ހަނގުރާމަ ކުރިޔަށް ނުދާކަން އެނގޭ ހެއްކަކީ ހަނގުރާމަ ހުއްޓާލަން އެމީހުން ބޭނުންވާތީއެވެ. އަދި އީރާން އޮތީ ގަދަކޮށް ކަން އެނގޭ ހެއްކަކީ އީރާނުން ހަނގުރާމަ ހުއްޓަން ބޭނުން ނުވާތީއެވެ. މި ހަނގުރާމައިގެ ލަނޑުދަޑި ތަކެއް ކަމުގައި އިޒްރޭލާއި އަދި އެމެރިކާ އިން ބޭނުންވީ އީރާނުގެ އިސްލާމީ ސަރުކާރު ވައްޓާލައި، އެގައުމަށްވެސް ”ޑިމޮކްރަސީ“ ގެނެސް އެތާގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައި އީރާނުގެ ތެޔޮ އަތް ދަށުލުމެވެ. ﷲ ﷻ ގެ ރަޙުމަތްޕުޅުން މިއިން އެއްވެސް ކަމެއް ޙާޞިލް ވާތަނެއް ނުފެނެއެވެ. ޝައިޠާނީ ބާރުތަކުން އީރާނަށް ބޮޑެތި ގެއްލުންތައް ދޭނެއެވެ. އެތައް ހާސް ބަޔަކު ޝަހީދު ކުރާނެއެވެ. ރަށްތައް ފުނޑުފުނޑު ކުރާނެއެވެ. ނަމަވެސް އިސްލާމީ އުންމަތުގެ މޭގަނޑުގައި ވަކިހިއްޕާލާފައިވާ ކެންސަރު ކަމުގައިވާ އިޒްރޭލް ބަލިކޮށް އުފުރާލެވޭނީ ބަޔަކު ހަނާ ވެގެންނެވެ.
މި ހަނގުރާމައިގައި އީރާނަށް އޮތީ، އެތާގެ އިސްލާމީ ނިޒާމުގެ ސަރުކާރު ވެއްޓުނަނުދީ އަދި ގައުމު ފޮތިފޮތި ވިޔަނުދީ ދުވަސްގަނޑަކަށް ހިފަހައްޓާލުމެވެ.
އިޒްރޭލާއި އެމެރިކާއާއި ޔޫރަޕްގެ ޢާންމުންނަކީ އެހާ ކެތްތެރި ބައެއް ނޫނެވެ. އެމީހުން ބޭނުންވާނީ އެމީހުން އަރާމުގައި ތިބެ، އެމީހުންގެ ސިފައިންގެވެސް މާގިނަ ބަޔަކު މަރުނުވެ އެހެން ގައުމުތައް ސުންނާފަތި ކުރާށެވެ. ނަމަވެސް މިއަދު އެހެން ނުވާނޭކަން އީރާނުން ދައްކައިދީފިއެވެ. އީރާނަށް އިސްވެ ދިން ޙަމަލައިގެ ހިތިރަހަ އެމީހުންގެ ކަރުބުޑުގައި ލައްވައިފިއެވެ.
އީރާނުން ދެމުންދާ ވަރުގަދަ މިސައިލް ޙަމަލާތަކުގެ ސަބަބުން ހިފާފައިވާ ފަލަސްޠީން ނުވަތަ ”އިޒްރޭލް“ ގެ ޠަލްޢަވީވްއާއި ޙައިފާ ފަދަ ބޮޑެތި ރަށް ތަކަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި އެރަށްރަށުގެ ޢުމްރާނީ އޮނިގަނޑު (އިންފްރާސްޓްރަކްޗަރ) ގެ ބޮޑު ބައެއް ސުންނާފަތިވެފައެވެ. ޙަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އެތައް މިލިއަން ބަޔަކު ވަނީ ބިންގަރާސްތަކާއި ”ބޮންހިޔާ“ ތަކަށް ފައިބައި، ބިރުވެރިކަމުގެ ތެރޭގައި ރޭތަކާއި ދުވަސްތައް ހޭދަކުރަން ޖެހިފައެވެ. އިޒްރޭލުގެ 10 މިލިއަން އާބާދީގެ ތެރެއިން ބޮޑު ބައި (އާބާދީގެ 75 އިންސައްތަ ކަމުގައިވާ 6.5 މިލިޔަން މީހުން) ދިރި އުޅެނީ ޠަލްޢަވީވް އާއި ޙައިފާ އާއި ދެ ރަށުގައެވެ. ނަމަވެސް އީރާނުގެ 91 މިލިއަން އާބާދީގެ ތެރެއިން 73 އިންސައްތަ މީހުން ދިރިއުޅެނީ ބޮޑެތި ސަހަރު ތައް ނޫން އެހެން ”އާރބަން“ ހިސާބު ތަކުގައެވެ. މިއީވެސް އެމެރިކާއާއި އިޒްރޭލަށް އޮތް ގޮންޖެހުމެކެވެ. އެމީހުން ޙަމަލާ ދޭން ޖެހެނީ އެތައް ސަތޭކަ ތަނަކަށެވެ. އީރާނަށް ޙަމަލާ ދޭން ޖެހެނީ މައިގަނޑު ގޮތެއްގައި އެންމެ ދެ ރަށަށެވެ.
މެދުއިރުމަތީގެ ޢަރަބި ގައުމު ތަކުގައި ހުރި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް ވަނީ އިޢާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިފައެވެ. ޔޫ.އޭ.އީ ގެ އަލް-ދާފްރާ އެއަރ ބޭސް އާއި ބަޙްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް އީރާނުން ދިން އަމާޒުސީދާ ޙަމަލާތަކުގައި އެމެރިކާގެ ޢަސްކަރީ ރާޑަރުތަކުގެ ގިނަ ބައެއް ވަނީ ހަލާކު ކޮށްލާފައެވެ. އިޒްރޭލުގެ ދިފާޢީ ނިޒާމުގެ ލޯ މިއަދު ވަނީ ވަރަށްބޮޑަށް ފުސް ވެފައެވެ. އީރާނުގެ މިސައިލް ތައް އަންނަ ކަމުގެ އިންޒާރު 12 މިނެޓް ކުރިން އިޒްރޭލަށް ލިބެމުން ދިޔަޔަސް މިއަދު އެމީހުނަށް ލިބެނީ އެންމެ މިނެޓެއްގެ ވަގުތު ކޮޅެކެވެ. މަރުވި ކަމަށް އެމެރިކާއިން އެއްބަސްވެފައިވަނީ އެމީހުންގެ އަށެއްކަ ސިފައިން ކަމުގައި ވީނަމަވެސް އެމެރިކާއާއި އިޒްރޭލުންވެސް އެމީހުން އެބުނާ މިންވަރަށްވުރެ މާގިނަ މީހުން މަރުވެފައިވާނޭ ކަމުގައި ވަނީ ބެލެވިފައެވެ. މީގެ އިތުރުން، އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ޖާގަދީގެން ތިބި ޣަދަރުވެރި ސަރުކާރުތައް އޮންނަ ޢަރަބި ގައުމުތަކަށް ވެސް މި ހަނގުރާމައިގެ ސަބަބުން ސަލާމަތީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެމެރިކާގެ ފުށުން އެމީހުނަން ރައްކާތެރި ކަމެއް ނުލިބުނުތާ އެތަންތާގައި ހުރި ދިފާޢީ މިސައިލްކޮޅުވެސް ދޮންފުތު އިޒްރޭލް ދިފާޢު ކުރުމަށް އުފުރާލައިގެން ގެންދިޔަ ކަމުގެ ލަދުވެސް އެމީހުން ވަނީ އުފުލަން ޖެހިފައެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދު ކޮށްލުމާއިއެކު ދުނިޔޭގެ ބާޒާރުތައް ވަނީ އިނދަޖެހިފައެވެ. ތެލާއި ގޭހުގެ ސަޕްލައި މެދުކެނޑުމުގެ ސަބަބުން ބައިނަލްއަގުވާމީ ޙިއްސާގެ ބާޒާރުތަކަށް ދަނީ ބިލިއަން ޑޮލަރުން ގެއްލުން ވަމުންނެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް އުފުލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ހުޅަނގުގެ ގައުމުތަކުގައި ޕެޓްރޯލާއި ޑީސަލްގެ އަގު އިންތިހާއަށް ބޮޑުވެ، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ވަނީ މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި، ޢާންމު މީހާގެ ޖީބަށް ވަނީ ބޮޑު ތަކްލީފެއް ކުރިމަތިވެފައެވެ. މީގެ އަސަރުތައް ވަނީ ރާއްޖެއަށްވެސް ކުރަން ފަށާފައެވެ.
އީރާނުން ވަނީ ”ވޯ އޮފް އެޓްރިޝަން“ (މަޑުގިނީގެ ހަގުރާމަ) އެއް ފަށާފައެވެ. ބޭނުމަކީ ދުޝްމިނުން އިނދަޖައްސަން މަޖުބޫރު ކުރުމެވެ. އެމެރިކާގެ ”ކްލަޔަންޓް“ ގަލްފް ޢަރަބި ގައުމު ތަކަކީ ވަރަށް ނާޒުކު ޙާލަތެއްގައި ތިބި ބައެކެވެ. އެމީހުންގެ ތެޔޮ ބޭރު ކޮށް، ކާބޯތަކެތި އެތެރެ ކުރަނީ ހުރުމުޒު ކަނޑުއޮޅި ތެރެއިންނެވެ. އެމަގު އެވަނީ ބަންދު ވެފައެވެ. ހިތާމަޔަކީ، ޢަރަބި ގައުމު ތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ކަމުގައިވާ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް މިކަންތަކުގެ އަސަރު ކުރާނޭ ކަމެވެ. ޔޫ.އޭ.އީ ގައި ހުރީ އެންމެ ހަފްތާއެއްހައި ދުވަހުގެ ކާބޯ ތަކެތި ކަމުގައި ބުނެވެއެވެ. ޢަރަބިންނާއި، ޖަޕާނާއި ދެކުނު ކޮރެއާ އާއި ފިލިޕިންސް ފަދަ އެމެރިކާއާއި ގުޅުން ބަދަހި ގައުމު ތަކަށް ދަތި ބޮޑުވީ ވަރަކަށް އެމީހުން އެމެރިކާއަށް ޕްރެޝަރ ކުރާނެއެވެ. ގަލްފް ޢަރަބި ގައުމުތަކުގެ ޑިޕްލޮމެޓިކް ވަފްދެއް ދެދުވަސް ކުރިން ރަޝިޔާއަށް ގޮސް އީރާން ހުއްޓުވައި ދިނުމަށް އެދުނެވެ. ނަމަވެސް އީރާނަށް އިސްވެ ޙަމަލާދީ އެގައުމުގެ ވެރިން އަވަހާރަކޮށްލައި، އީރާނުގެ ސްކޫލަކަށް ބޮން އަޅައި 170 ކުޑަކުދިން މަރާލުމުންވެސް ޢަރަބި ގައުމު ތަކުން އެކަމާމެދު ޗުއްޕުވެސް ނުބުނާކަން ރަޝިޔާގެ ޚާރިޖީ ވެރިން ޢަރަބި ވަފްދުތަކަށް ހަނދާން ކޮށްދީ ޑިޕްޕޮމެޓިކް ބަހުރުވައިން އެމީހުންގެ ބޮލަށް ހޫނުފެން އެޅިއެވެ.
އީރާނުގެ އެންމެ މަތީ ވެރިކަމަށް ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ހޮވިވަޑައިގަތުމަކީވެސް އެމެރިކާޔަށް ލިބުނު ކެއްސެކެވެ. އެމަނިކުފާނަކީ ބައްޕާފުޅަށްވުރެ ހަރުކަށި ބޭފުޅެއް ކަމަށް ވަނީ ބެލެވިފައެވެ. ބައްޕާފުޅާއި ޢާއިލާގެ އެތައްބަޔަކު އަވަހާރަކޮށްލި ނުބައި ޙަރުބީ ކާފަރު ދެ ގައުމާއި އޭނާ މުޢާމަލާތު ކުރައްވާނީ ހަރުކަށި ކަމާއިއެކުގައި ކަމުގައި ވަނީ ބެލެވިފައެވެ.
މި ހަގުރާމައިގައި ”މޯރަލް ހައި ގްރައުންޑް“ ނުވަތަ އަޚުލާގީ ގޮތުން މަތީ ފަޑީގައި ތިބީ އީރާނުގެ މީހުންނެވެ. އިސްވެ ޙަމަލާ ދިނީ އެމީހުނެއް ނޫނެވެ. އެމީހުން ކުރަނީ ދިފާޢީ ހަނގުރާމައެކެވެ. ބައިނަލް އަޤުވާމީ ގާނޫނު ތަކާއި، ދުނިޔޭގެ އެންމެހައި މީހުންގެ ލޯތަކަށް ހާމަ ވާގޮތުން ޢުދުވާނީ ބަޔަކީ އެމެރިކާއާއި އިޒްރޭލެވެ.
ވަރަށް ގިނަ މުޙައްލިލުން ދެކޭގޮތުގައި އެމެރިކާއާއި އިޒްރޭލް މިއަދު މިވަނީ ބޮޑުވެގެންވާ ނާކާމިޔާބީއެއްގެ ތުންފަތް މަތީގައެވެ. ތިންވަނަ ގައުމުތައް މެދުވެރިކޮށް އެމީހުން މިހާރު އެތައް ފަހަރަކު ”ސުލްޙަ“ ވާން އީރާނަށް ހުށަހަޅައިފިއެވެ. ނަމަވެސް އީރާން ދަނީ އެއްވެސް ދުލެއް ނުދީ ކުރިއަށެވެ. ރަޝިޔާއާއި ޗައިނާއިން ދަނީ އެމީހުންގެ ޖިއޯޕޮލިޓިކަލް މަސްލަޙަތު ތަކަށްޓަކައި ފަރުދާގެ ފުރަގަހުން އީރާނަށް ޓެކްނިކަލް އެހީތެރިކަން ދެމުންނެވެ.
މި ހަނގުރާމައިގައި އިންޑިއާއިންވެސް ބޮނޑި ބޮއެފިއެވެ. ހަނގުރާމަ ފެށެން އުޅެނިކޮށް ބޮޑުވަޒީރު މޯދީ އިސްރާއީލަށް ވަޑައިގެން ނަތަންޔާހޫއާއި ބަޣަލްގީރު ކުރައްވައި ބާއީބާއީ ކުރައްވައި، އިސްރާއީލަކީ ބަފާ ކަމުގައްޔާއި އިންޑިއާއަކީ އަމާ ކަމުގައި ބުނުއްވިއެވެ. އިޒްރޭލާއި އެމެރިކާނުން އިސްވެ އީރާނަށް ޙަމަލަ ދިނުމުން އިންޑިއާއިން އެކަން ކުށްވެރިކޮށް ޗުއްޕުވެސް ނުބުނެއެވެ. މިކަމުގެ ސަބަބުން އީރާން ވަނީ އިންޑިއާ ދެކެ ރުޅިއައިސްފައެވެ. އިންޑިއާ މީހުނަށްވެސް ގަލްފުން އެއްވެސް ތެލެއް ބޭރު ނުކުރެވޭނެ ގޮތަށް އީރާނުން ވަނީ ބަންދު އަޅުވާފައެވެ. އިންޑިއާގައި ބޭނުން ކުރާ ތެލުގެ 80 އިންސައްތަ އަންނަނީ ގަލްފުންނެވެ! އިންޑިއާ ވަނީ ތެލަށް ޖެހިފައެވެ. އެމީހުންނަށް މިއަދު މަޖުބޫރުވެފައި ވަނީ ބޮޑު އަގުގައި ރަޝިޔާއިން ތެޔޮ ގަންނާށެވެ. އެމެރިކާއާއި ޔޫރަޕްގެ އިގްތިޞާދީ ކަސްތޮޅުން މިންޖުވާން މަސައްކަތް ކުރާ ”ބްރިކްސް“ ގެ މެމްބަރަކަށް އޮވެމެ އެ އިއްތިޙާދަށް ބޭވަފާތެރި ވުމުގެ ސަބަބުން ރަޝިޔާއިން އިންޑިއާއަށް މިފަހަރު ޑިސްކައުންޓެއްވެސް ނުދިނެވެ.
އިޒްރޭލަކީ މަހެއް ދެމަހަކުން ނައްތާލެވޭނޭ ބައެއް ނޫނެވެ. އިޒްރޭލުގެ މިސާލަކީ އިސްލާމީ އުންމަތުގެ މޭގައި އަށަގެންފައިވާ ނުރައްކާތެރި ކެންސަރެކެވެ. ޓިއުމަރެކެވެ. އޭގެ ފައިތައް ކާރީގައި ހުރި ހުރިހައި ޢަރަބި ގައުމު ތަކަށް ވަނީ ފަތުރާފައެވެ. އަހަރެމެން އުންމީދުކޮށް ދުޢާ ކުރަނީ މި ”ރަމަޟާން ހަނގުރާމަ“ ޔަކީ އޭގެ ސަބަބުން މި ނުބައި ޖައްބާރު ބައިގަނޑުގެ މައިކަށި ބިންދައިގެންދާނޭ ހަނގުރާމަ ކަމުގައި ލެއްވުމެވެ. ޢަރަބި އިސްލާމީ ގައުމު ތަކާއި ހަނގުރާމަކޮށް ޢަރަބި ބިންތައް ހިފާނެ ކަމުގައި ބުނަމުންދާ، ޢަރަބިންގެ ޙަގީގީ ދުޝްމިނަކީ އިޒްރޭލެވެ. އެމެރިކާއަކީ އިޒްރޭލުގެ ބައްޕައެވެ. އިޒްރޭލުގެ ޢުދުވާނުން ސަލާމަތްވާން އެމެރިކާއާއި ގުޅިގެން ޢަރަބިންނަށް ލިބޭނީ ކޮން ޙިމާޔަތެއް ހެއްޔެވެ؟
ދުޢާއަކީ މިއީ ޢަރަބި ގަލްފުގެ ގައުމު ތަކުންނާއި މެދުއިރުމަތިން އެމެރިކާގެ މިލިޓަރީ ބޭސްތައް ފައްސައި ނަގާލެވޭ ހަނގުރާމަ ކަމުގައި މިންވަރު ކުރައްވައި މިކަމަށް އީރާނުގެ ހިތްވަރުގަދަ މުސްލިމުންނަށް ތަޥްފީޤު ދެއްވުމެވެ. މި ބޮޑު ހަނގުރާމަ ނިމޭއިރު ސަލާމަތުންވާ ޙާލަތެއްގައި އީރާން އޮތުމެވެ. އަދި ޢަރަބި ގައުމުތަކުގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވައި އިސްލާމީ އުންމަތް އެއްބައި ކުރެއްވުމެވެ.
(މައުރޫފް ޙުސައިންގެ ލިޔުއްވުމެއް)






