ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރައްކާތެރި ރަނގަޅު އެކަމަޑޭޝަން ހަމަޖައްސައިދޭންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި، ފަސް ބީދޭސީއަކު ނިޔާވެ ތިން މީހަކަށް ސީރިއަސް އަނިޔާ ލިބުމާގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
”ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ 5 މުވައްޒަފަކު ނިޔާވުމާ ގުޅިގެން އެ މީހުންގެ އާޢިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން،“ ފައިސަލް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ”މަސައްކަތުގެ މާހައުލާއި، އަދި ވަޒީފާ ދޭ ފަރާތުން ބިދޭސީންނަށް ފޯރުކޮށްދޭ އެކަމަޑޭޝަންތަކަކީ، ރައްކާތެރި ތަންތަނަށް ހެއްދެވުމަށް ސަމާލުކަން ދެއްވަން ޖެހޭ،“ ކަމަށެވެ.
މިފަދަ ހިތާމަވެރި، ހާދިސާތައް ތަކުރާރު ނުވާނޭހެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުއްވުމަށް އެމަނިކުފާނު ވަނީ ބެހޭ ފަރާތްތަކަށް ގޮވައިލައްވައިފައެވެ.






