" މޮސާދުން، އިސްމާއީލް ޤާނީ ޖާސޫސަކަށް ބަދަލުކޮށް އީރާނުގެ ހިޔަނި ލަޝްކަރު ނައްތައިލި ގޮތް

މުޙައްމަދު ނަސީރު ޢަލީ
މާރޗް 13, 2026
ކުރުގޮތަކަށް ދަންނަވާނަމަ، އިސްމާޢީލް ޤާނީ އަކީ، ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުގައި ހުރެ އިސްރަހެލަށް ޖާސޫސްކޮށްދީ، އިސްމާޢީލް ޙަނިއްޔާއާއި، ޙަސަން ނަޞްރު ﷲ އާއި އަދި އެންމެފަހުން ޢަލީޚާމަނާއީ އަވަހާރަކޮށްލުމަށްޓަކައި އެ ބޭފުޅުން ތިއްބެވި ތަންތަން މޮސާޑަށް ކިޔައިދިން ޣައްދާރެވެ. އޭނާ ޣައްދާރަކަށް ބަދަލުވެގެން ދިޔައީ، މޮސާޑުން އަންހެން ކުއްޖަކު އޭނާއާއި ތަތްކޮށް އެ އަންހެންކުއްޖާ އޭނާ ބްލެކްމެއިލްކުރި ހިސާބުންނެވެ. އެ އަންހެންކުއްޖާގެ އެހީ އޭނާ ހޯދަން ދިމާވީ، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް ސަރުކާރުން ފަންޑްކުރާ ފައިސާ އެ ފަރާތްތަކަށް ފޮނުވައިދިނުމުގައި އެ އަންހެންކުއްޖާ ހިންގަމުން ގެންދިޔަ ކުންފުނީގެ އެހީތެރިކަން ހޯދަންޖެހުނު ހިސާބުންނެވެ. އޭގެ ފަހުން، އެ ފައިސާއަށް އެ ދެމީހުން ގުޅިގެން ޚިޔާނާތްތެރި ވަމުން ގެންގޮސްފައި ވުމަކީ ވެސް ވެފައި އޮވެދާނެ ކަމެކެވެ. އެ ހުރިހައި ކަމެއް ރޭވި ހިނގަމުން ދިޔައީ މޮސާޑުން ފަރުދާވެ ތިބެގެން ހިންގި އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.
ޙަސަން ނަޞްރު ﷲ އަވަހާރަ ވުމުން ވެސް މީނާއާމެދު ބޮޑެތި ޝައްކުތަކެއް އުފެދިގެން ދިޔަކަން ޚަބަރުތަކުން އަޅުގަނޑަށް ވެސް ފާހަގަ ވިއެވެ. ނަމަވެސް މީނާއާމެދު ޚާމަނާއީ ކުރެއްވި އިތުބާރާއި ޔަޤީންކަމުގެ ބަދަލަކަށް ވީ އެ ބޭފުޅާ ވެސް މީނާގެ ސަބަބުން އަވަހާރަވެ ދިއުމެވެ. ކޮންމެއަކަސް މި ކަން ހިނގައިދިޔަ ގޮތެއް މީނާގާތުން އޮޅުންފިލުވުމަށްފަހުގައި މެނުވީ މީނާގެ ޙުކުމް ތަންފީޒު ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް މިހާރު އެއަށްވުރެ މާ މުހިންމު ކަންތައްތަކެއް ހުރުމުން އަދި އެ ކަން ލަސްކުރެވިފައިވަނީ ކަމަށް ވުން އެކަށީގެން ވެއެވެ. އަލިފު – ހާ)
2026 ފެބްރުއަރީ 28 ގެ ފަހުން، ދުނިޔޭގެ ހުރިހައި ޖާސޫސީއިދާތަކުން ކުރަމުންދާ އެއް ސުއާލެއް އެބަ އޮތެވެ. ދުނިޔޭގެ ތަފާތު 3 ޤައުމެއްގެ ތަފާތު 3 ކޮޓަރިއަކަށް ތަފާތު 3 ތާރީޚެއްގައި އިސްރަހެލުން ބޮން އަޅައި، ދުނިޔޭގެ މަޝްހޫރު 3 ޝަޚްޞިއްޔަތު އަވަހާރަ ކޮށްލިއިރު، އެ 3 ތަނުން ބޮން ގޮވުމުގެ މަދު މިނިޓްކޮޅެއްގެ ކުރިން ހަމަ ވަކި ޚާއްޞަ މީހަކު ނިކުންނަގޮތެއް މި ދިމާވީ ކީއްވެ ހެއްޔެވެ؟
އިސްމާޢީލު ޤާނީ އަކީ، އީރާނުގެ ދެވަނައަށް އެންމެ ބާރުގަދަ ޢަސްކަރީ ކޮމާންޑަރެވެ. އޭނާ ބަޔަކާ ބައްދަލުކޮށްފަ ނިކުތުމާއެކު، އެ ބައްދަލުވުމުގައި އޭނާގެ ވަށައިގެންތިބި އެހެން އެންމެން މަރުވެ އެވެ. އެކަމަކު އޭނާ ސަލާމަތް ވެއެވެ. އެއީ އޭނާގެ ނަސީބު ހެއްޔެވެ؟ ނުވަތަ ކަމެއް ހިނގަން އުޅެނީހެން އޭނާ އަށް ހީވެ ސަލާމަތް ވެވެނީ ހެއްޔެވެ؟ ނުވަތަ އެއީ އެއަށްވުރެ މާބޮޑަށް ރޭވިފައިވާ ނުރައްކާތެރި ރޭވުމެއް ހެއްޔެވެ؟ މި ސުއާލުތަކަށް އީރާނުގެ އަމިއްލަ ޖަވާބެއް އެބައޮތެވެ.
ޞައްޙަ ގޮތެއްގައި އީރާނުން އެ ޖަވާބު ޢާންމުކުރާނަމަ އޭގައި އޮންނާނީ، އިސްމާޢީލު ޤާނީއަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ……….. އަސްލުގައި މި ވާހަކަ ފެށެނީ ޤާނީއާ ހިސާބަކުން ނޫނެވެ. މި ވާހަކަ ފެށެނީ، ބައިބޯ ސިޓީއެއްގެ ރެސްޓޯރެންޓެއްގެ މޭޒެއްގެ ކައިރީގައި، އެ މީހަކު އޭނާ ދަންނަތާ އަށެއްކަމަސް ވެސް ނުވާ ފިރިހެނަކާއެކު އިށީނދެގެން އިންނަ އަންހެންކުއްޖަކާ ހިސާބުންނެވެ. އެ ފިރިހެންމީހާ އެ އަންހެންކުއްޖާގާތުން އަހަނީ އެ ފިރިހެންމީހާ ޖަވާބު ބޭނުންވާ ސުއާލެއް ނޫންކަން އެ އަންހެން ކުއްޖާއަށް އެނގެއެވެ.
މި ވާހަކައިގެ ބޭނުމަށް އަންހެންކުއްޖާގެ ނަމަކީ (ނޯ) އޭ ކިޔަމާ ހިނގާށެވެ. އެއީ އޭނާގެ ނަމެއް ނޫނެވެ. އޭނާގެ އަޞްލު ނަމެއް މި އޮޕަރޭޝަނުގެ އެއްވެސް ހިސާބެއްގައި ބޭނުން ކޮށްފައެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ އޭނާގެ އަޞްލުނަން މި އޮޕަރޭޝަނަށް ނާރާނެހެން ކަންކަން ރޭވުމަށް އެތައް ބަޔަކާ ވަނީ ޙަވާލުކުރެވިފަ އެވެ. އޭނާއާބެހޭ ގޮތުން އެނގޭހައި ވެސް އެއްޗަކީ އޭނާ އެޑޮޕްޓްކުރި، ޔޫރަޕްގެ ކޮންމެ ޤައުމެއްގެ ބަހުން ވާހަކަދެއްކި ނަމަވެސް، އޭނާ ގޭތެރޭގައި ވާހަކަދައްކައި އުޅެނީ ފާރިސީބަހުން ކަމެވެ.
އެ އަންހެންކުއްޖާ ކިޔެވީ އިކޮނޮމިކްސް އެވެ. އޭނާގެ ކުންފުނިން ކުރާ މަސައްކަތަކީ، އީރާނުގެ ޑައަސްޕޯރާ ކުންފުނިތަކަށް ބައިނަލް އަޤްވާމީ ދާއިރާގައި ލީގަލް ކޮމްޕްލަޔަންސްގެ ދާއިރާއިން ކޮންސަލްޓެންސީ ދިނުމުގެ ވިޔަފާރި އެވެ. އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް ކުންފުނިތަކުން ޤާނޫނާ ފުށުނައަރުވައި ވިޔަފާރިކުރާނޭ ގޮތް އޭނާ ކުންފުނިތަކަށް ކިޔައިދެއެވެ. ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުންނާއި، މެނޭޖަރުންނާއި، އަދި މާހިރުން ގެންގުޅޭ ބާރުގަދަ މީހަކަށް ހުށަހެޅޭނެ އެންމެ މުހިންމު އެއްޗަކީ ފައިސާއެއް ނޫނެވެ. އެ މީހާގެ ފައިސާ ޤާނޫނީގޮތުން ޞައްޙަ އެއްޗެއްގެ ގޮތެއްގައި ދައުރުކުރެވޭނޭ ލިޔެކިޔުން ތައްޔާރު ކޮށްދިނުމެވެ.
އެ ފިރިހެންމީހާ، (ނޯ) ގެ ޢާއިލާއާބެހޭ އާދައިގެ ބައެއް ސުއާލު ކުރިއެވެ. އެއިން އެނގުނު ގޮތުގައި (ނޯ) އޭނާގެ ކުންފުނި ހިންގާތާ 6 އަހަރު ވެއްޖެ އެވެ. އޭނާގެ ވިޔަފާރި ޞައްޙައެވެ. ކްލަޔަންޓުންވެސް ޞައްޙައެވެ. އޭނާގެ މަސައްކަތް ވެސް އަބުރުވެރި އެވެ. އޭނާގެ ވިޔަފާރީގެ އެއްވެސް ކަމެއް ސިއްރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ވިޔަފާރި ސިއްރުތަކެއްގެ ތެރެއަށް ވަދެގެން ދިޔައީ އޭނާއާ ދުވަހަކުވެސް ދިމާނުވާބަޔަކު، އޭނާގެ ދިރިއުޅުމަކީ (ފިކްޝަނަލް) އެއްޗެއް ކަމަށް ބަދަލުކޮށްލި ހިސާބުންނެވެ.
އެ ފިރިހެންމީހާގެ ސުއާލުތަކަށް (ނޯ) ޖަވާބުދިނެވެ. އޭނާގެ މާމަގެ ވާހަކައާއި ކުޑައިރު ދެފަހަރަށް ޒިޔާރަތްކުރި ސިޓީއެއް ސިފަކޮށްދިނުމާވެސް އެކުގަ އެވެ. އޭނާ ދޮގެއް ނަހަދައެވެ. އޭނާއަށް ކިޔައިދީފައި ވަނީ ދޮގުހަދާކަށް ނޫނެވެ. އޭގެ ބަދަލުގައި، ދައްކަންވާނީ، އޭނާ ދައްކަން ބޭނުންވާ ވާހަކައެއް ތެދަށް ކަމަށާއި، ބާކީބައި އަޑުއަހާ މީހާގެ ވިސްނުމަށް ދޫކޮށްލުމަށެވެ.
(ނޯ) މަސައްކަތުގައި ހަތަރުމަސް ހޭދަކުރިއިރުވެސް، އޭނާގެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގެ އެވެ. އޭނާ އެކްސެސް ވާން ޖެހެނީ ކޮން އެއްޗަކަށް ކަން ދެނެގަތުމަށްޓަކައި އޭނާއަށް ޖެހެނީ އޭނާއަށް މި ވަދެވެނީ ކޮން އެއްޗެއްގެ ތެރެއަށްކަން ދެނެގަންނާށެވެ. ސަބަބަކީ، އޭނާ ވަންނަންޖެހޭ (ފޯސަސް) ތަކަކީ އޭގެ ރަސްމީ އާރާއިބާރު އެއްވެސް ރަސްމީ ތައްގަނޑަކަށް ފެތިގެން ފާޅުވެގެންވާ ގޮތެއްގައި ހިނގާ އިދާރީ އިންތިޒާމުތަކަކަށް ނުވުމެވެ.
ކަރުދާހުގައި އޭގެ ނަމަކަށް އޮންނަނީ، ޤައުމުން ބޭރުގައި ހިންގާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ ޑިވިޝަނެއް ކަމުގަ އެވެ. ޢަމަލީގޮތުން އެއީ މުޅި ރީޖަންގައި އީރާނުން ފައިސާއާއި، ބާރާއި، އައިޑިއޮލޮޖީއާއި އެހެނިހެން އޮޕަރޭޝަންތައް އެ މެކޭނިޒަމެއްގެ ތެރެއިން ހިންގާ މައި އިދާރާ އެވެ. ބަޣުދާދުގެ ޕާލަމެންޓްގެ ތެރެއިން ދެމިގެންދާ އެ ކޮރިޑޯ ޔަމަނުން ފެށިގެން ލުބްނާނާ ހަމަޔަށް ދެމިގެން ގޮސްފައި ވެއެވެ. އެއީ ހަމައެކަނި އީރާނުގެ ޕްރޮކްސީތަކަށް ފަންޑްކުރާ އިދާރާއެއް ވެސް ނުމެ ނޫންމެއެވެ.
އެ ގްރޫޕްތައް ހިންގަނީވެސް، މީހުން ޓްރޭން ކުރަނީވެސް، އެ މީހުންގެ އޮޕަރޭޝަންތައް ރާވައިދެނީވެސް މި ތަނުންނެވެ. އެ މީހުން ޙަރަކާތްތެރިވާންވީ ވަގުތާއި، ހުއްޓިތިބެންވާ ވަގުތާއި، އެ ތަންތަނުން ނެރެދޭންޖެހޭ ސިޔާސީ ނަތީޖާތަކާއި ދާންވީގޮތް ކަނޑައަޅާ ފަރާތަކީ ވެސް މިއީއެވެ. 2020 ވަނަ އަހަރު، ޤާސިމް ސުލައިމާނީ އަވަހާރަ ކޮއްލި ހިސާބުން ފެށިގެން މި އިދާރާ ހިންގަމުން ގެންދަނީ އިސްމާޢީލު ޤާނީ އެވެ. ނަމަވެސް އޭނާއަކީ ޤާސިމް ސުލައިމާނީފަދަ ކެރިސްމެޓިކް މީހެއް ނޫނެވެ.
ޤާނީއަކީ ޖަނާޒާތަކަށް ގޮސްއުޅޭމީހެއް ނޫނެވެ. އޭނާއަކީ ހިތާމަވެރި ޙަފްލާތަކަށް ދާ މީހެއް ވެސް ނޫނެވެ. ޖަޒުބާތީ ތަޤްރީރުދޭ މީހެއް ވެސް ނޫނެވެ. އޭނާއަކީ މައިދާނުގައި ކަންކަން ހިންގާ މީހެކެވެ. މެތަޑްތައް ރާވާ މީހެކެވެ. ޖާސޫސީ އެނަލިސްޓަކު އޭނާ ސިފަކުރަނީ ކޮމިއުނިކޭޝަނަށް ސެކިއުރިޓީއަށް ވަރަށް ޚާއްޞަ އިސްކަމެއްދޭ މީހެއް ކަމުގަ އެވެ. ހީނުކުރާހައި ގޮތްގޮތަށް އޭނާ ޝެޑިއުލް ބަދަލު ކުރެއެވެ. އޭނާ ހުންނަތަންތައް އާންމު ގޮތެއްގައި ބަދަލުކުރަމުން ގެންދެ އެވެ.
އެއްތަނެއްގައި ދެހަފުތާވަންދެނެއް އޭނައެއް ނުހުންނާނެ އެވެ. އާދައިގެ ޖާސޫސުންނަކަށް އޭނާ ހުންނަ ތަންތަނެއް ދެނެއެއް ނުގަނެވޭނެ އެވެ. އެއީ އޭނާ އަކީ އަބަދުވެސް ދުޝްމަނުންގެ ޓާގެޓެއް ކަމުގައި ބުނެވޭތީ އެވެ.
އޭނާ އަތުލައިގަތުމަށް ބޭނުންކުރީ އާދައިގެ އާލާތެއް ނޫނެވެ. އެއީ (ނޯ) އެވެ. (ނޯ) ޤާނީއާ ފުރަތަމަ ބައްދަލުވިއިރަކު އޭނާގެ ނަމެއް (ނޯ) އަކަށް ނޭނގެ އެވެ. (ނޯ) އަށް ޤާނީއާ އެޕްރޯޗް ކުރަން އެންގިފައިވަނީ ޓާގެޓެއްގެ ގޮތަކަށް ނޫނެވެ. ނެޓްވޯކެއްގެ ގޮތުގަ އެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *