ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރަން ޖެހޭ ވަގުތު ކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ. މިހާރު ވެސް ދުނިޔޭގެ ގިނަ ޤައުމު ތަކުން ގެންދަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެންނަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ޤައުމު ތަކަށް ބަރޯސާވެފައި އޮންނަ ޤައުމެއް. އެހެންކަމުން ތެލާއި، ގޭހާއި، ކާބޯ ތަކެތި އަދި ބޭސް މެދު ކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަޤީން ކުރެވިފައި އޮންނަންވާނެ،“
ފައިޞަލް ވިދާޅުވެފައިވަނީ މީގެ ކުރިންވަނީ ރާއްޖެ ވަނީ ކޯވިޑު 19 ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސް ތަކުން ގިނަ ތަޖުރިބާ ތަކެއް ކޮށްފައި ކަމަށެވެ. އެ ދުވަހުގެ ދަތި އަދި ނާޒުކު ޙާލަތުން އަރައި ގަނެވުނީ، ޚަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅު ތަކާ އެކު، ރައްޔިތުންގެ ހިތްވަރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުން ކަމަށްވެފައި، މި ދުވަސްވަރަކީ ފަތުރުވެރި ކަމުގެ އާމްދަނީ ދަށް ވާނެ ދުވަސް ވަރެއް. ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރު ވާނެ ކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފައިޞަލް ވިދާޅުވީ މިކަން މިހެން އޮތަސް ސަރުކާރުން ގެންދަވަނީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ވަޒީފާތައް އިތުރު ކުރަމުން ކަމަށެވެ. އޭގެ އިތުރުން ބޭކާރު އެހެނިހެން ޚަރަދުތައް ވެސް ކުރައްވާ ކަމަށާއި އެއީ ހުއްޓާލަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ”އިންތިޚާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ޚަރަދު ކުޑަކޮށް ގެންދެވޭނެ ގޮތް ތަކެއް ހޯދަން ޖެހޭ. މި ޙާލަތުގައި ޤައުމީ މަސްލަޙަތު އިސްކޮށް، ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރައްވާ،“






