އީރާނާ ދެކޮޅަށް އެމެރިކާއާއި، އިޒުރޭލުން ކުރަމުންދާ ހަނގުރާމައިގައި، ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ. އީރާނުން މި ހަނގުރާމައަށް ފައިސާ ހޯދީ ކިހިނެއް ހެއްޔެވެ؟
އީރާނާ ދެކޮޅަށް އެމެރިކާއާއި، ހުޅަނގުން އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ 47 އަހަރު ވެއްޖެއެވެ. ދަތިކުރުމުގެ ފިޔަވަޅު ފުރަތަމަ އަޅާފައިވަނީ 1979 ގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެންމެފަހުން، އީރާނު މުޅިން އެކަހެރިކޮށް ތިންވަނަ ފަހަރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 2006 ވަނަ އަހަރުއެވެ. އީރާނުން، މި ހަނގުރާމައަށް ފައިސާ ހޯދާފައިވާ ގޮތް އެނގުމުން އަޖާއިބުވެ އަންތަރީސް ވެދާނެއެވެ.
އެމެރިކާއިން 2006 ވަނަ އަހަރު، ތިންވަނަ ފަހަރަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ދުނިޔޭގެ މާލީ ނިޒާމުން އީރާނު ބޭރުކޮށް، މުޅިން އެކަހެރި ކޮށްލިއެވެ. އެގޮތުން، ސްވިފްޓް ބޭންކިންގ ނިޒާމުން އީރާނު ބޭރުކޮށްލިއެވެ. އަދި ޑޮލަރުގެ މުޢާމަލާތު އެއްކޮށް ބަންދުކޮށްލިއެވެ. މިހުރިހާ ދަތިތަކާއެކު، ޙަޤީޤަތުގައި މިއަދު އީރާނު އޮންނަންވާނީ ހުސްއަތާއެވެ. އެކަމަކު، ކަންތައްތައް ވެގެންދިޔައީ އެމެރިކާއާއި ހުޅަނގުން ހީކުރި ގޮތަކަށް ނޫނެވެ. އެގޮތުން، އީރާނުން ކުޅިފަސް ބަދަލުކޮށްލީ ހުޅަނގުގެ ބާރުތަކުން ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ. އީރާނުން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟
އީރާނުން އެންމެ ފުރަތަމަ ކުރިކަމަކީ، ދުނިޔޭގެ އެކި ޤައުމުތަކުން ބައުވެގެން ދޫކޮށްލާފައި ހުރި ތެޔޮ ޓޭންކަރުތައް ވަރަށް ކުޑަ އަގެއްގައި ގަންނަން ފެށީއެވެ. އަދި އެ ތެޔޮ ޓޭންކަރުތައް އީރާނަށް ގެނެސް، މަރާމާތުކޮށް ދެވަނަ ފަހަރަށް ބޭނުންކުރެވޭނޭ ގޮތް ހެދީއެވެ. އަދި އީރާނުން، އެފަދަ ތެޔޮ ޓޭންކަރުތަކުގެ މާ ސިންގާ ބޮޑު ހިޔަނި ފްލީޓެއް އުފެއްދިއެވެ. އަދި އެ އުޅަނދުތަކުގެ ހުޅަނގުގެ ތައުމީނު ނުވަތަ އިންޝުއަރެންސް ނިމުމަކަށް ގެނައެވެ. އަދި އެ އުޅަނދުތަކުގެ ގްލޯބަލް ޕޮޒިޝަނިން ނިޒާމު ބަންދުކޮށްލިއެވެ. އަދި ރޭނގަޑުގެ އަނދިރިކަމުގެ ތެރޭގައި ތެލުން ބަރާކޮށްފައިވާ އެ އުޅަނދުތައް އޮމާން ކަނޑުއޮޅިން ނުކުމެ ދުނިޔޭގެ އެކި ދިމަދިމާއަށް މިސްރާބު ޖެހިއެވެ. އެއް ޓޭންކަރުން، އަނެއް ޓޭންކަރަށް ތެޔޮ ބަދަލުކޮށް، އީރާނާ ގުޅުން އޮންނަ ޤައުމުތަކަށް ތެޔޮ ވިއްކަން ފެއްޓިއެވެ. އެ ތެޔޮ ޓޭންކަރުތަކުގައި ހުރި ތެލުގެ އަސްލު އައީ ކޮންތާކުން ކަމެއް އެއްވެސް ބަޔަކަށް ނޭނގޭނެއެވެ. އަދި ކަނޑުމަތިން، ޓޭންކަރުތަކަށް ތެޔޮ ބަދަލުކޮށް، އީރާނުގެ ތެލުގެ ބޮޑު ބައެއް ޗައިނާއަށް ވިއްކިއެވެ.
ޗައިނާއިން، ތެލުގެ އަގަށްވާ ފައިސާ ދެއްކީ ޑޮލަރަކުން ނޫނެވެ. ޗައިނާއިން ތެލުގެ ބަދަލުގައި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އީރާނުގައި ހިންގީއެވެ. އެގޮތުން، މަގުތަކާއި، ބުރިޖުތަކާއި، އަދި ބަނދަރުތައް ދިޔައީ ތަރައްޤީ ކުރަމުންނެވެ. އީރާނުގެ ތެލަށް ލިބެންވާ ފައިސާގެ ބައެއް ދިޔައީ، ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓުގެ ގޮތުގައި ލިބެމުންނެވެ. އަދި ބާކީ ފައިސާ، ކްރިޕްޓޯ ކަރަންސީންނާއި، އަދި ޢަރަބި ޢިމާރާތުގެ ޙަވާލާ ނިޒާމުގެ ތެރެއިން އީރާނަށް ދިޔައީ ލިބެމުންނެވެ. އީރާނުން، އެ ފައިސާ ބޭނުންކުރީ ހަމައެކަނި ވުޖޫދުގައި ސަލާމަތުން ދެމިއޮތުމަކަށް ނޫނެވެ. އީރާނުން، އެ ފައިސާ ބޭނުން ކޮށްގެން ދިޔައީ މިސައިލާއި، ހަތިޔާރު ތަރައްޤީކޮށް އުފައްދަމުންނެވެ.
އެގޮތުން ފާއިތުވި 47 އަހަރު ދުވަހުގެ ތެރޭގައި، އީރާނުން ގިނަ ޢަދަދެއްގެ ޑްރޯނާއި، އެހެނިހެން ހަތިޔާރާއި، އަސްކަރީ ސާމާނު އުފައްދައި، އެތަކެތި ވަނީ ކޮށާރުކޮށްފައެވެ. އަދި، އީރާނުން ދިޔައީ، އެ ފައިސާއިން، ހޫޘީންނަށާއި، ހިޒުބު ﷲ އަށާއި، އަދި ޙަމާސްއަށް ފަންޑުކުރަމުންނެވެ. އެމެރިކާއާއި، ހުޅަނގުގެ ޤައުމުތަކުން އީރާނާ ދެކޮޅަށް އެޅި 100 ޓްރިލިއަން ޑޮލަރުގެ އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅު ދެމިއޮތީ ހަމައެކަނި ކަރުދާހުގައެވެ.
އީރާނުގެ ހިޔަނި ފްލީޓުގެ ބޭނުންކޮށްގެން އީރާނުން ދިޔައީ، ހުޅަނގުގެ ބޭންކިންގ ނިޒާމު ބައިޕާސްކުރަމުންނެވެ. ހުޅަނގުން ބުނަމުން ދިޔައީ، ދަތިކުރުމުގެ ފިޔަވަޅުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. އީރާނުން ބާދަނގަޑުގެ ބޭނުންކޮށްގެން ފާއިތުވި 47 އަހަރު ދުވަހުގެ ތެރޭގައި 100 ބިލިއަން ޑޮލަރުގެ އިޤުތިޞާދެއް ނަގައި ކޮޅަށް ޖެހިއެވެ. އަދި، ހުރިހާ ކަމެއް އެނގިތިބެ ހުޅަނގުގެ ޝައިޠާނީ ބާރުތަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، އެއް ޓޭންކަރުން އަނެއް ޓޭންކަރަށް ތެޔޮ ބަދަލުކޮށް ވިއްކުމުގެ މުޢާމަލާތު އީރާނުން ހިންގީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގެ ތެރޭގައެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދަކީ ހުޅަނގުގެ ޤާނޫނީ އެއްވެސް ބާރެއް ހިނގާ ސަރަޙައްދެއް ނޫނެވެ.
އީރާނުގެ ހިޔަނި ފްލީޓުން އަހުރެމެންނަށް ވަރަށް މުހިންމު ފިލާވަޅެއް ލިއްބައިދެއެވެ. އަހުރެމެންނަށްވެސް ދިރިއުޅުމުގައި ބައެއް ފަހަރު ދެން ކުރިއަށް ނުދެވޭނެހެން ހީވާ ފަހަރު އާދެއެވެ. އަދި ހުރިހާ މަގެއް ބަންދު ވެފައިވާހެން ހީވާ ފަހަރުވެސް އާދެއެވެ. އަދި ހުރިހާ ދޮރެއް ބަންދުވެފައިވާހެން ހީވާ ފަހަރުވެސް އާދެއެވެ. ހަނދާންކުރާށެވެ! އެފަދަ ވަގުތުތަކުގައިވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެވެސް މަގެއް، އަހުރެމެންނަށްޓަކާ ހުޅުއްވަވާފައި ވާނެއެވެ. އަހުރެމެންނަށް އޮތީ ކެތްތެރިކަމާއެކު، އެ މަގު ހޯދައި، އެ މަގުން ކުރިއަށް ދިއުމެވެ.






