އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒުރޭލުން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން ފޯލްސް ފްލެގު (False Flag) ހަމަލާއެއް ދީފާނެކަމުގެ ބިރުވެރި އަޑުތައް ދަނީ ފެތުރެމުންނެވެ. ފޯލްސް ފްލެގު ހަމަލާއަކީ އަމިއްލަ ތަނަކަށް ނުވަތަ އަމިއްލަ ބަޔަކަށް އަމިއްލައަށް ގެއްލުން ބޮޑު ހަމަލާއެއްދީ އެހެން ބައެއްގެ ބޮލުގައި އެކަން އެޅުވުމެވެ. މިފަދަ ހަމަލާއެއް ދެނީ އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށްބުނެ އެބަޔަކު ބޭނުންވާ ކަމެއް ނުވަތަ ބޭނުންވާ ޖަރީމާއެއް އަނެއް ބަޔަކާ ދެކޮޅަށް ހިންގުމަށް ބަހަނާއެއް ހޯދުމަށެވެ.
އީރާނުން ތުޚުމަތު ކުރަނީ އެމެރިކާއިން ރާވަނީ އެމެރިކާގެ އާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކަށް އަމާޒުކޮށް 9/11 (ސެޕްޓެންބަރު އެގާރަ) ގައިދިން ހަމަލާ ފަދަ ނުރައްކާތެރި ހަމަލާއެއް އެމެރިކާގައި ދޭން އުޅޭ ކަމަށެވެ. މި އަޑުތައް ފެތުރިފައި މި ވަނީ ހަނގުރާމަ ދިރާސާކުރާ އިސްތިރާޖީން ވަރަށް ބިރުވެރި އަންދާޒާތަކެއް މި ހަނގުރާމަ މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ކުރަމުން ދަނިކޮށެވެ. އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިން ނިކުންނާނެ އެއްވެސް މަގެއް ނުފެނި އެމެރިކާއާއި އިޒުރޭލު ގޮތް ހުސްވެއްޖެ ކަމަށް ބުނާ ދަނޑިވަޅެއްގައެވެ. ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމާއެކު ތެލުގެ އަގު މުޅި ދުނިޔޭގައި ވެސް އުފުލި ޤައުމުތައް މަޑުމަޑުން ހުއްޓުމަކަށް އަންނަމުންދާ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ޤައުމުތަކުން އެމެރިކާ ދެކެ އަންނަ ރުޅި އިތުރުވެ، އެމެރިކާގެ އެންމެ ގާތް ހުޅަނގުގެ ޤައުމުތަކުން ވެސް އެމެރިކާއާ ފެއަށް ޖެހެމުންދާ ވަގުތެއްގައެވެ. ކުރީގައި އެއްވެސް ޝަރުތެއްނެތި އެމެރިކާއަށް އެއްބާރުލުން ދިން ބައިވެރިން ވެސް އެމެރިކާ ދެކެ ފޫހިވެ އެމެރިކާއާ އެއްބައިވުމަށް ފާޅުގައި ދެކޮޅުހަދަމުން ވަގުތެއްގައެވެ.
އެމެރިކާގެ ރައީސް އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާތީ އެމެރިކާއަށް އެންމެ ބޮޑަށް ވާގިވެރިވާ، ނުވަތަ އެމެރިކާއާ އެއް ވިސްނުމެއްގައި ތިބި ޤައުމުތަކުން ވެސް އެމެރިކާއަށް މިހާރު އިތުބާރު ނުކުރާކަން މި ހަނގުރާމައިން ވަނީ ސާބިތުވެފައެވެ. މިކަންކަމުގެ ސަބަބުން އެމެރިކާ ދަނީ ދުނިޔޭގައި އެކަހެރިވެ ބާކީ ވަމުންނެވެ. ދުނިޔޭގެ ކުރިމަތީގައި މިހާރު އެމެރިކާ ވަނީ ފަލީހަތްވެފައެވެ. މި ހިނގުރާމައިގައި އެމެރިކާއާއި އިޒުރޭލު ލަދުގަންނުވާލައި އީރާނުން މިވަނީ ބޭޒާރުކޮށްލާފައެވެ. އިޒުރޭލުގެ ވެރިރަށް ތެލްއަވީވް ސުންނާފަތި ކޮށްލައިފިއެވެ. އެ ޤައުމުގެ އެންމެ އިސްވެރިން ޣައިބު ވެއްޖެއެވެ. އެއް ބަޔަކު މަރަުވެއްޖެއެވެ. ނޫނީ ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މެދުއިރުމަތީގެ 7 ޤައުމެއްގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން 200 އަށްވުރެ ގިނަ ސިފައިންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި އެތައް ބަޔަކު މަރުވެފައެވެ. ބޮންއަޅާ ބޯޓުފަހަރާއި ވައިގެތެރޭގައި ތެޔޮއަޅާ ބޯޓުފަހަރު ވައްޓާލައި އަދި ފޮރުވާފައި ހުރި ތަންތަން ފުނޑާލާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މިހާރު އީރާނުން މުޅި މެދުއިރުމަތީގެ ކޮންޓްރޯލް ނަގައި ބޭނުން ކޮންމެ ވަގުތަކު މެދުއިރުމަތީގެ ކޮންމެ ޤައުމެއްގެ ކޮންމެ ތަނަކަށް ހަމަލާ ދެވޭވަރަށް މެދުއިރުމަތީގައި އެމެރިކާގެ ބާރު ވަނީ ކަނޑުވާލާފައެވެ. އެމެރިކާގެ މަނަވަރުތައް ވަނީ ލިބުނު ބޮޑެތި ގެއްލުންތަކާއެކު އިރާނާ ފެއަށް ޖައްސާފައެވެ. އީރާނުން އިޒުރޭލަށް ދޭ ހަމަލާތަކުގެ ނުރައްކާތެރިކަން ދަނީ ބޮޑުވަމުންނެވެ. އިޒުރޭލުގެ ުަޔަހޫދީން އަނިޔާވެރި ވެރިންނާއި އާންމުން ސަލާމަތްވުމަށް ވަދެތިބޭ ބަންކަރުތަކާއި ބިންގަރާސްތައް ވެސް އީރާނުން މިހާރު ދަނީ ގޮއްވާލައި ހަމަލާ ދެމުންނެވެ.
މިހިސާބަށް ހަނގުރާމަ ދިއުމުން އެމެރިކާއިން މަސައްކަތް ކުރަމުން އެދަނީ މި ހަނގުރާމައިން ނިކުންނާނެ ގޮތެއް ހޯދާށެވެ. ޢަރަބި ޤައުމުތަކާއި މުޅި ދުނިޔޭގައި ވެސް އެމެރިކާއިން ދަނީ އީރާނަށް ހަނގުރާމަށް ހުއްޓާލުމަށް ބާރު އެޅުމަށް އާދޭސް ކުރަމުންނެވެ. އީރާނު ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކޮށް، މެދުއިރުމަތި ދޫކޮށްދިއުމަށާއި އީރާނަށް މި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ނުދެނީސް ހަނގުރާމަ ހުއްޓާނުލާނެކަމަށް ބުނަމުންނެވެ. މިހާލަތުގައި އެމެރިކާ ގޮތް ހުސްވެފައިވާތީ، އެމެރިކާއިން ފޯލްސް ފްލެގު ހަމަލާއެއްދީފާނެކަމަށް ދިރާސާވެރިން ވެސް ގަބޫލުކުރެއެވެ. އެމެރިކާއިން 1964 ވަނަ އަހަރު ވިއެޓްނާމު ހަނގުރާމަ ރަސްމީކޮށް ފަށައިގަތީ ފޯލްސް ފްލެގު ހަމަލާއަކަށްފަހުއެވެ. އަދި ބައެއް ދިރާސާވެރިން ބުނާ ގޮތުގައި ނައިން އިލަވަން ހާދިސާއަކީ އަފްޣާނިސްތާނަށް އަރައިގަތުމަށް އެމެރިކާއިން ކުރިކަމެކެވެ.
ފޯލްސް ފްލެގު ހަމަލާއެއްދިނުމަށްފަހު އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއިން ދެން ބޭނުންކުރަން ހުރީ ކެމިކަލް އަދި ނިއުކްލިއަރ ހަތިޔާރެވެ. އެމެރިކާއިން ކެމިކަލް ނުވަތަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކޮށްފިނަމަ އީރާނުން އޮތީ އެފަދަ ހަނގުރާމައަކަށް ވެސް ތައްޔާރަށް ކަމަށް ދިރާސާވެރިން ބުނެއެވެ. ފަނާކުރަނިވި ހަތިޔާރުގެ ހަނގުރާމައެއް ފެށިއްޖެނަމަ އީރާނު ސުންނާފަތި ވާނީ އިޒުރޭލާއި ވަށައިގެން ތިބި ޤައުމުތަކާ އެކުގައިކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެއެވެ.






