އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާޢީލް ޚަތީބު ޝަހީދުކޮށްލައިފި ކަމަށް އިޒްރޭލުން ބުނެފިއެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނީ އިސްމާއީލް ޚަތީބް ޝަހީދުކޮށްލާފައި ވަނީ މިއަދު ދިން ހަމަލާތަކެއްގައި ކަމަށެވެ.
އެހެންނަމަވެސް އީރާނުން މި ޚަބަރު އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އިޒްރޭލުން ވަނީ އީރާނުގެ ސަލާމަތީ އޮފިޝަލެއް ކަމަށްވާ އަލީ ލަރިޖާނީ އާއި ޕެރަމިލިޓަރީ ރިވޮލިއުޝަނަރީ ގާޑުގެ ބަސީޖް ފޯސްގެ ވެރިޔާ ވެސް ޝަހީދު ކޮށްލައިފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާ ދިން ފަހުން، އީރާނުން މަސައްކަތް ކުރަމުންދަނީ ތެލުގެ އަގު އުފުލައި އެމެރިކާ ފަހަތަށް ޖެއްސުމަށް ޕްރެޝަރު ކުރަމުންނެވެ. މިކަން ކުރުމަށްޓަކައި އީރާނުން ވަނީ ހޮރުމުޒު ކަނޑު އޮޅީގެ ފުރިހަމަ ކޮންޓްރޯލް ނަގައިފައެވެ. އެތަން ހުޅުވަން އެމެރީކާއިން ކުރަމުން އަންނަ އެއްވެސް މަސައްކަތެއް އަދި ކާމިޔާބު ނުވެއެވެ. މިކަމަށް އެހީތެރިވުމަށް ޓްރަމްޕް އޭނާގެ އެކުވެރި ބައެއް ގައުމުތަކުގައި އެދުމުން އެގައުމުތަކުން ވަނީ ހަނގުރާމައިގެ ތެރެއަށް ނުވަންނާނޭ ކަމަށް ބުނެ ޓްރަމްޕަށް ފުރަގަސް ދީފައެވެ.
ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އީރާނުގެ ބާރު ގަދަވެ، ދުނިޔޭގައި ހަކަތައިގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ތެލުގެ އަގު މިހާރުވަނީ ސަތޭކަ ޑޮލަރަށްވުރެ މައްޗަށް އަރައިފައެވެ.






