ސަޢޫދީ އެރެބިއާ ގެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީ ގެ ފަތުވާ ގައި ވާ ގޮތުން ޢީދު ދުވަހާ ހުކުރު ދުވަސް ދިމާވެއްޖެނަމަ، ހުކުރު ނަމާދަށް މިސްކިތައް ދާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭނާ މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ.
މި ފަތުވާ ދެއްވާފައި ވަނީ، އެކަމަށް ހުއްދަ ދެއްވާ ކީރިތި ރަސޫލާ ޞައްލަ الله ޢަލައިހި ވަސައްލަމަ ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ އެތައް ޙަދީސަކާއި އަސްޙާބު ބޭކަލުންގެ ޢަމަލުފުޅުގެ މައްޗަށް ބިނާކޮށެވެ.
މި ފަތުވާ ދެއްވި ކޮމެޓީ ގައި ކުރީގެ މުފުތީ ޢަބުދު الله ބުނު ބާޒާއި ބަކުރު އަބޫ ޒައިދު ފަދަ ބޮޑެތި ޢިލްމުުވެރިން ހިމެނިވަޑައިގަންނަވައެވެ. އަޅުގަނޑު މަދީނާ ގައި ކިޔަވަން އުޅުނު އިރު ޔުނިވަރސިޓީ ގެ ދަރިވަރުން މި ގޮތަށް ޢަމަލުކުރާކަން ފާހަގަކުރެވެ އެވެ.
މީގެ ތެރެއިން އެއް ޙަދީސް ދަންނަވާލާނަމެވެ.
حديث زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في ”المستدرك“ وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في ”المجموع“. إسناده جيد
މުޢާވިޔާ ބުނު އަބީ ސުފްޔާނު ޒައިދު ބުނު އަރުޤަމާ ސުވާލުކުރެއްވި އެވެ. ކަލޭގެފާނު ކީރިތި ނަބިއްޔާގެ އަރިހުގައި އުޅުއްވަނިކޮށް ދެ ޢީދު (އެއްފަހަރާ) އެއްދުވަހެއް ގައި އައި ތޯއެވެ؟ ވިދާޅުވިއެވެ. އާނއެކެވެ. ސުވާލުކުރެއްވިއެވެ. ދެން ކީރިތި ނަބިއްޔާ ކަންތައްކުރެއްވީ ކިހިނަކުންތޯއެވެ. ވިދާޅުވިއެވެ. އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާ، ހުކުރު ނަމާދަށް ރުޚުޞަތު ދެއްވިއެވެ. ޙަދީސްކުރެއްވިއެވެ. ހުކުރުނަމާދު ”ކުރަން އެދޭމީހާ“ އެނަމާދު ކުރާހުށިކަމެވެ.
قال ابنُ قُدامَة: (وإنِ اتّفق عيد في يوم جمعة، سقَط حضورُ الجمعة عمَّن صلَّى العيد، إلا الإمام؛ فإنَّها لا تسقط عنه إلَّا أن لا يجتمع له مَن يُصلِّي به الجمعة. وقيل: في وجوبها على الإمام رِوايتان، وممَّن قال بسقوطها: الشَّعْبيُّ، والنَّخَعي، والأوزاعي. وقيل: هذا مذهبُ عُمر، وعثمان، وعلي، وسعيد، وابن عمر، وابن عبَّاس، وابن الزبير) ((المغني)) (2/265).
އިބުނު ޤުދާމާ ވިދާޅުވިއެވެ. ޢީދުދުވަހަކާ ހުކުރު ދުވަސް ދިމާވެއްޖެނަމަ، ޢީދުނަމާދުކުރި ބަޔަކަށް ހުކުރު ނަމާދުކުރާކަށް ނުޖެހޭނެއެވެ. އިމާމު މީހާފިޔަވައެވެ. އިމާމާ އަށް ހުކުރު ވާޖިބުނުވާނީ، ޖަމާޢަތުގައި ހުކުރުކުރާނެ ބަޔަކު މިސްކިތައް ހާޒިރު ނުވެއްޖެނަމައެވެ. މިކަމުގައި ދެ ރިވާޔަތެއް އޮވެއެވެ. އަނެއް ރިވާޔަތަކީ، އިމާމާ އަށް ވެސް ހުކުރުކުރަން ނުޖެހޭނެކަމަށް އޮންނަ ރިވާޔަތެވެ. މިހެން ވިދާޅުވާ ބޭކަލުންގެ ތެރޭގައި، އައްޝަޢުބީ އާއި އައްނަޚުޢީ އާއި އަލްއައުޒާޢީ ހިމެނިވަޑައިގަންނަވައެވެ. މިއީ، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި ޢަލީގެފާނާއި، ސަޢީދުގެފާނާއި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދު اللهގެފާނާއި، އިބުނު ޢައްބާސްގެފާނާއި އިބުނުއް ޒުބައިރުގެފާނުގެ ވެސް މަޒުހަބުކަމުގައި ބުނެވެއެވެ.
الله أعلم






