ގޯސް ތަކުރާރު ނުކުރުން

ޑރ. މުޙައްމަދު ޤުބާދު
މާރޗް 19, 2026
ގޯހެއް ހެދުމަށްފަހު ގިނަ މީހުންގެ ގޮތަކީ، އެ ގޯހުގެ މައްޗަށް އިތުރު ގޯހެއް ހެދުމެވެ. ބައެއް މީހުން އެފަދަ ހާލަތުގައި ހެދުނު ގޯހަކީ ގޯހެއް ނޫންކަމަށް ހެދޭތޯ އުޅެއެވެ. ގޯހެއް ހެދިއްޖެނަމަ ކުރަންވީ ކަމަކީ ގޯސް ހެދުނު ސަބަބު ދެނެގަތުމެވެ.
ގޯހެއް ނުވަތަ ކުށެއް ކުރެވުމަށް ފަހު އެކަން ރަނގަޅު ނުކޮށްފިނަމަ އޭގެ ނަތީޖާއަކަށް ވާނީ އެ ގޯހުގެ މަތީގައި ދެމިހުރެވޭ ގޮތް ވުމެވެ. އެއާ ޚިލާފަށް، ހެދުނު ގޯހުގެ ސަބަބު ދެނެގަތުމަށް މަސައްކަތްކުރާ މީހާއަށް ލިބޭ މޭވާއަކީ އޭނާ އަކީ ކުށް ތަކުރާރުކުރާ މީހަކަށް ނުވުމެވެ. މިއީ ވަރަށް ސާފު ހަގީގަތެކެވެ. މި ހަގީގަތް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ ހަދީސްފުޅުތަކުން ވެސް ހާމަވެއެވެ. އެކަލޭގެފާނުގެ ހަދީސް ބަސްފުޅެއްގައި ވެއެވެ. عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم: كل بنى آدم خطاء وخير الخطائين التوابون މާނައީ: މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކޮންމެ އާދަމުގެ ދަރިއަކީ ކުށްކުރެވޭނެ މީހެކެވެ. ކުށްކުރެވޭ މީހުންކުރެ އެންމެ ހެޔޮވެގެންވަނީ ކުށް ކުރެވުމަށްފަހު ކުށަށް ތައުބާވާ މީހުންނެވެ.
ކުށްކުރެވުމުގެ ސަބަބެއް ކަމުގައިވަނީ، އެއްވެސް އިންސާނަކަށް އެއްވެސް ކަމެއް އެންމެ މޮޅަށް އެންމެ ފުރިހަމައަށް އެނގިފައި ނެތުމެވެ. އެހެންކަމުން، ބައެއް ފަހަރު އިންސާނާ، ރަނގަޅު ނޫން ކަތި މަގުން ހިނގައެވެ. ނުރަނގަޅު ވިސްނުން ވިސްނައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ރޭވުންތަކުގައި އުނިކަންކަން ހުރެއެވެ. ދިމާނުވާ ފަހަރު އާދެއެވެ. އިންސާނާގެ މޮޅުކަމަކީ ކުށެއް ނުކުރުމެއް ނޫނެވެ. އޭނާގެ މޮޅުކަމަކީ ކުށެއް ކުރެވުމާއެކު އެކުރެވުނީ ކުށެއްކަން އެނގި އެކުށުން އެނބުރި ރުޖޫޢަވުމެވެ. ކުށަށް އިއުތިރާފުވުމެވެ. އޭނާގެ ޢަމަލުތައް ހަގީގަތާ އެއްގޮތަށް ބެހެއްޓުމެވެ. ރަނގަޅު މީހުންގެ ގޮތަކީ، ކުށެއް ކުރެވުމުން އެކުރެވުނީ ކުށެއްކަމަށް ސާފުބަހުން އިއުތިރާފުވުމެވެ. ނަތީޖާއެއްގެ ގޮތުން އޭނާ، އޭނާގެ ކުށް ވިސްނުން ބަދަލުކުރާނެއެވެ. އެއަށްފަހު ވީހާވެސް ރަނގަޅަކަށް އަނެއްކާ ވެސް އައު ޕްލޭނެއް ރާވާނެއެވެ.
ކުށް ކުރެވުމުން ކުށަށް އިއުތިރާފުނުވާ މީހުންނަށް ފަހުން ދައްކަންޖެހޭ އަގާއި ލިބޭ ގެއްލުން މާބޮޑެވެ. އެއް ކަމަކީ، ކުށުގެ މަތީގައި ދެމިހުރުމެވެ. ދެވަނަ ކަމަކީ، އޭނާ ކުރާން އުޅޭ ކަމަކުން ފުރިހަމަ ނަތީޖާއެއް ލިބޭނެކަމާ މެދު ޔަގީންކަން ނެތިދިއުމެވެ. ތިންވަނަ ގެއްލުމަކީ އޭނާގެ ލަނޑުދަނޑި އަމުދުން ހާސިލުނުވުމެވެ.
(العلامة وحيد الدين خان)

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *