އީރާނުގެ އެންމެމަތީ ފަންތީގެ މަސްއޫލުވެރިންނާއި، ދީނީ އަދި އަސްކަރީ ލީޑަރުންނާއި މަޝްހޫރު ސައިންސްވެރިންނަށް އަމާޒުކޮށް އިޒުރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި ވަރަށްގިނަ އަދަދެއްގެ ލީޑަރުން ޝަހީދުކޮށްލައިފިއެވެ. އެހާ ފަސޭހައިން އީރާނުގެ ލީޑަރުން ޚާއްޞަކޮށް ޤައުމުގެ އެންމެ އިސް މަސްއޫލުވެރިން ޝަހީދުކޮށްލެވެނީ ކީއްވެގެންތޯއެވެ؟
އިޒުރޭލުން ދީފައިވާ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ސައިންޓިފިކް ދާއިރާގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޝަހީދުކޮށްލާފައެވެ. އެ ލިސްޓަށް އީރާނުގެ ރޫޙީ ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި ސިޔާސީ އެތައް ބޭފުޅުންނެއް ވަނީ އިތުރުކޮށްފައެވެ. ޚާމަނާއީ ޝަހީދުކޮށްލި ހަމަލާގައި އޭނާގެ އެޑްވައިޒަރު އަލް ޝަމްހާނީ، ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރްޒާދީހް، ސުޕްރީމް ލީޑަރުގެ މިލިޓަރީ ބިއުރޯގެ ޗީފް މުޙައްމަދު ޝިރާޒީ، އައިއާރުސީޖީގެ ޗީފް، މުޙައްމަދު ޕަކްޕޫރު އަދި އިންޓަލިޖެންސް އޮފިޝަލް ޞަލާޙް އަސާދީ ޝަހީދުކޮށްލިއެވެ. އޭގެފަހުން އީރާނުގެ ސަލާމަތީ ބާރުގެ ވެރިޔާ ޢަލީ ލަރިޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ގުލާމް ރޭޒާ ސުލައިމާނީ އާއި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
މިއީ މިހާރަކު އިޒުރޭލުން ފަށައިގެން އުޅޭ ކަމެއްނޫނެވެ. ނިރުބަވެރި ޔަހޫދީ ދައުލަތުގެ ލާއިންސާނީ ޢަމަލުތަކަށް ބަލާއިރު 2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު ދިން ނިރުބަވެރި ސިއްރު ހަމަލާތަކުގައި އީރާނުގެ ހަތަރު ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ މަޖީދު ޝަހްރިއާރީ، މުސްތަފާ އަޙްމަދީ ރޯޝަން، މަސްޢޫދު ޢަލީ މުޙައްމަދީ އަދި ދާރިއުޝް ރިޒާއީ ނެޖާދު ޝަހީދުކޮށްލިއެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ އެންމެ އިސް ސައިންޓިސްޓް މުޙްސިން ފަޚްރީ ޒާދާ 2020 ވަނަ އަހަރު ވަނީ ޝަހީދުކޮށްލާފައެވެ.
ސީރިއާގައި އީރާނުގެ އަސްކަރީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސައްޔިދު ރާޟީ މޫސަވީ 2023 ވަނަ އަހަރު ޝަހީދުކޮށްލާފައިވާއިރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯރ (އައިއާރުޖީސީ) ގެ ގުދުސް ފޯސްގެ އިސް ކޮމާންޑަރެއްކަމަށްވާ މުޙައްމަދު ރިޒާ ޒާހިދީ ޝަހީދުކޮށްލީ 2024 ގައި ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒުރޭލުން ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި އައިއާރުޖީސީގެ އިސް ވެރިޔެއް ކަމުގައިވާ މުޙައްމަދު ހާދީ ޙާޖީ ރަހީމީ ވެސް ޝަހީދުކޮށްލިއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާޢީލް ހަނިއްޔާ، އީރާނުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތެހެރާނުގައި ހުންނަވަނިކޮށް 2024 ވަނަ އަހަރު އިޒުރޭލުން ވަނީ ޝަހީދުކޮށްލާފައެވެ.
އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު އެހާ ފަސޭހައިން އިޒުރޭލަށް އީރާނުގެ މަސްއޫލުވެރިން ޝަހީދުކޮށްލެވެނީ ކީއްވެގެންތޯ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މި ސުވާލަށް އޮތީ މައިގަނޑު ތިން ޖަވާބެކެވެ.
- މޮސާޑުގެ ޖާސޫސީ ވިއުގަ އީރާނުގައި ފެތުރާފައިވާ މިންވަރުގެ ބޮޑުކަން
އީރާނުގެ ލީޑަރުން އެހާ ފަސޭހައިން ޝަހީދުކޮށްލެވޭ އެއް ކަމަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުން އީރާނުގެ އެތެރޭގައި ގާއިމުކޮށްފައިވާ ވަރުގަދަ ޖާސޫސީ ވިއުގަ ނުވަތަ ނެޓްވޯކުގެ ފުޅާކަމާއި ބޮޑުކަމެވެ. އީރާނުގެ ސަރުކާރުގެ އެކި ފަންތިތަކާއި، ސަލާމަތީ ބާރުތަކުގެ ތެރެއަށް ޖާސޫސުން ވަދެފައިވާ މިންވަރެވެ. އީރާނުގެ މަސްއޫލުވެރިންގެ ހަރަކާތްތަކާއި، އެ ބޭފުޅުން ތިއްބަވާ ތަންތަނުގެ ސިއްރު މަޢުލޫމާތު ވަގުތުން ވަގުތަށް ދުޝްމަނުންނަށް ލިބެމުންދިއުމެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯނު ސިގްނަލްތަކާއި، ސެޓަލައިޓް މެދުވެރިކޮށް މީހުން ތިބޭ ތަން ދެނެގަތުމުގެ ގާބިލުކަން އެމެރިކާއާއި އިޒުރޭލަށް ލިބިފައިވުމީ ވެސް މިފަދަ ހަމަލާތައް ކާމިޔާބުވާ އެއް ސަބަބެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި މި ހާދިސާތަކުން އިޒުރޭލާއި އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ ކުރިއެރުމަށްވުރެ ބޮޑަށް، ފާހަގަ ވަނީ އީރާނުގެ އެތެރޭގެ ސަލާމަތީ ކަންކަމުގައި ހުރި ބަލިކަށިކަމެވެ. މިފަދަ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ޖާސޫސީ ނެޓްވޯކްތައް ނައްތާލުމާއި، އެތެރޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަކީ މިއަދު އީރާނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
- ސިޔާސީ ނުތަނަވަސްކަން
ދެވަނަ ސަބަބަކީ އީރާނުގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމެވެ. ސަރުކާރާ ދެކޮޅު ބައެއް ފަރާތްތަކުންނާއި، ބޭރުގެ ނުފޫޒުތަކަށް މަސައްކަތްކޮށްދޭ ބައެއް މަސްއޫލުވެރިންގެ ފަރާތުން ދުޝްމަނުންނަށް ލިބޭ ”އެތެރޭގެ އެހީތެރިކަން“ މި ހަމަލާތަކުގައި ބޮޑު ދައުރެއް އަދާކުރެއެވެ. ޤާސިމް ސުލައިމާނީ ފަދަ ވަރުގަދަ ލީޑަރުން ޝަހީދުކޮށްލީ، އެ ބޭފުޅުންގެ ދަތުރުފަތުރުގެ ތަފުސީލުތައް އެނގި ތިބެ، ވަރަށް ފަރުވާތެރިކަމާ އެކު ރާވައިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.
- ޝަހީދުވުމުގެ ޢަޒުމުގެ ވަރުގަދަކަން
ތިންވަނަ ސަބަބަކީ އީރާނުގެ އިސްލާމީ އިންޤިލާބުގެ ގިޔަމު (ވިލިއުސް) އެއްގެ ގޮތުގައި އަދި ދީނީ އަޤީދާގައި ފަސްނުޖެހި ދުޝްމަނުންނާ ކުރިމަތިލައި، ޝަހީދުވުމުގެ ޢަޒުމަށް އިސްކަން ދީފައި އޮންނަ މިންވަރެވެ. އީރާނުގެ މީހުން ދެކޭ ގޮތުގައި އެއީ ޝަހީދުކޮށްލެވުނު ކީރިތި ރަސޫލާގެ ލޮބުވެތި ކާފަ ދަރިކަލުން، އިމާމު ޙުސައިންގެފާނުގެ ޤައުމެވެ. އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި ބޯ ނުލަބައި، ދީނާއި ޤައުމުގެ ދިފާޢުގައި ނިކުމެ އެކަލޭގެފާނު ދެއްކެވި މަގުން ޝަހީދުވެ ދިއުމަށްވުރެ މަތިވެރި މަޤާމެއްނެތެވެ. އެއަށްވުރެ ބޮޑު ފަޚުރާއި ޝަރަފެއް ވެސް ނުވެއެވެ.
ރައްކާތެރި ބިންގަރާސްތަކާ ރައްކާތެރި ތަންތަން ހުއްޓަސް ކޮންމެ ލީޑަރަކު ވެސް ބޭނުންފުޅުވަނީ ޖިހާދުގެ މައިދާނުގައި ހުންނަވައި ޝަހީދެއްގެ މަތިވެރި ޢިއްޒަތާއި ޝަރަފުގައި މި ދުނިޔެއިން ނިކުމެވަޑައިގަންނަވާށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އީރާނުގެ ލީޑަރުން ޝަހީދުވަމުން ދާނެއެވެ. އެ ބޭފުޅުން އެ ޝަރަފު ހާސިލުކުރައްވާނެއެވެ. ހަމަ އެއާއެކު އެ ބޭފުޅުންފަދަ ވަރުގަދަ އެހެން ލީޑަރުން އެ ބޭފުޅުންގެ ފަހަތުން އަރަމުން އަންނާނެއެވެ.






