ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅިވެފައިވަނީ ”މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން،“ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މި ސަރުކާރުން އިސްނަގައިގެން ވަނީ މިކަމަށް އެތައް މަސައްކަތްތަކެއް ކުރެވިފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ސިޔާސަތަށްވާނޭ ކަމަށެވެ.






