މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރަނީ

ޟަމްރަތު އަހްމަދު
މާރޗް 23, 2026

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރައްވަން ވިސްނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އޭގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނަށް ވެސް ޚާއްސަކުރައްވަން ވިސްނަވާ ކަމަށެވެ. މިކަންކަމުގެ ދިރާސާތައް މިހާރުދަނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަން މިގޮތަށް ކުރައްވާނީ ރައީސް ވިދާޅުވީ މިކަން ކުރައްވާނީ އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށެވެ. ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވާގޮތަށް ހަމަޖެހިއްޖެކަމަށްވާނަމަ އެއާ ވިދިގެން މުހިންމު ޤާނޫނީ އިޞްލާޙުތަކެއް މަޖިލީހަށް ހުށައެޅުއްވުމަށް ވަނީ ނިންމަވާފައި ކަމަށް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނަމަ، ހިނގަމުންދާ މަޖިލީހުގެ ޢުމުރަށް ބަދަލު އަންނާނޭ ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގައި ހިމެނޭ އެހެނިހެން އިޞްލާޙުތަކެއްވެސް މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި އާބާދީ އިތުރުވާ މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވާ ގޮތަށް އޮތް އޮތުން އިސްލާހު ކުރުމުގެ އިސްލާހުވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވުމާބެހޭ ޕްރިފަރަންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު މަހުގެ އެގާރަވަނަ ދުވަސްކަމުގައި ކަނޑައެޅުއްވުމާ ގުޅޭ އިޞްލާޙާ ބެހޭ މަސައްކަތްތައްވެސް، ކުރިއަށް ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައްވެސް ހުށަހަޅުއްވާނޭކަމަށެވެ. ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ޖުލައިމަހު، އެ އިދާރާ އުފައްދަވާނޭކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ