ޔަހޫދީ ޤަބީލާއެއް ކަމުގައިވާ ޤައިނުޤާޢު ވަންހައިގެ މީހުން މަދީނާއިން ބޭރުކޮށްލެއްވުން
މީލާދީން 622 ވަނަ އަހަރު މެއި މަހު، މާތް ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު، މަދީނާގައި ވެރިކަން ހިންގެވީ، ވަކި ޤަވާއިދެއް އެކަށައަޅުއްވައިގެން އެ ޤަވާޢިދާ އެއްގޮތަށެވެ. އެ ޤަވާޢިދު އެކުލަވައިލެއްވީ މަދީނާގެ ތަފާތު ޤަބީލާތަކާއި، އަދި މަދީނާއާއި މަދީނާގެ ކައިރީގައި ދިރިއުޅެމުންދިޔަ ޔަހޫދީންނާއި އެ ނޫން ޣައިރު މުސްލިމުން ވެސް ރުހި ގަބޫލުވީ އެންމެ އިންޞާފުވެރި ގޮތަށެވެ.
އެ ގަވާއިދުގައިވަނީ އިސްލާމުން ނޫން މީހުންވެސް، އެއްބަޔަކު އަނެއް ބަޔަކާ ނުބެހި، އެބައެއްގެ ދީނުގައި އަމާންކަމާއެކު އުޅުމަށާއި، އެއްވެސް ގޮތަކުން ޤުރައިޝުންނަށް އެއްވެސް ވާތްގެއް ނުދިނުމަށާއި، މަދީނާއަށް، ބޭރުގެ އެއްވެސް ބަޔަކު ޙަމަލައެއް ދީފިނަމަ، މި އެންމެން އެކުގައި ނިކުމެ، މަދީނާއާއި، މަދީނާގެ އަހުލުވެރިން ދިފާޢު ކުރުމަށް އެއްބަސްވާ ކަމަށެވެ.
މި ގަވާއިދުން މަދީނާގެ ވެރިކަން ހިނގަމުން ދަނިކޮށް، ހިޖްރައިން 2 ވަނަ އަހަރުގެ ތެރޭގައި އަތްކަންކުރާ ޔަހޫދީއެއްގެގާތަށް މުސްލިމް އަންހެންކުއްޖަކު ވިޔަފާރީގެ ބޭނުމެއްގައި ދިޔައިރު، އެތާނގައިތިބި ޣައިރުމުސްލިމް ފިރިހެނުންތަކެއް، އެ އަންހެންކުއްޖާއާ ފޮށި، މޫނު ދައްކާށޭބުނެ ފުރައްސާރަކޮށް ކޮށްފިއެވެ. އެވަގުތު، އެ ވިޔަފާރިވެރި ޔަހޫދީކަލޭ އެކުއްޖާއަށް ނާންގައި އެކުއްޖާގެ ހެދުން އެހެން ތަނަކާއެކު އައްސައިފައި ހުރުމުން، އެކުއްޖާ އިށީނދެގެންއިންތަނުން ތެދުވިތަނާ އެކުއްޖާގެ ލިބާހުގެ ތިރިން، ފައިގެ ކޮންމެވެސް މިންވަރެއް ހާމަވެއްޖެއެވެ.
އެކަން އެގޮތަށް ހިނގިވަގުތު އެކުއްޖާއަށް ހަޅޭލަވައިގަނެވުމާއެކު އެތަނަށް އައި މުސްލިމް ފިރިހެނަކު، އެ ޔަހޫދީކަލޭގެ މަރައިލައިފި އެވެ. އެއާއެކު، އެތާނގައި ތިބި ޔަހޫދީންތައް އެ މުސްލިމް މީހާ މަރައިލައިފި އެވެ. މި ހާދިސާހިނގިތަނަށް މުސްލިމުން އައިސް މުސްލިމުންނަށް ގޮވައި، ޔަހޫދީން ޔަހޫދީންނަށް ގޮވައި ދެފަރާތުގެ މީހުން އެއްވެ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.
މާތް ނަބިއްޔާއަށް މި މައްސަލަ ހުށަހެޅުމުން އެކަލޭގެފާނު ނިންމެވީ، ޔަހޫދީންގެ އެ ޢަމަލަކީ، މަދީނާގެ ގަވާއިދާ ޚިލާފު ފިތުނަވެރި ޢަމަލެއް ކަމަށެވެ. މި ނިންމެވުން ޤަބޫލުނުކޮށް، އެ ޔަހޫދީން މާތް ނަބިއްޔާއާ އިދިކޮޅަށް ތެދުވެއްޖެއެވެ. އަދި ބަދުރު ހަނގުރާމައިން ކާމިޔާބު ލިބިވަޑައިގަތަސް ތިމަންމެންކަހަލަ ހަނގުރާމަވެރި ފިރިހެނުންތަކަކާ ދިމާކޮށްފިނަމަ ބަލިކުރާނެކަމަށް ބުނެ، މާތް ނަބިއްޔާއަށާއި މުސްލިމުންނަށް ބިރުދެއްކުމުގެ އެތައް ވާހަކަތަކެއް ދައްކައިފިއެވެ.
އެހިސާބަށް ކަންދިއުމުން، އެމީހުން ކަނޑައެޅިގެން ގަވާއިދާ ޚިލާފުވެއްޖެއަތީވެ، ދެން ނިންމެވީ އެމީހުންނާ ހަނގުރާމަ ކުރެއްވުމަށެވެ. އެކަމަކު، އެމީހުން ހަނގުރާމަ ކުރަން ނުކެރި މަދީނާގެ އިރު ދެކުނުގައިވާ އެމީހުންގެ 2 ކިއްލާއަށް ވަދެ ތިބެއްޖެއެވެ. މާތްނަބިއްޔާއާއި މުސްލިމުން އެމީހުން ޙިޞާރު ކުރައްވައިގެން ތިއްބަވާތާ 15 ވަރަކަށް ދުވަސް ވުމުން، އެމީހުން އަމާންދީފައި ނިކުމެއްޖެއެވެ.
އެމީހުން އަމާން ދިން ނަމަވެސް، އެ މީހުން ކަންކުޅަގޮތުން، މާތްނަބިއްޔާ ނިންމެވީ އެ މީހުންގެ މުދާ ޣަނީމާ ކުރައްވައި، އެ މީހުން މަދީނާއިން ބޭރުކޮށްލެއްވުމަށެވެ. އެމީހުން ފުރަތަމަ ދިޔައީ ވާދިލްޤުރާ ނަމަކަށް ކިޔާ ހިސާބަކަށެވެ. އެއަށްފަހު ޝާމްކަރައަށް ގޮސް އެތާނގައި ތިބި ޔަހޫދީންނާއެކުގައި ވަޒަންވެރިވީ ކަމުގައި ބުނެވެ އެވެ.
މިއީ ވެސް މުސްލިމުންގެމައްޗަށް ޔަހޫދީން ޙަސަދަވެރިވުމުގެ ސަބަބެއް ކަމުގައި ދިމާވެފައިވާ ހާދިސާއެކެވެ.






