ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިހާ ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ފައުންޑަރިން މެންބަރެއް ކަމަށްވާ އަޙުމަދު ޝަފީގު (މީމު ސައްޕެ) އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިއްލަވާނޭ ކަމަށް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި މިވަގުތު ހުންނެވީ ވަގުތީ ޗެއަރޕާސަނެކެވެ. ދާއިމީ ޗެއަރއެއް ހޮވުމަށް އިންތިޚާބަށް ހުޅުވާލުމުން ރަސްމީކޮށް އެމަގާމަށް ކުރިމަތި ލައްވާނޭ ކަމަށް މީގެކުރިން ވެސް ސައްޕެވަނީ ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ޗެއަރޕާސަންގެ މަގާމަށް އޭނާ ހޮއްވަވައި ދެއްވަންވީ ބައެއް ސަބަބުތައް ވެސް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަކަމަށް ވިދާޅުވެފައިވަނީ ”މިވަގުތު އެމްޑީޕީ ހިންގޭނީ 2 ރައީސުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހަކަށް ކަމުގައިވާތީ،“ ކަމަށެވެ. އޭގެ އިތުރުން އެހެއްވަޒީފާއެއް އަދާނުކޮށް ސީދާ ޕާޓީ ހިންގުމަށް އޭނާ މަސައްކަތް ކުރައްވާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޕާޓީ ހިންގުމުގެ މަސައްކަތުގައި ދުވާލަކު މަދުވެގެން ދިހަގަޑި ހޭދަކުރައްވާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

”މާޒީ ދެއްކި ތަޖުރިބާއަކީ އެހެން ވަޒީފާއެއްގައި ހުރެގެން ޕާޓްޓައިމް ވަޒީފާ އެއްގެ ގޮތުގައި ޗެއަރޕާސަން ގެ މަގާމު އަދާ ނުކުރެވުނުތަން. އެމްޑީޕީ ހިންގަން އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ފިކުރާ ވިސްނުން ދަންނަ އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވި ފައުންޑަރ އަކަށް ވުމާއި ކަރުނަގޭހާ ކަރަންޓު މުގުރަށް ފަރިތަ މީހަކަށް ކަމުގައިވާތީ،“ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސައްޕެ ވިދާޅުވީ އެމްޑީޕީއަށް އެމްޑީޕީވަންތަ ކަން ގެނެސް އެޕާޓީ އަލުން ވަރުގަދަ ކުރެއްވުމަށްޓަކައި ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލީހު ”އެއްގަލަކަށް“ އަރުވަން އޭނާވާނީ މާޒީގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އެންމެފަހުން ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ މުޅިޕާޓީގެ ލީޑަރޝިޕް ގުޅިވަޑައިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީ ޕާޓީއެއްގެ ގޮތުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެންމެވެސް މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.






