ދެ ރައީސުންގެ އަރިހަށް ލައްކަ ވާހަކައެއް އަރިސްކޮށްދިނީން: ސައްޕެ

މުހައްމަދު އަލީ
އޭޕްރިލް 10, 2026

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބިގެންދިޔަ ”ރަންރީދޫ ބޮޑު ކާމިޔާބަކީ“ އެމްޑީޕީއާއި ކުރިން ޑެމްސްގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިވަޑައިގެން އެންމެހާ ބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ފައިންޑަރ މެންބަރެއް ކަމަށް އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

ސައްޕެ ވިދާޅުވީ އެމްޑީޕީގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ޑެމްސާއެކު މަސައްކަތް ކުރައްވަން ފެށްޓެވި ހިސާބުން އެމަނިކުފާނު އަލުން އެމްޑީޕީއަށް ގެންނެވުމަށް މަސައްކަތް ފެށްޓެވި ކަމަށެވެ. ”އެހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އެއްގަލަކަށް އަރުވަން. އެދެބޭފުޅުންނާއި އެމްޑީޕީ ލީޑަރޝިޕް އެކައްޗެއް ކިޔައިގެން އާންމު މެންބަރުން ގުޅިގެންމެދުނުވީ އެމްޑީޕީގެ ދަތުރުގައި އެންމެއެދެވޭ ކާމިޔާބީއެއް ލިބޭނޭ ކަމަށް ގަބޫލު ނުކުރެވުމުން އެކަން ކުރަން ބުރަ މަސައްކަތެއް އަޅުގަނޑުމެން ކުރިން،“ ސައްޕެ ވިދާޅުވިއެވެ.

ދެ ރައީސުންނާ ވަކިވަކީން ދެއްކި ވާހަކަތަކުގެ ނަތީޖާ ފެނި ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ އެޕާޓީއަށް ލިބުނު ވަރަށްބޮޑު ދިރުމެއް ކަމަށް ސައްޕެ ވިދާޅުވިއެވެ. ”ރައީސް ނަޝީދު ވަޑައިގެން ރައީސް އިބޫއާއި ޕާޓީގެ އިސްވެރިންނާ ގުޅިވަޑައިގެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނިމުނު އިންތިޚާބުގައި ކާމިޔާބު ލިބުނީ. މިއީ ގުޅިގެން އެންމެކުރި މަސައްކަތުގެ ނަތީޖާ،“ ސައްޕެ ވިދާޅުވިއެވެ.

ސައްޕެ ވިދާޅުވީ ”ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެން (ދެރައީސުންގެ ގުޅުން އިއާދަވެ) ބައްދަލުކުރައްވައި އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ނިކުމެވަޑައިގެން ދެރައީސުން ކުރެއްވި ކާމިޔާބު މަސައްކަތްތަކާއި ކެމްޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމުން ދެރައީސުން އެކީގައި ފެނިގެން ދިއުމުގެ އުފާވެރި ނަތީޖާ މިއީ. މިއީ ވަރަށް މަސައްކަތް. އެމްޑީޕީގެ ފައުންޑަރ މެންބަރެއްގެ ގޮތުން އަދި ދެރައީސުންގެ އެކުވެރިއެއްގެ ހައިސިއްޔަތުން ދެރައީސުން ގެ މެދުގައި ލައްކަ ވާހަކަތައް އަރިސްކޮށްދިނިން،“

އެމްޑީޕީގެ އެންމެހާމެންބަރުން މިކަމަށް ހެކިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ޝުކުރިއްޔާ ރައީސް ނަޝީދު. ޝުކުރިއްޔާ ރައީސް އިބޫ،“

ސައްޕެ ވިދާޅުވީ އެމްޑީޕީއަކ ޑިމިކްރެޓިކް އުސޫލުން ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ހިންގާ ޕާޓީއެއް ކަމުން ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އައުމުގެ ފުރުސަތު އޮވެދާނޭ ކަމަށެވެ. އެހެންނަމަވެސް އެކަންކަމަކީ ވަގުތީ ކަމެއް ކަމަށާއި ދެ ރައީސުންނާއި އެމްޑީޕީގެ ލީޑަރޝިޕް އާޚިރުގައި އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށްއޮތް އިންތިޚާބުތަކުގައި ފެނިގެންދާނީ މާއުފާވެރި މަންޒަރުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕާޓީތެރޭގައި މިހާރުއޮތް ނުތަނަވަސް ކަމަކީ ވެސް ވަގުތީ ކަމެއް ކަމަށް ސައްޕެ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *