ޤުސްޠަންޠީނިއާގެ ފުތޫޙާތުގައި ގިނަ ބަޔަކަށް ނޭނގޭ ބަޠަލު ޙަސަން ޠޫބާލް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 10, 2026

އިސްލާމީ ތާރީޚުގެ، އެ މުހިންމު ބާބުގައިވެސް ގިނަ ބަޔަކަށް ނަން ނޭނގޭ، އެކަމަކު، އޭނާގެ ހިތްވަރުން ކާމިޔާބީއަށް މަގުފަހިކޮށްދިން މުޖާހިދަކު ހުއްޓެވެ. އެއީ، އުސްމާނީ ސިފައިންގެ ހިތްވަރުގަދަ ޖެނިސަރީއެއް ކަމަށްވާ ޙަސަން ޠޫބާލްއެވެ.

ޙަސަން ޠޫބާލަކީ އާދަޔާއި ޚިލާފު ޖިސްމާނީ ބާރާއި، ހިތްވަރާއި، ހަނގުރާމައިގެ ހުނަރު ލިބިފައިވި ކުޅަދާނަ ފަހުލަވާނެކެވެ. އެއީ، އެ ޒަމާނުގެ އެންމެ މޮޅު އަސްކަރީ ބާރުގެ ގޮތުގައި ބެލެވުނު، އުސްމާނީ ޖެނިސަރީ ލަޝްކަރުގެ ތެރެއިންވެސް ހޮވާލެވިފައިވާ ފައުޖަކަށް ނިސްބަތްވާ މުޖާހިދެކެވެ.

53 ދުވަހުގެ ދިގު ޙިޞާރަކަށް ފަހު، ޤުސްޠަންޠީނިއާގެ ވަރުގަދަ ފާރުތައް ފޫއަޅުވައިލުން މުސްތަޙީލު ކަމަކަށް ވީހިނދު، ޙަސަން ޠޫބާލް، އޭނާގެ އެކުވެރިންގެ ތެރެއިން 30 މީހުންނާއެކު ކުރިއަށް ނުކުތެވެ. އެދުވަހުގެ ފަތިސްނަމާދަށް ފަހު، ޤުސްޠަންޠީނިއާގެ ބޮޑު ފާރަށް އެންމެ ފުރަތަމަ އެރީ ޙަސަން ޠޫބާލްއެވެ. އޭނާ ފާރު މައްޗަށް އެރިއިރު، އޭނާގެ އަތުގައި އޮތީ ހަމައެކަނި ކަނޑިއަކާއި، އައްޑަނައަކާއި، އުސްމާނީ ޚިލާފަތުގެ ދިދައެކެވެ. އޭނާއާ ދިމާއަށް ވަޒަނާއި، ގަލާއި، ތީރުތަކުގެ ވާރޭ ވެހެމުން ދިޔައިރުވެސް، އޭނާ ހަނގުރާމަ ކުރަމުން ކުރިއަށް ދިޔައެވެ. އޭނާގެ އެކުވެރިންގެ ތެރެއިން 17 މީހަކު ޝަހީދުވި ނަމަވެސް، ބާކީ ތިބި ހަނގުރާމަވެރިން އޭނާއާ ހަމައަށް ވާސިލްވަންދެން އޭނާ ފާރުމަތީގައި ސާބިތުކަމާއެކު ހަނގުރާމަ ކުރުމުގައި ދެމިހުއްޓެވެ.

އެންމެ ފަހުން، 29 މެއި 1453 ގައި ޙަސަން ޠޫބާލް، ފާރުމަތީގައި ނަގާފައިވާ ޤުސްޠަންޠީނިއާގެ ދިދަ ތިރިކޮށް، އުސްމާނީ ޚިލާފަތުގެ ދިދަ އުފުލައިލިއެވެ. އެވަގުތުކޮޅަކީ، އެ ހަނގުރާމައިގެ ގޮތް ނިންމައި ދިން ވަގުތުކޮޅުކަން ސާބިތުވެގެން ދިޔައެވެ. ޙަސަން ޠޫބާލްގެ ހަށިގަނޑަށް 27 ތީރު އަމާޒުވެ ބޮޑެތި ޒަޚަމްތަކެއް ލިބިފައި ހުރި އިރުވެސް، އޭނާގެ ވާޖިބު ވަނީ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައެވެ. އެކަމަކު، ތީރުތަކާއި، ކަނޑި އެތިފަހަރުތަކުން ލިބުނު ޒަޚަމްތަކުގެ ސަބަބުން އެދުވަހު އޭނާ ޝަހީދުވީއެވެ. ޝަހީދުވީއިރު، އޭނާގެ ޢުމުރަކީ އެންމެ 25 އަހަރެވެ.

ޙަސަން ޠޫބާލް ފަދަ، ކާކުކަން އެހައި ބޮޑަށް ފާހަގަ ނުކުރެވޭ މުޖާހިދުންނަކީ ހަގީގަތުގައި އިސްލާމީ ތާރީޚުގެ ޙަޤީޤީ މިޢުމާރުންނެވެ. އެފަދަ މީސްމީހުން އިސްލާމް ދީނަށްޓަކާ، އިސްލާމީ އުއްމަތަށްޓަކާ، ފުރާނަ ޤުރުބާންކުރީ ނަމާއި، ޝުހުރަތާއި، މަޝްހޫރުކަން ހޯދުމުގެ ނިޔަތުގައެއް ނޫނެވެ. އެފަދަ މީސްމީހުން ޚިޔާރުކުރީ ދެގޮތުން އެއް ގޮތެވެ. އެހެންޏާ، ކާމިޔާބީއެވެ. ނުވަތަ الله ގެ މަގުގައި ޖިހާދުކޮށް ޝަހީދުވުމެވެ. މާތް الله، ޙަސަން ޠޫބާލާއި، އޭނާގެ އެކުވެރިންގެ ފާފަތައް ފުއްސަވައި، ޖަންނަތުގެ އައުލާ މަޤާމު މިންވަރުކޮށް ދެއްވާށި! އާމީން.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *