ޕާކިސްތާނުގައި ނިމިގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގައި އީރާނުގެ ހައްގުތަކާއި މަސްލަހަތުތައް އެމެރިކާއިން ބަލައިގަނެފައި ނުވާކަމަށް އީރާނުން ބުނެފިއެވެ. މަޝްވަރާތައް ކާމިޔާބުކުރަން ބޭނުންވިނަމަ އެކަންކަން އެމެރިކާއިން ބަލައިގަތީސް ކަމަށް ވެސް އީރާނުގެ ފޮރިންމިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ވަނީ ސޯޝަލް މީޑިއަށް ދޫކޮށްލި މެސެޖެއްގައި ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މަޝްވަރާތައް ދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ކާމިޔާބީ ބިނާވެފައިވީ އެމެރިކާގެ ސީރިއަސްކަމާއި ހެޔޮނިޔަތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި އެމެރިކާގެ ނިޔަތާމެދުވެސް ބަޤާއީ ވަނީ ސުވާލު އުފައްދައިފައެވެ.
އީރާނުން އަބަދުވެސް ބުނަމުން އަންނަނީ ގަދަބާރާއި ނުފޫޒު ބޭނުންކޮށްގެން އެމެރިކާއަކަށް އިރާން މައިތިރިއެއް ނުކުރެވޭނޭ ކަމަށެވެ. މަޝްވަރާވެސް ކުރަންވާނީ ހެޔޮނިޔަތާއި ރަނގަޅު މަގުސަދެއް އޮވެގެން ކަމަށް އީރާނުންވަނީ ބުނެފައެވެ.
މަޝްވަރާ ކުރިކަންކަމުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނެއެވެ. އެހެންނަމަވެސް އެކަމަށް އެމެރިކާއިން ދެއްކި ހުއްޖަތްތަކާއި ޑިމާންޑުތައް އީރާނުންވަނީ ބޮލާލައި ޖަހައިފައެވެ. ހޮރްމުޒު ކަނޑުއޮޅި ހުޅުވުމާބެހޭ ގޮތުންވެސް ދެގައުމަށް އެއްގަލަކަށް ނޭރުނެވެ. އީރާނުން ބުނަނީ އެކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އީރާނަށް ކަމަށެވެ. އެމެރިކާއިން ބޭނުންވީ އެމެރިކާ ހިއްސާވާގޮތަށް އެކަނޑުއޮޅީގެ ކަންކަން ބަލަހައްޓާގޮތަށް އީރާނުން އެއްބަސްވުމަށެވެ. އެއީ އީރާނުން ބަލައިގަތް ކަމެއްނޫނެވެ. ނިއުކްލިއަރ ޕްރޮގްރާމަކީ އީރާނުގެ އަސާސީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި އެއަށް އެމެރިކާ ބޭނުންހައި ގޮތެއް ނުހެދޭނޭ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.






