ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (1)
ﷲ ގެ ކަލާމްފުޅު ކީރިތި ޤުރްއާނަކީ ކޮންމެ ނަޒަރަކުން ބެލިކަމުގައިވިޔަސް ތެދުމަގު ދައްކާ އެންމެ ފުރިހަމަ ފޮތެވެ. ﷲ، ކީރިތި ޤުރްއާން އިންތިޒާމްކުރައްވާފައިވަނީ ސޫރަތްތަކާއި އާޔަތްތަކަށެވެ. މިކަމުގެ ޙިކުމަތާއި ބޭނުމަކީ އެފޮތުން އިންސާނިއްޔަތަށް ﷲ ދެއްވަން އެދިވޮޑިގަންނަވާ ތެދުމަގުގެ މެސެޖު އެންމެ ފުރިހަމައަށް ދެއްވުމެވެ.
ކީރިތި ޤުރްއާންގެ އާޔަތެއްގެ މާނަ ދެނެގަތުމަށްޓަކައި ބައެއް ފަހަރު ޖެހިގެން އޮންނަ އާޔަތަށް ދާންޖެހެއެވެ. އަދި ކީރިތި ޤުރްއާނުގެ ސޫރަތެއް ދެނެގަތުމަށްޓަކައި ބައެއް ފަހަރު އެހެން ސޫރަތަކަށް ނުވަތަ ސޫރަތްތަކަށްވެސް ނަޒަރު ހިންގަންޖެހިދެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައްވަނީ ނުހަނު ފުރިހަމަށް ގުޅިލާމެހި ގަތާލެވިފައެވެ. މިކަން ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. ހޫދު ސޫރަތުގެ ފުރަތަމަ އާޔަތް މިކަމަށް ހެކިވެއެވެ.
ކީރިތި ޤުރްއާނުގެ އާޔަތެއް ދޭ މެސެޖު ދެނެގަތުމަށްޓަކައި ބައެއް ފަހަރު ރަސޫލުﷲ ގެ ހަދީސްފުޅަކަށް ދާންޖެހެއެވެ. އަނެއްބައިފަހަރު ކޮންމެވެސް ހާދިސާއަކަށް ނުވަތަ ވާހަކައަކަށް ދާންޖެހެއެވެ. މޮޅު ވާހަކަ ދެއްކުންތެރިއަކީ އޭނާގެ ޚިޔާލުތައް ފުރިހަމައަށް އިންތިޒާމްކޮށްގެން ވާހަކަދައްކާ މީހާއެވެ. އެގޮތަށް ވާހަކަދައްކާ މީހާގެ ވާހަކަ އަޑުއަހާ މީހާއަށް ފަހުމްވެ ހަނދާނުގައި ބަހައްޓަން ފަސޭހަވެއެވެ. ކީރިތި ޤުރްއާން އިންތިޒާމްކުރައްވާފައިވާ ގޮތް ފުރިހަމަކަމުން އެފޮތް އުނގެނި ދަސްކޮށް އެފޮތުގެ މާނަ ދެނެގަތުމަށް ފަސޭހަވެއެވެ. އަދި އެފޮތް ހިތުން ދަސްކުރާ މީހުންނަށް ހަނދާނުގައި ބަހައްޓަން ފަސޭހަވެދެއެވެ.
ކީރިތި ޤުރްއާނުގެ ސޫރަތެއްގެ މާނަ ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ މުޅި ސޫރަތުގައި ބަޔާންކުރައްވާ ބުއްދި ޔަޢުނީ ލޮޖިކް އުނގެނެންޖެހެއެވެ. އެއަށްފަހު އެސޫރަތުގެ އެތެރޭގައިވާ މެސެޖު ދެނެގަންނަންޖެހެއެވެ. މި މަޒުމޫނުގެ ބޭނުމަކީ ސޫރަތުލް ޖުމުޢާއިން އަޅުގަނޑުމެންނަށް ލިބޭ މެސެޖުގެ ބޮޑު ތަސްވީރަށް ނަޒަރު ހިންގުމެވެ. މިސޫރަތް މައިގަނޑު ތިން ބަޔަކަށް ބެހެއެވެ. ފުރަތަމަބައިގައިވަނީ މައިމީހާގެ ބަނޑުން ނިކުތްފަދައިން ތިބި މީހުންނަށް ﷲ ދެއްވި ނިޢުމަތެވެ. ދެވަނަ ބައިގައިވަނީ ބަނީއިސްރާއީލްގެ ވާހަކައެވެ. ތިންވަނަ ބައިގައިވަނީ ހުކުރުނަމާދުގެ ވާހަކައެވެ. މިސޫރަތުގެ ނަން އައިސްފައިވަނީ ހުކުރު ނަމާދުންނެވެ.
ﷲ ސޫރަތުލް ޖުމުޢާ ފަށްޓަވަނީ އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް ﷲ އަށް ތަސްބީޙަ ކިޔާ ވާހަކައިންނެވެ. ސޫރަތުލް ޖުމުޢާގެ ފުރަތަމަ އާޔަތުގައި ބަޔާންކުރައްވާ މިތަސްބީޙައިގައި ﷲ، އެއިލާހުގެ ހަތަރު ނަންފުޅު ނުވަތަ ސިފަފުޅު ފާހަގަކުރައްވައެވެ. އެއީ އަލްމަލިކް، އަލްޤުއްދޫސް، އަލްޢަޒީޒް، އަދި އަލްޙަކީމްއެވެ. ﷲ ގެ މި އިސްމުފުޅުތަކަށް ފުންކޮށް ވަނުމަށްޓަކައި ދުނިޔޭގައި މީހުން މިނަންތައް ބޭނުންކުރިގޮތަށް ފުރަތަމަ ބަލަމާ ހިނގާށެވެ.
މަލިކު މިބަހުގެ އަސްލަކީ މައްލަކައެވެ. މައްލަކައިގެ މާނަޔަކީ މަޑު އެއްޗެއް ހަރުކުރުމެވެ. މިސާލަކަށް މޮޑެފައި އޮންނަ ފުށްގަޑެއް ހަރުކުރާ ބީދައިންނެވެ. މަލިކުން ދޭހަވާ އެއް މާނަޔަކީ އޭގައި ގުޑުމެއްނުވުން ނުވަތަ ވަރުގަދަކަމުގައިވުމެވެ. އެއީ ގޮށްމުށުން ވަރުގަދައަށް އެއްޗެއް ހިފަހައްޓައިގެން ހުންނަ ބީދައިންނެވެ. މަލިކުން ދޭހަވާ އަނެއް މާނަޔަކީ ފުރިހަމައަށް ކޮންޓްރޯލްއޮތުމެވެ. މިސާލަކަށް އަމިއްލަ ނަފުސުކޮންޓްރޯލްކުރާ ބީދައިން ނުވަތަ މީހެއްގެ މައްޗަށް ތިމާގެ ކޮންޓްރޯލް ހިންގާ ބީދައިންނެވެ. މަލިކުގެ ހަތަރުވަނަ މާނަޔަކީ ބިންގާއެވެ.
މަލިކު މިބަހުގެ މާނަޔަކީ ރަސްގެފާނުއެވެ. ކީރިތި ޤުރްއާނުގައި ރަސްގެފާނަށް އިޝާރާތްކުރައްވައި ﷲ މިބަސް ބޭނުންކުރައްވައެވެ. ރަސްގެފާނަކީ ރަސްކަމެއްގައި ހުންނަ އެންމެ އިސް މީހާއެވެ. ރަސްކަމުގައި ތިބެނީ ރައްޔިތުންނެވެ. ހަގީގީ ރަސްކަމުގައި ތިން ކަމެއް ހިމެނެއެވެ. އެއީ ވެރިކަންކުރުމާއި މިލްކުވެރިކަމާއި ކޮންޓްރޯލްއެވެ. ދުނިޔޭގައި މިލްކުވެރިކަންނެތި ވެރިކަންކުރާތަން ފެނެއެވެ. މިސާލަކަށް އިނގިރޭސި ރަސްގެފާނަކީ އެފަދަ ރަސްކަލެކެވެ. ހަމައެގޮތަށް ވެރިކަންކުރުމާނުލާ މިލްކުވެރިކަން އޮވެއެވެ. މިސާލަކަށް މުކޭޝް އަމްބާނީއަކީ އެފަދަ މީހެކެވެ. އޭނާގެ ވެރިކަމެއްނުވެއެވެ. އެކަމަކު އޭނާގެ މިލްކުވެރިކަމުގައިވާ މުދާ ގިނަކަމުން އޭނާއަކީ ވިޔަފާރީގައި ރަސްކަލެކެވެ. ހަމައެގޮތަށް ކޮންޓްރޯލެއްނެތި މީހުން ވެރިކަންކުރާ ތަންވެސް ފެނެއެވެ. ރާއްޖެއަކީ އެފަދަ މިސާލެއްކަމަށް ބައެއް މީހުން ބުނެއެވެ. އެއީ މީހުން އުޅޭނެގޮތަކަށް އުޅޭތަން ފެންނާތީއެވެ. އަދި ވައްކަމާއި ޚިޔާނާތާއި ކުށްކުރުން އާންމުވެފައިވާތީއެވެ. ހަމައެގޮތަށް ކޮންޓްރޯލެއްނެތި މިލްކުވެރިކަން އޮންނަތަންވެސް ފެނެއެވެ. މިސާލަކަށް ގާނޫނުން މާލޭ ސިޓީ ކައުންސިލަށް މާލޭގެ މިލްކުވެރިކަން ދީފާނެއެވެ. އެކަމަކު އަބަދުވެސް މާލޭގެ ކޮންޓްރޯލް އޮންނާނީ އޭރަކު އޮންނަ ސަރުކާރެއްގެ އަތުގައެވެ.
ދުނިޔޭގައި ރަސްކަލުން ރަސްކަންކުރަމުން އައިއިރު އެކަމުގައި އެމީން ދެކަމެއް ޝާމިލުކުރިއެވެ. އެއްކަމަކީ ރަސްކަމުގެ ސިޔާސީ ބައެވެ. އަނެއްކަމަކީ ރަސްކަމުގެ ދީނީ ބައެވެ. ރަސްގެފާނާއި ރަސްކަމުގެ ސިޔާސީ ބާރުވެރިކަން ޞައްޙަކޮށްދޭ ބަޔަކީ ދީނީ ފަރާތްތަކެވެ. މާތް ނުވަތަ މުޤައްދަސް ހުރިހާ ކަމެއް ރަސްކަމުގައި ޖައްސާދޭ ބަޔަކީ މިދެންނެވި ދީނީ ފަރާތްތަކެވެ. އެއީ ތަފާތު އެކި ނަންނަމުގައި ތިބޭ ފާދިރީންނާއި ހާމުދުރުންނާއި ވަލީވެރިންފަދަ ފަރާތްތަކެވެ. ރަސްކަމުގައި ހަމަޖެހުން ގާއިމްކޮށްދޭ ފަރާތަކީ ދީނުގެ ނަމުގައި ތިބޭ މުޤައްދަސް ފަރާތްތަކެވެ. ފަސާދައިގެތެރެއަށް ގެނބިގެން ތިބޭ ރަސްކަލުން މާތްބަޔަކަށް ހަދައިދެނީ ދީނުގެ ނަމުގައި ތިބޭ މުޤައްދަސް މީހުން ނުވަތަ ދީނީ މީހުން ތިބެނީ އެމީހުންގެ ފައްޅިތަކުގައި ފޮރުވިގެންނެވެ.
ރަސްކަމުގައި ތަފާތު ރަމްޒުތަކާއި ނިޝާންތައް ހުރެއެވެ. އޭގެތެރޭގައި ރަސްކަމުގެ ތަޚުތާއި ގަނޑުވަރާއި ދިދަ ހިމެނެއެވެ. ދުނިޔޭގައި އާންމުކޮށް މީހަކު ރަސްކަމެއް އުފައްދަނީ ކޮންމެވެސް ބަޔަކާ ދެކޮޅަށް ހިންގާ ކަންތައްގަނޑެއްގެތެރެއިންނެވެ. އެއީ ހަނގުރާމައެއް ނުވަތަ ބަޣާވާތެއްފަދަ ހަމަނުޖެހުމެއްގެތެރެއިންނެވެ. ސަޢޫދީ އަރަބިއްޔާގައި އޮންނަނީ އެފަދަ ރަސްކަމެކެވެ. އެމީހުން އިނގިރޭސީންނާ ބައިވެރިވެގެން ޢުޘްމާނީ ޚިލާފަތުން ނިކުމެ ރަސްކަމެއް އުފެއްދިއެވެ. ދުނިޔޭގައި ރަސްކަމަކީ ވަގުތީ ކަމެކެވެ. ކޮންމެވެސް ބަޔަކު ނިކުމެ އެރަސްކަމަށް ނިމުމެއް ގެނެސްފާނެއެވެ. މީލާދީން ވިހިވަނަ ގަރުނާ ހަމައަށް ދުނިޔޭގައި ގިނައިން ހުރީ ރަސްކަންތަކެވެ. އެކަމަކު މިހާރު އެ ރަސްކަންތައްވަނީ އުވިފައެވެ. ރަސްކަމެކޭ އެއްގޮތަށް ރަސްގެފާނަކީވެސް ވަގުތީ މީހެކެވެ. އޭނާ މަރުވުމުން ރަސްގެފާނުގެ ހުރިހާ ކަމެއް ނިމުނީއެވެ.
ރަސްކަމެއްގައި ރަސްގެފާނުގެ އެންމެބޮޑު މަސްއޫލިއްޔަތަކީ އޭނާއަށް ބައިއަތު ހިފައިގެން ތިބި ރައްޔިތުން ބެލެހެއްޓުމެވެ. އެމީހުން ހިމާޔަތްކޮށް ދިފާއުކޮށް އެމީހުންގެ ކަންކަން ހަމަޖެއްސުމެވެ. އެމީހުންނަށް ދިރިއުޅުމުގެ ބޭނުންތައް ހަމަޖައްސައިދިނުމެވެ. އެކަމަކު ރަސްކަލުންނަށް މިކަމެއް ނުކޮށްދެވެއެވެ. ރަސްގެފާނަށް އަބަދުވެސް މަސައްކަތްކުރެވެނީ އޭނާއާއި އޭނާގެ އާއިލާގެ ހެވާއި ޢިއްޒަތާއި މޮޅަށެވެ. ނަތީޖާއަކަށްވަނީ ކޮންމެވެސް ބަޔަކު ނިކުމެ ރަސްގެފާނުގެ ރަސްކަން ނިމުމަކަށް ގެނައުމެވެ. ވިހި ވަނަ ގަރުނު ފެށުނުއިރު ރަޝިޔާގައި ކަން ހިނގީ މިދެންނެވި ގޮތަށެވެ.
ﷲ އަށް ނިސްބަތްކުރެވޭ އަލްމަލިކްގެ މާނަޔަކީ އެންމެފުރިހަމަ އެންމެ މަތިވެރި ރަސްގެފާނު ޔަޢުނީ މާތްރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރިކަންވަނީ ﷲ އަށެވެ. ހަމައެގޮތަށް އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއްގެ ކޮންޓްރޯލާއި ވެރިކަންވެސްވަނީ ﷲ އަށެވެ. އުޑުތަކާއި ބިމުގައިވާ ހުރިހާ މަޚުލޫޤުންގެ ހުރިހާކަމެއް ބަލަހައްޓަވައި ހިންގަވަނީ ﷲ އެވެ. އެމީހުން ރައްކާތެރިކުރައްވައި އެމީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވަނީ ﷲ އެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަކީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީ ރަސްކަންފުޅެވެ. އަލްމަލިކުން ލިބޭ މެސެޖަކީ ހަގީގީ އަދި ހައްގު ރަސްކަލާނގެއަކީ ﷲ ކަމެވެ. (ނުނިމޭ)
-
ނޯޓު: ފަޔާޒަކީ އުނގެނުމަށް ޖޯޝާއި ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖްގެ ދާރިސެކެވެ.