ޑިސެމްބަރ 23, 2024 08:49

ކަނބުލޮ (ފަސްވަނަބައި)

ވާހަކަ: ކަނބުލޮ (ތިންވަނަބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޮކްޓޯބަރ 5, 2024

މިއަދަކީ، ހުރިހާ ކުދިން ދެޓީމު ހަދައިގެން ގޭގައި ގަނޑުފިއްލާ ކުޅެން ހަމަޖެހިފައި އޮތް ދުވަހެކެވެ. އަހަރެން ހިމެނުނީ ބޭބެ ކެޕްޓަނަކަށް ހުރި ޓީމުގައެވެ. ބޭބެ ކަހަލަ ރޭވުންތެރިކަން މޮޅު ކެޕްޓަނެއްގެ ޓީމަށް ދެވުނީތީ ވަރަށް ހިތްހަމަ ޖެހުނެވެ. އެހެންނަމަވެސް ބޭބެއަކީ، މިކަހަލަ ކުޅިވަރު ކުޅެމުންދާއިރު އަބަދުވެސް އެހެން ކުދިންގެ ކުށް ދައްކަން މަސައްކަތްކުރާ ކުއްޖެކެވެ. އަހަރެން ބޭބެއާއި މެދު ހިތްހަމަ ނުޖެހޭ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.  މައްސަލައަކީ ގިނަ ފަހަރަށް މިފަދަ ކަންކަމުގައި ބޭބެ ދިފާއު ކުރުމަށް މަންމަ ހުންނާތީއެވެ. ބޭބެގެ ކުށެއް މަންމައަށް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ގޭތެރޭގައި ހުރިހާ ކުދިން ޝާމިލުވެގެން ކުރާ ގިނަ ކަންކަމުގައި އަހަރެން ބައިވެރިވާން ބޭނުންނުވާ އެއް ސަބަބަކީވެސް އެއީއެވެ. ކޮންމެއަކަސް ކުޅިވަރު ފެށުމަށް ހަމަޖެހިފައި އޮތީ މެންދުރު ނަމާދު ކޮށްގެން ކައި ނިންމާލުމަށް ފަހުގައެވެ. އެހެނަސް އަހަރެން ބެނުންވަނީ ހެނދުނު ސައިބޮއެ ނިމިގެން މެންދުރު ނަމާދު ވަޤުތު ވަންދެން ކުޅޭށެވެ. އެކަމަކު އާދައިގެ މަތިން މަންމަ ބުނަނީ ބޭބެގެ ރޭވުމާއި އެއްގޮތަށް ކުރިޔަށް ދިޔުމަށެވެ. އެހެންވީމަ ކަން ނިމޭނީވެސް އެހެންނެވެ.

ކުޅެން ހަމަޖެއްސި ވަޤުތާއިމެދު ހިތް ނުރުހުނީތީ، މެންދުރު ނަމާދުން ފައިބައިގެން އަހަރެން ގެއަކަށް ނުދަމެވެ. އަހަރެންގެ މިސްރާބު ހުރީ ވަރުނުލާ ރާޅުގަނޑާއި ދިމާއަށެވެ. މިސްކިތުން ފައިބައިގެން އަހަރެން ހިނގައިގަތުމުން ބޭބެ އަހަރެންނަށް ގޮވާލާފައި ގަނޑުފިއްލާ ކުޅެން ނުގޮސް ތިދަނީ ކޮންތާކަށްތޯ އަހާލިއެވެ. އަހަރެން މިދަނީ އެހެން ތަނަކަށޭ ބުނެ ބާރަށް ދުއްވައިގަތީމެވެ. ވަރުނުލާ ރާޅުގަނޑާއި އަރާ ހަމަވުމުން އެއްކަލަ ކުއްޖާ ފެންނަން ހުރިތޯ ވަށައިގެން ބަލައިލީމެވެ. ލޮލުގެ ކޮޅަށްވެސް ފެންނާކަށް ނެތެވެ. ކޮންމެވެސް ވަރަކަށް މާޔޫސް ވިއެވެ. އެހެނަސް އުންމީދު ކަނޑައެއް ނުލަމެވެ. އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކު، ތޮށިގަނޑު މައްޗަށް އަރާ އިށީންދެލީމެވެ. މާގިނައިރު ތަކެއް ނުވެ، ފަހަތުން ގޮވާލި އަޑު އިވިއްޖެއެވެ. ހަމަ އެ މަޑުމައިތިރި އަޑުންނެވެ. ފަހަތަށް އެނބުރި ބަލާލިއިރު މިހުރީ ކައިރީގައެވެ. ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމާއެވެ. އިއްޔެ ގެއަށް ދިޔުމުން ވީ ކަންތައްތަކުގެ ވާހަކަ އޭނާއާއި ހިއްސާ ކޮށްލަން ކެތްމަދުވެފައި ހުރީތީ އަވަހަށް އިށީނުމަށް ދަޢުވަތު ދިނީމެވެ. ”ހުސެއިން މިއަދު ހާދަ އުފާވެފައި އިންހެން އެބަ ހީވެޔޭ“ ލުއި ލުއި ހިނިތުން ވެލުމަކާއި އެކު ހައިރާނުން ފުރިގެންވާ ނަޒަރަކުން ބަލާލަމުން އޭނާ އަހަރެންނާއި ސުވާލު ކޮށްލިއެވެ. އަދި އަހަރެންނާއި ދެތިން ފޫޓު ދުރުގައި އިށީންދެލިއެވެ. އާނއެކޭ ބުނަމުން އިއްޔެ ގެއަށް ދިޔުމާއިއެކު ކަންތައް ވީގޮތާއި، މިއަދު ހެނދުނު މަންމަ ދެއްކި ވާހަކައާއި ދިން ނަސޭޙާތުގެ ވާހަކަވެސް ހިއްސާ ކޮށްލީމެވެ. ”ދެން އެހެން ވިއްޔާ މީގެ ފަހުން ހުސެއިން މިތަނަކަށް ނާންނާނަންތަ؟“ވަރަށް ނާއުންމީދީ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލާލުމާއިއެކު އޭނާ ސުވާލު ކޮށްލިއެވެ. ”ނޫން އަހަރެން މިތަނަށް އަންނާނަން. މިތަނަށް އައިމަ އަހަރެން ނުލާހިކު ހިތްހަމަ ޖެހޭ ވިއްޔަ. އެހެންވީމަ އަންނާނެތާ ދޯ“ އަންނާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ. ”އެކަމަކު މަންމަ ރުޅި އަންނަންޏާ އަންނާކަށް ނުވާނެ އެންނު“. ނަސޭހަތުގެ ރާގަކަށް އެކުއްޖާ އެހެން ބުނެލިއެވެ. އަހަރެން މަންމަ ރުއްސާނަން ކަމަށް ބުނެ އަނެއްކާވެސް ޔަޤީންކަން ދިނީމެވެ.

އެތަނުގައި ތިބެގެން ތަފާތު އެކި ވާހަކަތައް ދައްކަމުން، ގޮނޑުދޮށަށް ބިންދަމުން ގެންދިޔަ ބިޔަ ރާޅުތައް ގުނަމުން، އަތް ޖެހުމާއި މޫދަށް ގައު އުކުން ފަދަ މަޖާ އަދި ކޫސަނި ކަންތައްތައް ކުރަމުން ގެންދިޔައީމެވެ. އެވަޤުތު އަހަރެން އޭނާގެ ނަން އޮޅުން ފިލުވާލުމުގެ ނިޔަތުގައި ސުވާލު ކޮށްލީމެވެ. ”ކޮން ނަމެއްތަ ކިޔަނީ؟ އަދި ނަމެއްވެސް ނުބުނަމެއްނު!“ އޭނާ ޒާތަކަށް ކަންބޮޑުވެފައިވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އިރުކޮޅަކު ވިސްނަން އިނދެލާފައި ”އަހަރެންގެ ގޭ މީހުން އަހަރެންނަށް ލޯބިން ކިޔަނީ ކަނބުލޮ“ މިހެން ބުނެލިއެވެ. އަދި އަހަރެންވެސް އޭނާއަށް އެނަމުން މުޚާތަބު ކުރުމަށް އެދުނެވެ. އަހަރެންނަށް އެނަން ކުޑަކޮން މަޖާވެސް ވިއެވެ. އެހެނަސް އޭނާ އެދުނު ގޮތަށް އެނަމުން މުޚާތްބު ކުރުމާށް އަހަރެން އެއްބަސް ވީމެވެ. ދެކުދިން އެތަނުގައި ތިބެގެން އަހަރެންގެ ސްކޫލުގެ ވާހަކަތައް އޭނާއާއި ހިއްސާ ކުރުމާއި، ގޭތެރޭގެ ވާހަކަތަކާއި ބައެއް ރައްޓެހި ކުދިންގެ ވާހަކަތައް ކިޔައިދެމުން ގެންދިޔައީމެވެ. މިހުރިހާ ކަމެއްގެ ތެރެއިން ކަނބުލޮގެ ކިބައިން އަހަރެންނަށް އެންމެ ފާހަގަ ކޮށްލެވުނު ޙާއްޞަ ކަމެއް އޮތެވެ. އެއީ އަހަރެން ކޮންމެ ކަހަލަ ވާހަކައެއް ދެއްކިޔަސް ވަރަށް ޝައުގުވެރި ކަމާއިއެކު އަޑުއަހަން އިންނަ ކަމެވެ. ފޫހިކަމެއް ނެތިއެވެ. މިއީ އަހަރެންގެ ގޭތެރޭގެ މާޙައުލުން ދުވަހަކުވެސް ފެނިފައި ނުވާ ކަމެކެވެ. ވާހަކަ ދެއްކުމުގައި ހުންނަ އޯގާތެރި ކަމުގެ ސަބަބުން ދުވަހަކުވެސް މި މުޢާމަލާތް ނުނިމޭނެ ނަމައޭވެސް ހިތަށް އެރިއެވެ. އެހެނަސް ވަޤުތަކީ އެއްވެސް މީހެއްގެ އިޚްތިޔާރާއި ބާރުގައި އޮންނާނެ އެއްޗެއް ނޫނެވެ. ކޮންމެ ކަމަކަށްވެސް ވަޤުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިމުމެއް ގެންނަން ޖެހޭނެތާއެވެ .

ދުވަސްތައް މަސްތަކަށް، އަދި މަސްތައް އަހަރު ތަކަށް ބަދަލުވަމުން ދިޔައެވެ. އަހަރެމެން ދެމީހުންގެ އުމުރުވެސް މައްޗަށް ދަނީއެވެ. އެއްދުވަހުން އަނެއް ދުވަހަށް ވަރުނުލާ ރާޅުގަނޑުގެ ސަރަހަށްދަށްވެސް ތަފާތު ބަދަލުތައް ގެންނަމުން ދިޔައެވެ. ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު ތަކެވެ. މުޅި ދުވަހުގެ ހުރިހާ ވަޤުތެއްހެން މުޅި މާހައުލު ހަލަބޮލިވާން ފަށައިފިއެވެ. ނަމަވެސް މިހުރިހާ ބަދަލުތަކަކާއި އެކުވެސް  ބަދަލުނުވި އެއްކަމެއް އޮތެވެ. އެއީ އަހަރެމެން ދެމީހުންގެ ރަޙުމަތްތެރި ކަމުގެ ގުޅުމެވެ. އެގުޅުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ބަދަހި ވަމުންނެވެ.

ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކާ އުފެދިފައި އޮތް އިހުސާސަށް ބަދަލު އަންނަމުން ދިޔައެވެ.. ދެމީހުންގެ މެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން މަޑުމަޑުން ލޯތްބަށް ބަދަލުވަމުން ދިޔައެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއްކަމެއް އޮތެވެ. މިހާ ދުވަހު މިހާ ގިނަ ވަޤުތު އެކުގައި ހޭދަކުރި އިރުވެސް ދުވަހަކުވެސް އެކަކު އަނެކަކުގެ ހަށިގަނޑުގައި ބީހިނުލާ ކަމެވެ. އެންމެ ކުޑަމިނުން ސަލާމް ކޮށްލުމުގެ ނިޔަތުގައިވެސް މެއެވެ. އެހެންވީމާ، އަހަރެންނަށް މި ގުޅުން ސިފަ ކުރެވުނީ، މިއީ ތެދުވެރި ރަހުމަތްތެރި ކަމަކުން އުފެދުނު ސާފު ސީދާ ލޯތްބެއްގެ ގޮތުގައެވެ. އާނއެކެވެ. މިއީ ޙަޤީޤަތުގައިވެސް ސާފު ޠާހިރު ލޯތްބެކެވެ.

މިހާރު އަހަރެންގެ އުމުރުން ބާވީސް އަހަރު ވީއެވެ. ސްކޫލް ދައުރު ނިމި، ވަޒީފާއަކަށް ދާން ފެށިތާވެސް ދެތިން ހަތަރު އަހަރު ވެއްޖެއެވެ. ވަރުނުލާ ރާޅުގަނޑުގެ ސަރަހައްދުވެސް ޒަމާނާއި އެއްގޮތަށް ތަރައްޤީ ކޮށްފިއެވެ. އަހަރެމެން ދެމީހުން ބައްދަލުވާ ސަރަހައްދަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަށް މަޖުބޫރު ވިއެވެ. ބައްދަލުވާ ވަޤުތަށްވެސް ބަދަލުގެންނަން ޖެހުނީއެވެ. ރޭގަނޑުގެ ވަޤުތަށެވެ. އެގޮތުން އާދައިގެ މަތިން އެއްރޭ އަހަރެން ކަނބުލޮއާއި ބައްދަލު ކޮށް ނިންމާލުމަށް ފަހު ގެއަށް ދިޔުމަށް ހިނގައިގަތީމެވެ.  އެވަޤުތު ގޭދޮށު ބޭބެއަކު އަހަރެންނަށް ގޮވާލުމާއިއެކު އެނާ ކައިރިޔަށް ދިޔުމަށް އެދި ހަނާ އަޅާލިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އޭނާއާއި އަރާ ހަމަ ކޮށްލީމެވެ. މަޑުމައިތިރި ކަމާއިއެކު އަހަރެންގެ ކޮނޑުގައި އަތް އަޅާލައިފިއެވެ. އަދި ހައިރާނުން ފުރިގެންވާ ނަޒަރަކުން ބަލާލަމުން އަހަރެންނާއި ސުވާލެއް ކޮށްލިއެވެ. ”އަހަރެން ލައްކަ ދުވަސް ވެއްޖެ ހުސެއިންގެ ޙަރަކާތްތަކަށް ބަލަމުން ގެންދާތާ. ކޮންމެ ރެއަކުވެސް އެހެރަ ތޮށިގަނޑު ކައިރިޔަށް އެބަދޭ. އެތައް އިރެއް ވަންދެން އެތާ ހުންނަންވެސް އެބަ ހުރޭ. މީހަކާ ވާހަކަ ދައްކާހެންވެސް ހީވޭ. ސަކަރާތް ޖަހާހެންވެސް ހީވޭ. އެކަމަކު އަހަރެން އެތައް ގޮތަކުން ބަލާ ހޯދައިގެންވެސް އަހަރެންނަކަށް އެތަނަކުން ހުސެއިން ފިޔަވާ އިތުރު މީހަކު ނުފެނޭ.  އެހެންލާފަ ދަތުރުކުރާ ބައެއް މިހުންވެސް ހުސެއިންގެ ޙަރަކާތަށް ބަލަމުންދޭ. އެކަމަކު ހުސެއިން އެއިން މީހަކާވެސް އަޅައެއް ނުލާ. ދެން އެހެން ވިއްޔާ ބުނެބަލަ. އެކަނިމާ އެކަނި ހުރެގެން ކޮންމެ ރެއަކު ތިޖަހަނީ ކޮންހާ ސަކަރާތެއްތަ؟“ އަހަރެން ހައިރާން ވިއެވެ. ކޮސްވެސް ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ގޮތްވެސް ވިއެވެ. އަދި އެތާ ހުންނަނީ އަހަރެން އެކަނި ނޫންކަމަށް ބުނީމެވެ. އަހަރެން ބުނި އެއްޗެއް  ބޭބެ ޤަބޫލެއް ނުކުރިއެވެ. އަދި އެތަނުގައި އަހަރެން ފިޔަވާ އިތުރު އެއްވެސް މީހަކު ނުހުންނަ ކަމަށް ބުނެ ހެކި ދައްކަންވެސް މަސައްކަތް ކުރިއެވެ.

އެންމެ ފަހުން އަހަރެން ޤަބޫލު ނުކުރުމުން ދިވެހިރާއްޖޭގެ އަޑު ކައިރީގައި ޑިއުޓީއަށް ހުރި ސިފައިންގެ މީހާ ކައިރިޔަށް އަހަރެން ގޮވައިގެން ދިޔައެވެ. އެމީހާ ބުނި ގޮތުގައި އޭނަ އެތަނުގައި ޑިއުޓި އަދާކުރާތާ ދެތިން އަހަރު ވެއްޖެއެވެ. އޭރުއްސުރެންވެސް އޭނާއަށް އަހަރެން ފެނެއެވެ. އަދި އަހަރެންގެ ބައެއް ހަރަކާތްތައް ބަލަމުން ގެންދާ ކަމަށްވެސް ބުންޏެވެ. އެ ބޭބެ ބުނިފަދައިން ސިފައިންގެ މީހާވެސް ބުނީ އެތަނުން ފެންނަނީ އަހަރެން އެކަނި ކަމަށެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވާ ގޮތް ވިއެވެ. މިމީހުން މިކިޔަނީ ކީކޭ ބާއޭ ހިތަށް އެރިއެވެ.  ސާބިތު ކޮށްދޭން އެއުޅެނީ ކޮންކަމެއްބާއޭވެސް ވިސްނަން މަޖުބޫރު ކުރުވިއެވެ. އަހަރެން ކުޑައިރު މަންމަ ދެއްކި ވާހަކައާއި  މިމީހުން މި ބުނާ އެއްޗަކާ އެއްވެސް ގުޅުމެއް އެބަ އޮތްބާއެވެ. އަނެއްކާ އަހަރެން މިއޮއް ހުރިހާ ދުވަހު މި ވާހަކަ ދެއްކީ…. މިހާ ހިސާބަށް އަހަރެންގެ ވިސްނުން ދިއުމާއިއެކު، ބުނެދޭން ނޭންގޭ ކަހަލަ ބިރުވެރި ކަމެއް ހިތުތެރެއަށް ވަންނަން ފަށައިފިއެވެ.  އަމިއްލަ ނަފްސު ދެކެވެސް ބިރުގަންނަން ފެށިއެވެ. ފައިކޮޅުން ވާގި ދާން އުޅޭހެންވެސް ހީވިއެވެ. އެންމެ ޅަދުވަހުން ފެށިގެންވެސް އުމުރުގެ މިހާ ހިސާބާއި ޖެހެންދެން އަހަރެން އެތަނެއްގައި ގިނަ ވަޤުތުތަކެއް ހޭދަކުރި އަހަރެންގެ ”ކޮމްފޯރޓް ޒޯން“ އަށް ވަދާޢީ ނަޒަރަކުން ބަލާލެވުނެވެ. އެވަޤުތު އެތަނުގައި އަހަރެންގެ ކަނބުލޮ ހުރެގެން ހަނާ އަޅާހެންވެސް ހީވިއެވެ. އެހެނަސް އެވަޤުތު ކަނބުލޮ ފެނުނީ ކުރިން އަހަރެންނަށް ފެންނަ ސިފައަކު ނޫންހެންވެސް ހީވިއެވެ. ނޫނެކެވެ. މިއީ ޙަޤީޤަތެއް ނޫނެވެ. ހުވަފެނެކެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް އަހަރެންގެ ކަނބުލޮއެވެ. ފުރާވަރަށް އަރަމުން އައި ދުވަސްވަރުން ފެށިގެންވެސް އަހަރެންނަށް އެންމެ އޯގާތެރިވި އަހަރެންގެ ކަނބުލޮއެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް ކަނުލާ އަޑުއެހި އަދި ހުރިހާ ކަމެއްގައިވެސް އަހަރެންނަށް ހިތްވަރުދެމުން އައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މިހުރިހާ ވިސްނުމަކާއި ފިކުރެއްގައި ހުރެ އެތަނުން ދުރަށް ދިއުމަށް އެދި ކުރިޔަށް ހިނގައިގަތީމެވެ. ދެވޭ ނުދެވޭ ތަނެއްވެސް ނޭންގޭ ޙާލުގައެވެ.

(ނުނިމޭ)

 

މި ލިޔުމާ ގުޅޭ