މުދައްރިސުންގެ ދުވަހަކީ ތާރީޚުގައި ކުލަގަދަވާންޖެހޭ އުފާވެރިވާންޖެހޭ ދުވަހެކެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެއް ސަބަބަކީ ގައުމުގެ ފަރުދުން ވަކިގޮތަކަށް ބައްޓަންކުރުމުގައި އޮންނަ މުދައްރިސުންގެ ދައުރެވެ.
ތައުލީމީ މަންހަޖެއްގައި ހިމެނޭ މައުލޫމާތާއި ހުނަރާއި ސުލޫކާއި މިބާވަތުގެ ކަންކަން ކަނޑައަޅަނީ އެކަންކަން ހާސިލްވެގެން ބޮޑުވާ ކުއްޖާގެ ކިބައިގައި ހުންނަން އެ މުޖުތަމައަކުން ނުވަތަ އެ ގައުމަކުން އެދޭ ކަންކަމަށް ބަލައިގެންނެވެ. މީގެ ތެރޭގައި ހިމަނަނީ އެ ކުއްޖަކު ދަންނަ އެއްޗެއްސެވެ. ވިސްނާ ވިސްނުންތަކެވެ. ކަންކަން ދެކޭގޮތެވެ. ދިރިއުޅުމުގެ ސުލޫކެވެ. އަޚުލާގީ ސިފަތަކާއި އިޖުތިމާއީ ގޮތްތަކެވެ. ބަވަނަ ވަންތަ ދުނިޔެއެއްގައި އެހެން މީހުންނާ ފައިހަމަކުރެވޭ ސިފަތަކާއި ކަންކަމެވެ. މި ހުރިހައިކަމެއްގެ ނަތީޖާއިން ހާސިލްކުރަނީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ އެ ކުއްޖާގެ ގައުމުވަންތަ ސިފަތަކެވެ. އޭނާގެ އައިޑެންޓިޓީއެވެ. އޭނާ ނިސްބަތްވާ ގައުމުގެ އަގުތަކާއި ރަމްޒުތަކެވެ.
އިސްވެ ދެންނެވި ހަގީގަތުގެ މައްޗަށް ބަލާއިރު ތައުލީމީ ސިޔާސަތެއްގައި ކަނޑައެޅޭ މިފަދަ ކަންކަން ތަންފީޒުކުރަނީ މުދައްރިސުންނެވެ. ކިޔަވައިދީގެންނެވެ. އުނގަންނައިދީގެންނެވެ. ތަރުބިއްޔަތު ކޮށްގެންނެވެ. އާދަކޮށްދީގެންނެވެ. އެހެންކަމުން މިގޮތުގައި އުފެދި ބޮޑުވާ ޅަބާޅަ ޒުވާނާ އަކީ މުދައްރިސްގެ ސިކުނޑިން ފަޅާ ނިރެކެވެ.
ގަހަކުން ފަޅާ ނިރުގެ ސިއްހަތަށްޓަކައި ގަހަށްދޭން ޖެހޭ ސަމާލުކަން މުދައްރިސުންނަށް ދޭންޖެހެއެވެ. ހުރިހައި މާނައެއްގައެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި މި ސަމާލުކަމުގެ ވާހަކަދެކެވެއެވެ. ހުއްދަ އޮންނަ ނަމަ ހަދިޔާދޭން ބޭނުންވާ މީހުން ވެސް މަދެއް ނޫނެވެ. މުދައްރިސުންގެ ދުވަހާ ދިމާކޮށް މުދައްރިސަކު ބުނެފައި އޮވެއެވެ.
”ތަދުވަނީ އެއްތާކު ވީމާ، ތަހުނިޔާ، ވަރުބަލިކަމާ،
އަދުވަނީ ތައުރީފުގައި ކޭކާ މަލާ ޝަރަފުގެ ނަމާ،
މަދުވަނީ މިކަމަށްޓަކައި ގުރުބާންވި ވަގުތާ ކަންކަމާ“އެވެ.
ރިހުންހުރި މެސެޖެކެވެ. މީގެ ސަބަބުތައް ހުންނާނެއެވެ.
އިމާރާތެއް ސުކޫލަކަށްވަނީ އެތާގައި ކުރާ ކަމެއްގެ ސަބަބުންނެވެ. އަމަލީގޮތުން އެކަން ކުރަނީ މުދައްރިސުންނެވެ. އެކަމަކު ސުކޫލެއްގައި މުދައްރިސެއްގެ މިއަދުގެ މަގާމަކީ ކޮބައިތޯއެވެ؟ މިއީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން މި ގައުމު ކުރާ ސުވާލެކެވެ. މުދައްރިސުންގެ މަގާމުގެ މަތިވެރިކަމާއި ކަރާމަތާއި ޝަރަފާއި އަބުއިކަން މިއަދު ކޮބައިތޯއެވެ. މުދައްރިސަށް ސުކޫލުންދޭ ހައިސިއްޔަތާއި އޭނާއާ މެދު އަމަލުކުރެވޭ ގޮތްތަކުގެ މައްޗަށް އޭނާގެ ހިތުގައި އުފެދޭ ބާރުގަދަ އިހުސާސްތަކުގެ އަގުކުރަނީ ކާކުތޯއެވެ.
ކިތަންމެ ޒިންމާ ބޮޑަސް، މުދައްރިސުން ވެސް ބަނޑުހައިވާނެއެވެ. ވަރުބަލިވާނެއެވެ. އާއިލީ ޒިންމާތަކާއި މުޖުތަމައުގެ ޒިންމާތަކެއް އޮންނާނެއެވެ. އެކަންކަމަށް މުދައްރިސުންނަށް ލިބެނީ ކޮން ވަގުތެއްތޯ އަޅުގަނޑުމެންގެ ގައުމު މިއިން ދުވަހަކު ވެސް ބެލިހެއްޔެވެ؟
ހުރިހައި ވާހަކަތުގެ ތެރެއިން އެންމެ ނުކުތާއެކެވެ. މުދައްރިސްގެ ސިއްހަތެވެ. ނަފުސާނީ ސިއްހަތެވެ. މެންޓަލް ހެލްތޭ މިކިޔާ ބޮޑު ކަންތައްގަނޑުގެ ވާހަކައެވެ. މިއީ ރިހުން ގަދަ ވާހަކައެކެވެ. ވޭންހުރި ވާހަކައެކެވެ. ދިގު ވާހަކައެކެވެ. ނުދައްކާ ވާހަކައެކެވެ. ދެއްކިޔަސް އަޑު ނީވޭ ވާހަކައެކެވެ. އަޑު އިވުނަސް އަޅައިނުލެވޭ ވާހަކައެކެވެ.
މިކަންކަން މިހެން ހުރުމުގެ ސަބަބުން މުދައްރިސުންގެ ދުވަހާ މުނާސަބުވެގެން ވަނީ ވާރުތަވަމުން އައިސް އިސްޓައިލު ދޫކޮށް މިހާރު އޮތް ހާލަތާއި އެ ހާލަތުން އުފަންވި ސަބަބުގެ މައްޗަށް ބިނާވާގޮތަށް މުދައްރިސުންގެ ދުވަސް ފާހަގަކުރުމެވެ. އެންމެ ކުޑަމިނުން މުދައްރިސްގެ މޫނުމައްޗަށް ހިނިތުންވުމެއް އަންނާނީ އޭރުންނެވެ.
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަމެވެ. ލޯތްބާއެކު ތިޔަ ގުރުބާނީގެ އަގުވަޒަންކުރަމެވެ.
2 Responses
މިއީ ހަގީގަތުގެ މައްޗަސް ބިނާކޮށްފައިވާ ރަނގަޅު ހިޔާލުތަކެއް. ޓީޗަރުންގެ ފަރާތުން މިކަމާ ވަކާލާތު ކުރާނޭ މީހެއް ނެތް. ޓީޗަރުންގެ ގައިގައި ހިއްވަރެއް ވެސް ނެތް. އެއަށްވުރެ ހާލުގައި މިހާރު ތިބީ. ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއްޔާ ރަނގަޅު
މުދައްރިސެއްގެ ހިތުގެ އަޑީގެ ވާހަކަ. މިއީ ލައްކަ ވާހަކަ!