ޑިސެމްބަރ 23, 2024 13:35

ޓެކްސީ ޚިދުމަތް: ފަސިންޖަރުންނާއި ޑްރައިވަރުންގެ ޒިންމާ

މަރިޔަމް ލީނާ
އޮކްޓޯބަރ 11, 2024

ޓެކްސީގެ ޚިދުމަތަކީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދެވޭ އާންމު ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން މީހުންނަށް އެތައް  ގުނައަކަށް ދިރިއުޅުން ފަސޭހަވެއެވެ. ވަގުތު ސަލާމަތް ކުރެވެއެވެ.

އެހެން ހިދުމަތެކޭ އެއްފަދައިން މިއީވެސް އިތުބާރު ދަމަހައްޓަންޖެހޭ ހިދުމަތެކެވެ. އެކަން އެގޮތަށްކުރެވޭނީ ފަސިންޖަރުންނާއި ޑްރައިވަރުން ޒިންމާ ނަގައިގެންނެވެ. ދެފަރާތުގެ މެދުގައި އިންސާފު ގާއިމް ކުރެވިގެންނެވެ. އެކަން ކުރެވޭނީ ދެފަރާތުންވެސް ހަމަ ގަބޫލުކޮށްގެންނެވެ. ގާނޫނާއި ގަވާއިދަށް އަމަލުކޮށްގެންނެވެ. މި ޚިދުމަތުގެ ތެރެއިން ދިމާވާ ކުދިކުދިން ކަންކަންވެސް އިންސާފުވެރިކަމާއި އިހްތިރާމާއެކު ހަގީގަތަށް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެއެވެ.

ދެން އޮތީ ޒިންމާގެ ވާހަކައެވެ. އެއްވެސް ޒިންމާއެއް ކުޑައެއް ނުވާނެއެވެ. ފަސިންޖަރުންނަށް އޮތް އެންމެ ބޮޑު އަދި މުހިންމު އެއް ޒިންމާއަކީ ދަތުރަށް ދައްކަންޖެހޭ ފީ ބަރާބަރަށް ދެއްކުމެވެ. މާލޭތެރޭގައި ކުރާދަތުރަކަށް އާންމުކޮށް ޓެކްސީތަކުން ނަގަނީ 30 ރުފިޔާ އެވެ. ހުޅުމާލެއަށް ދަތުރުކުރާނަމަ ފީއަކީ 100 ރުފިޔާ އެވެ. އެހެންނަމަވެސް ބައެއް ފަސިންޖަރުން ހަމަ އަގަށްވުރެ މަދުން ފައިސާ ދައްކާ ކަމުގެ ޝަކުވާ އަޑުއިވެއެވެ. ޓެކްސީ ހިދުމަތަށް އެދުމުގެ ކުރީން އެއަށް ދައްކާނޭ ފައިސާ ހަމައަށްހުރިތޯ ކަށަވަރު ކުރަންވާނެއެވެ. ހަމައަށް ފައިސާ ނެތިއްޔާ އެ ހިދުމަތަށް ނޭދޭނީއެވެ.

އެހެންނަމަވެސް ބައެއް މީހުން ހިދުމަތް ބޭނުންކޮށްފައި ފައިސާ މަދުން ދިނުމާއި އެއްވެސް ވަރަކަށް ފައިސާ ނުދޭ ކަމަށް ބައެއް ޑްރައިވަރުން ބުނެއެވެ. ފައިސާ ނުދިނުމަކީ އިންސާފެއް ނޫނެވެ. މިއީ ޓެކްސީ ޑްރައިވަރުން ފޯރުކޮށްދޭ ޚިދުމަތަށް އުނިކަން ގެނުވައިދޭނޭ ނާތަހުޒީބު އަމަލެކެވެ.

ފަސިންޖަރުން ބޭނުންވަނީ ރައްކާތެރި ކަމާއެކު ބޭނުންވާ މަންޒިލަށް އަވަހަށް ދިއުމެވެ. ނުވަތަ ގަޑިނުޖެހި އެތަނަކަށް ދިއުމެވެ. ފަސިންޖަރުން މިގޮތަށް އެދޭފަދައިން ޓެކްސީ ޑްރައިވަރުންވެސް އެމީހުންގެ ވަގުތާއި މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ލިބެން އެދޭނޭކަން ހަނދާންނައްތާނުލާށެވެ.

ޓެކްސީ ޑްރައިވަރުންގެ ޒިންމާއަކީ ވެސް ކުޑަޒިންމާއެއް ނޫނެވެ. އިތުބާރުހުރި އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެމީހުންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އުޅަނދު ރަނގަޅު ހާލަތުގައި ބޭއްވުމަކީ ވެސް އެމީހުންގެ ޒިންމާއެކެވެ. ފަސިންޖަރުންނާމެދު އަދަބުވެރިކަމާއި ޕްރޮފެޝަނަލްކަމާއެކު މުޢާމަލާތްކުރުމަކީ ދޭދޭ ގުޅުން ވަރުގަދަވެ އިތުބާރު ބޮޑުވާނޭ ކަމެކެވެ. އެއީ ކަސްޓަމަރކެއަރ ރަނގަޅުވެ ވިޔަފާރި ރަނގަޅުވާނޭ ކަމެއްވެސް މެއެވެ.

ކޮންމެ މުއާމަލާތެއްވެސް ހިންގަންވާނީ އިންސާފުވެރިކަމާއެކު ދެފަރާތަށް ފައިދާވާ ގޮތަށެވެ. އެކަމަށްޓަކައި ދެފަރާތުން ވެސް ތެދުވެރި ވާންޖެހޭނެއެވެ. އިތުބާރު ކުރެވެންޖެހޭނެއެވެ. އިހްތިރާމް ކުރަންޖެހޭނެއެވެ. މަޑުމައިތިރިކަމާއި އަދަބު އަޚްލާގުގެ ތެރެއިން މުއާމަލާތް ކުރަން ވާނެއެވެ.

ދެ ފަރާތުން ވެސް އަނެކާގެ ހައްގުތައް ފުރިހަމައަށް އަދާކުރަންވާނެއެވެ. މި ޚިދުމަތަށް މީހުންކުރާ އިތުބާރު ބޮޑުވާނީ އޭރުންނެވެ. ދެމެހެއްޓެނިވި ގޮތަކަށް ޚިދުމަތްދެވޭނީ ވެސް އޭރުންނެވެ.

މި ލިޔުމާ ގުޅޭ