ޑިސެމްބަރ 23, 2024 08:50

ކަނބުލޮ (ފަސްވަނަބައި)

ކަނބުލޮ (ހަތަރުވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޮކްޓޯބަރ 12, 2024

އެއްވެސް އިޚްތިޔާރަކާ ނުލާ އަހަރެންނަށް ގޮސް ވަދެވުނީ ގެއަށެވެ. ގެއަށް ވަނުމާއިއެކު ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނދެލީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޮށޯވެވުނެވެ. ދެފައި ކުރުކޮށްލާފައި މުޅި ގައިގާ ރަޖާ އަޅާ މުޅި ހަށިގަނޑު ފޮރުވާލެވުނެވެ. އަހަރެންނަކީ ރަޖާ އަޅައިގެން ނިދާވެސް މީހެއް ނޫނެވެ. އެހެނަސް ޒާތަކަށް ތުރުތުރު އަޅާކަހަލަ ގޮތެއް ވާހެން ހީވެގެން ރަޖާވެސް އެޅުނީއެވެ. އެހެން އޮވެގެންވެސް ވިސްނަމުން ގެންދިޔައީ، އެތަނުން ދިމާވި ގޭދޮށު ބޭބެއާއި ސިފައިންގެ މީހާ ދެއްކި ވާހަކަތަކާއި މެދުއެވެ. އެމީހުން ބުނި ގޮތުން ވިއްޔާ، އަހަރެންނަށް ދޭހަވީ މިވޭތުވެ ދިޔަ ހުރިހާ ދުވަހު އަހަރެން މި ވާހަކަ ދެއްކީ އިންސާނަކާއެއް ނޫނެވެ. ދެން އެހެންވިއްޔާ…. އެކަމަކު އޭނަ ހާދަ ރަނގަޅެވެ. އަހަރެންނަކަށް ދުވަހަކުވެސް އެއްވެސް ގެއްލުމެއް ނުދެއެވެ. އަބަދުވެސް އަހަރެންނަށް ދިނީ ރަނގަޅު ނަސޭހަތެވެ. ދެން އެހެންވީއިރު އޭނާ އިންސާނަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ނޫނެކެވެ. އެއީ އިންސާނެއް ނޫނެވެ. އާހް.. އަހަރެންގެ ބޯ ފަޅައިގެންދާ ވަރަށް ބޮލުގައިވެސް އެބަ ރިއްސައެވެ. ބޮލުގައި ދެއަތް އަޅާ ބާރަށް ފިއްތާލެވުނެވެ. ކުއްލިޔަކަށް ތެދުވެ އިށީނދެލެވުނެވެ. އަނެއްކާވެސް ކެތް ނުވެގެން އޮށޯވެލެވިއްޖެއެވެ. މިކަހަލަ ޙާލެއްގައި ތެޅިތެޅި އޮއްވާ އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ

ހޭލެވުނީ ފަތިސް ނަމާދު ބަންގި ގޮވި އަޑަށެވެ. މުޅި ހަށިގަނޑުން ވަރު ދޫވެފައި ހުރި ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ހިތްވަރު ކޮށްފައި ކޮޅަށް ތެދުވެލީމެވެ. ކޮންމެވެސް ވަރަކަށް ބޮލަށް ބަރުވެފައި ހުރިކަހަލަ އިހުސާސެއް އަދިވެސް އެބަ ކުރެވެއެވެ. އެހެނަސް އެނދުން ތެދުވެ، މަޑުމަޑުން ހިނގާލާފައި ގޮސް ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ގޭގައި ނަމާދު ކޮށްލީއެވެ. މިސްކިތާއި ހަމައަށް ދާނެހާ ހިތްވަރުވެސް ނެތުމާއި އެކުގައެވެ. ނަމާދުކޮށް ނިންމާލުމަށް ފަހު އެނދުމަތީގައި އިށީނދެލައިގެން އިނދެ ވެދިޔަ ކަންތަކާ މެދު ގޮތެއް ނިންމުމަށް ވިސްނަން ފަށައިފީމެވެ. އެއީ އަހަރެންނަށް ފެނުނު ހިތްގައިމު އެހެނަސް ބިރުވެރި ހުވަފެނެއް ކަމަށް ދެކި ކަނބުލޮއާއި އަހަރެންގެ ނުވަ އަހަރުގެ ގުޅުމަށް ނިމުމެއް ގެނައުމަށް ވިސްނެން ފެށުނެވެ. އަލުން އައު ފެށުމަކުން ދިރިއުޅުން ފެށުމަށް އަމިއްލަ ނަފްސަށް ހިތްވަރު ދެމުން ގެންދިޔައީމެވެ. އެހެނަސް އެއީ އެހާ ފަސޭހަކަމެއް ނޫންކަންވެސް އެނގެއެވެ. މިކަހަލަ ވިސްނުމެއްގައި އަހަރެން އިންދާ ކުއްލިޔަކަށް މަންމަ ކޮޓަރިއަށް ވަދެ ދަރިފުޅާ ހުސެއިން އަދިވެސް އޮފީހަށް ދާން ތައްޔާރު ވާކަށް ނުވޭހެއްޔޭ އަހާލިއެވެ. މަންމަ އެހެން ބުނުމުން ފާރުގައި ބަހައްޓާފައި ހުރި ގަޑިޔަށް ކަޅި ހިންގާލެވުނެވެ. ގަޑިން ހަތެއް ޖަހަނީއެވެ. މި ވޭތުވެ ދިޔަ އަހަރު ތަކުގެ  ތެރޭގައި މަންމަ އާއި އަހަރެންގެ ގުޅުމަށްވެސް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައި ވެއެވެ. އެކަމަށްޓަކައި އަހަރެން މުޅި އުމުރަށްވެސް ކަނބުލޮއަށް ޝުކުރުވެރި ވާނަމެވެ. ކަނބުލޮ އަހަރެންނަށް ދިން ހެޔޮ ނަސޭހަތުގައި އަހަރެން ހިފީމެވެ. އަދި މަންމައާއި ގުޅުން ރަނގަޅު ކުރީމެވެ. އޭގެ ހެޔޮ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ކޮންމެއަކަސް މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ކޮޅަށް ތެދުވެ މިދަނީ ތައްޔާރު ވާށޭ ބުނެލީމެވެ.

އޮފީހަށް ދިއުމަށް ތައްޔާރު ވެގެން ނިކުމެ، މަންމަ ތައްޔާރު ކޮށްފައި ހުރި ކޮފީތަށި ބޯލައިގެން ސައިކަލަށް އެރުމަށް ބޭރަށް ނުކުތީމެވެ. ސައިކަލު ސްޓާޓު ކޮށްލާފައި ކުރިޔަށް ދުއްވާލުމާއިއެކު، ކުއްލިޔަކަށް ކޮންމެވެސް މީހަކު ސައިކަލުގެ ކުރިމަތިން ވަރަށް ކައިރިން ހުރަސް ކޮށްލިހެން ހީވެއްޖެއެވެ. ވަރަށް ބާރަށް ބުރަތްކަށް ފިތާލެވުނެވެ. ސައިކަލުގެ ހުންގާނާ ދިމާއަށް ވެއްޓެންދިޔަ ކަހަލަ ގޮތަކަށް ކުރިމައްޗަށް ގުދުވެސް ވެވުނެވެ. ނަމަވެސް ބިންމަތީގައި ބާރަށް ފައި ވިއްދާލާފައި ހަށިގަނޑު ކޮންޓްރޯލް ކޮށްލީމެވެ. އަވަހަށް ތެދުވެ، ހަމަޖެހިލާފައި ވަށައިގެން ބަލާލިއިރު ކައިރި އެއްވެސް ހިސާބަކުން އެކަހަލަ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. އެއީ އަހަރެންނަށް ހީވިގޮތެއް ކަމަށް ނިންމުމާއި އެކު، އަނެއްކާވެސް ސައިކަލު ކުރިޔަށް ދުއްވާލީމެވެ. އޮފީހާއި ހަމައަށް ދެވުނުއިރުވެސް ކަނބުލޮގެ ޚިޔާލު ތަކަކުން އަހަރެންގެ ހިތާއި ސިކުނޑި މިނިވަން ކުރެވޭ ގޮތެއް ނުވިއެވެ. އެއީ އެހާ ފަސޭހަ ކަމަކަށްވެސް ނުވާނެތާއެވެ. ނުވަ އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. މިޚިޔާލުތައް އަހަރެންގެ މަސައްކަތަށް ވެސް ހުރަސް އަޅަން ފަށައިފިއެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބޭތޯ އޮފީހުން  ބޭރަށް ނުކުމެލީމެވެ. އެކި ގޮތްގޮތަށް ވިސްނަމުން ގޮސް ހިތްވަރު ކޮށްލާފައި އެންމެ ފަހު ފަހަރަށް ނަމަވެސް ކަނބުލޮއާއި ބައްދަލުކުރަން ނިންމީމެވެ. އެކަމަކު ކަނބުލޮ ބޭނުން ނުވާހާ ހިނދަކު އޭނާއާއި ބައްދަލު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ފެށުނީއްސުރެންވެސް ކަނބުލޮ ހުށައަޅާފައި އޮންނަ ޝަރުތެކެވެ. އަމިއްލަ ނަފްސަށްވުރެވެވެސް ބޮޑަށް އިތުބާރު ކުރެވުނީތި އަހަރެންވެސް ކަނބުލޮގެ އެ ޝަރުތު ހިތުން ރުހުމުން ބަލައިގަތީމެވެ.

ހަދާނެ ގޮތަކާއިމެދު ވިސްނަން ހުއްޓާ ކުއްލިޔަކަށް ކަންފަތުގައި ޖެހުނީ ކަނބުލޮގެ މަޑުމައިތިރި އަޑެވެ. އޯގާތެރިކަމާއި އެކެ، އެހެނަސް ވޭނުން ފުރިގެންވާ އަޑަކުން އަހަރެންނަށް ގޮވާލި އަޑެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ފެންކަޅި ވެފައިވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ކަނބުލޮ ހުއްޓެވެ. ކަނބުލޮ ފެނުމާއިއެކީ އަހަރެންގެ މެޔަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސާލި ހެންނެވެ. ދެފިޔަވަޅު ފަހަތަށްވެސް ޖެހިލެވުނެވެ. ނޫން ކަމަށް ހަދާފައި މަޑުމަޑުން ވަށައިގެން ބަލާވެސް ލެވުނެވެ. ކައިރިން ފެންނަ ހިސާބުގައި މީހަކު ހުރިތޯ ބަލާލުމުގެ ބޭނުމުގައެވެ. އަނެއްކާވެސް އަހަރެން އެކަނި ހުރެގެން އަމިއްލަ ނަފްސާއި ވާހަކަ ދައްކާ މަންޒަރު މީހަކަށް ފެނިދާނެތީއެވެ. މީހަކަށް ނުފެންނާނެ ކަހަލަ ދިމާއެއް ބަލާފައި އެއްފަރާތަކަށް ޖެހިލީމެވެ. އެވަޤުތު ކަނބުލޮވެސް އަހަރެންނާއިއެކު، އެއްފަރާތަށް ޖެހިލިއެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް ކަނބުލޮއަށް އެނގުނު ކަހަލައެވެ. އަދި ހުސެއިން އަހަރެން ދޫކޮށްލާފައި ދަނީ ހެއްޔޭ އަހާލިއެވެ. އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކަނބުލޮ އޭނަގެ ހިތުގެ ޝުޢޫރު ފާޅުކުރަން ފަށައިފިއެވެ. ”އެންމެ ރަނގަޅު. އަހަރެން މިއީ ކާކުކަން ހުސެއިންއަށް މިހާރު އެނގިއްޖެކަން އަހަރެންނަށް އެނގޭ. އެހެން ވިއްޔާ އަހަރެން މިކުރާ ސުވާލަށް ހުސެއިން ޖަވާބު ދީބަލަ. އަހަރެން ދުވަހަކުވެސް ހުސެއިންއަށް އެއްވެސް ކަހަލަ ގެއްލުމެއް ދިނިންތަ؟ ނުވަތަ ދޭން އުޅުނިންތަ؟“ ނޫނެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ހޫރާލީމެވެ. ވަރަށް ގިނަ ވާހަކަ ދައްކަން އަހަރެންވެސް ބޭނުމެވެ. އެހެންނަމަވެސް ދުލުން ބަހެއް ބޭރު ނުކުރެވިގެން މިއުޅެނީ ކީއްވެގެން ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭންގުނެވެ.

އެކަހަލަ ވިސްނުމެއްގައި ހުއްޓާ ކަނބުލޮ އަނެއްކާވެސް އޭނަގެ ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ. ”އާދައިގެ އިންސާނެއް ފަދައިން ހުސެއިންއާއި އެކު ދިރިއުޅުން ހޭދަ ނުކުރެވޭނެކަން އަހަރެންވެސް ޤަބޫލު ކުރަން. މިވީހާތަށް ދުވަހަކުވެސް އަހަރެން ހުސެއިންގެ ކިބައިން އެއްވެސް ކަމަކަށް ނޭދެން. އެހެންނަމަވެސް ހުސެއިންގެ ފަރާތުން އަހަރެންނަށް އުފަލާއި ހިތްހަމަޖެހުން އަބަދުވެސް ލިބެމުން ދިޔަ. ހުސެއިން އާއިއެކު ވަޤުތު ހޭދަކުރުމަކީ އަހަރެންނަށް އެންމެ ބޮޑަށް ހިތްހަމަ ޖެހުން ލިބޭ ކަންތައް. ނަމަވެސް ދެން އެއުފަލުންވެސް އަހަރެން މިއަދު މި މަހުރޫމުވީ.“ ކަނބުލޮގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެކަރުނަ ހުއްޓުވަން އަހަރެންނަކަށް އެއްކަމެއްވެސް ނުކުރެވުނެވެ. ބަސް ހުއްޓިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އަހަރެންގެ ހިތްވެސް ފަޅައިގެންދިޔަ ކަހަލައެވެ. ހުރިހާ ކަމެއް އަލުން ކުރިއެކޭ އެއްގޮތަށް ބަދަލުވާނެ ނަމައޭ ހިތަށް އެރިއެވެ. ކަނބުލޮގެ މި ޙަޤީޤަތް އަހަރެންނަށް ނޭނގުނު ނަމައޭވެސް ހިތަށް އެރިއެވެ. އެހެނަސް ވަރުނުލާ ރާޅުގަނޑުން ނަގާ އެއްވެސް ރާޅެއް ގޮނޑުދޮށަށް ބިންދާލުމަށްފަހު އަލުން އަނބުރާ ރާޅަކަށް ބަދަލު ނުކުރެވޭނެ ފަދައިން އަހަރުމެންގެ ޙަޔާތުން މާޒީވެ ގޮސްފައިވާ އެއްވެސް ކަމެއް އަލުން އަނބުރާ އިޔާދަ ނުކުރެވޭނެކަން އަހަރެންވެސް ޤަބޫލުކުރަމެވެ. އެއީ އިލާހީ ޤާނޫނެވެ. އިޚްތިޔާރުން ބޭރުގައިވާ ކަންކަމެވެ.

ކަނބުލޮ އަނެއްކާވެސް އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ. ”އަހަރެން މިއަދު ހުސެއިން ކައިރިޔަށް މިއައީ އެންމެ ފަހު ފަހަރަށް ކަމަށް ހީކޮށްލާ. ސަބަބަކީ އަހަރެމެން ދެމީހުން ކިތަންމެ މަސައްކަތެއް ކުރިޔަސް ދެން އަނބުރާ ކުރީގައި އޮތް ގުޅުމަކަށް މިގުޅުން ބަދަލެއް ނުކުރެވޭނެ. އަހަރެންގެ ޙަޤީޤަތަކީވެސް ބަދަލު ނުކުރެވޭނެ އެއްޗެއް. އެހެންވީމަ، އަހަރެން ދެން މިދަނީ. އެކަމަކު އަހަރެން އަބަދުވެސް ހުސެއިންގެ ޙާލު ބަލާނަން. ދުނިޔޭގެ ކޮންމެތާކު ހުއްޓަސް އަހަރެންނަށް ހުސެއިންގެ ޙާލާއި ވާނުވާ އެނގޭނެ. އެކަމަކު ބައްދަލުކޮށް ވާހަކަދައްކާކަށް ނުދާނަން. އެހެނަސް ހެސެއިންގެ ގާތުގައި އަހަރެން ހުންނަ ކަމުގެ އިހުސާސް ހުސެއިންއަށް އަބަދުވެސް ކުރެވޭނެ. ހިތްހެޔޮ ކުރާތި. އަހަރެން ދެން ދަނީ.“ އަހަރެންނަކަށް ބުނާނެ އެކައްޗެއްވެސް ނޭނގުނެވެ. މަޑުމަޑުން ދުރަށް ދަމުން ގޮސް ކަނބުލޮ އަހަރެންގެ ލޯމަތިން ގެއްލުނީއެވެ. އަހަރެންނަށް ރޮވެން ފެށިއެވެ. ބާރު ހިނގުމެއްގައި ހިނގާލާފައި ގޮސް އޮފީހުގެ ފާޚާނާތެރެއަށް ވަނީމެވެ. ހިތް ފުރެންދެން ރޯލައިގެން ނިކުތީއެވެ. އެހެން މީހަކަށް ފެންނާކަށް ބޭނުމެއް ނުވިއެވެ. ސަބަބަކީ އެންމެ ތުއްތުއިރުއްސުރެން އަބަދުވެސް އިވޭ އަޑަކީ ފިރިހެން ކުދިން ނުރޯނޭ ފިރިހެން ކުދިން ވަރަށް ހިތްވަރު ގަދަވާނޭ ކިޔާ އަޑެވެ. އެކަމަކު ފިރިހެނުންނަށް ވެސް ދެއްވާފައި އޮންނަނީ ހަމަ އަންހެނުންނެކޭ އެއްފަދައިން ނާޒުކު ހިތެކެވެ. ފިރިހެނަކަށް ވިޔަސް ހިތުގައި އަޅާ ވޭނެއް ކުޑައެއް ނުވާނެއެވެ. ތަފާތުވާނީ ހިތާމައާއި ޝުޢޫރު ފާޅުކުރާ ގޮތެވެ. ފިރިހެނެއް ވިއްޔާ ނެތް ހިތްވަރުވެސް ދައްކަން ޖެހޭތީއެވެ.

(ނުނިމޭ)

މި ލިޔުމާ ގުޅޭ