މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވެފައިވަނީ އެ ޕާޓީ އުވާލަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ކަމަށެވެ. ޕާޓީއުވާލުމުގެ ކުރީން އެޕާޓީން ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް އޮތް ކަމަށްވާނަމަ 2024 ވަނަ އަހަރު ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީހަށް އެކަން ހުށަހަޅައިގެން ނިންމެވުމަށް އީސީން ވަނީ ވިދާޅުވެފައެވެ. އެޕާޓީގެ އޮފީސް ހުންނަނީ މއ.މާރާދައާގެ، 2 ވަނަ ފަންގިފިލާގައެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މި ޕާޓީ އުވާލަން އީސީން ނިންމެވީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެެންޖެހޭ ތިންހާސް މެންބަރުން ހަމަނުވާތީއެވެ. އެ އަދަދަށް މީހުން ހަމަކުރަން މިދިޔަ އަހަރު އީސީން ވަނީ އެ ޕާޓީއަށް ތިންމަސް ދުވަހުގެ މުހުލަތެއްވެެސް ދީފައެވެ.