މިހާރު ނަގާ ޓެކްސް 1000 ޕަސެންޓަށް ބޮޑު ކުރިއަސް ކަނޑަށް އަޅާބައި ނުހުއްޓޭނަމަ ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ގްރީންޓެކްސްގެ ނިސްބަތް 100 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ޓެކްސްގެ ގޮތުގައި ލިބޭ ފަސް ބިލިޔަން ޑޮލަރުން ދެ ބިލިޔަން ޑޮލަރު ކޮންމެ އަހަރަކު ސަރުކާރުން ކަނޑަށް އަޅާ ކަމަށެވެ.
”އެގޮތަށް ލިބޭ ފަސް ބިލިޔަން ޑޮލަރުން ދެ ބިލިޔަން ޑޮލަރު ކޮންމެ އަހަރަކު ކަނޑަށް އަޅާނަމަ، ޓެކްސްނަގާ މިންވަރު އިތުރަށް ދިހަގުނަ ޖެއްސިއަސް 100 ގުނަ ޖެއްސިއަސް އަދި 1000 ގުނަ ޖެއްސިއަސް އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެ،“
ސިޔާމް ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށެވެ. މިގޮތަށް ޓެކްސް ބޮޑުކުރަންވެއްޖެނަމަ ރާއްޖޭގެ އިގްތިސާދު ހަލާކުވެ ނިކަމެތިވެގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ޓެކްސް ނަގަނީ ރައްޔިތުންނަށް ފައިދާ ހޯދައިދީ ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދިނުމަށް ކަމަށެވެ. ނަމަވެސް މިހާރުވެސް އެކަންކަން ކުރަން ބޭނުންވާ ވަރަށް ދައުލަތަށް ޓެކްސްފައިސާ ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
”ރައްޔިތުންނަށް ބޭނުންވާ ވަރަށް މިހާރުވެސް ޓެކްސް އެބަނަގާ، އެއަށްވުރެން ވެސް ގިނައިން އެބަނަގާ، އަޅުގަނޑުމެންނަށް ފަސް ބިލިޔަން ޑޮލަރު އެބަލިބޭ ޓެކްސްގެ ގޮތުގައި، އެއަށްވުރެންވެސް މަތި އެބަލިބޭ، އެހެން ނަމަވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި ފެނިގެން މިދިޔައީ ބުރަ މަސައްކަތްކުރާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރަމުންދާތަން، އެގޮތަށް ޓެކްސް ނަގަމުން ގޮސްފަ މިއަދު މިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމަކަށްވެފަ، މިގައުމަށް ލާރިވެސް ލިބޭ، މިގައުމަކީ ސައުތު އީސްޓް އޭޝިޔާގައި އޮންނަ އެންމެމުއްސަދި ގައުމު، ޓެކްސް ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު، އެހެން ނަމަވެސް މިނަގާ ޓެކްސްގެ ތެރެއިން ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ ދެ ބިލިޔަން ޑޮލަރު ކޮންމެ އަހަރަކު މިއަޅާލަނީ ކަނޑަށް،“
”މިދިޔަ 50 ހަކަށް އަހަރު ރާއްޖޭގައި އެބަ ހިންގާ ކޮންމެ ރައީސެއް އަންނައިރުގައި އެރައީސް ބޭނުންވާ ކުންފުނިތަކެއް، ކުންފުންޏެއް މި ހިނގަންޖެހެނީ ފައިދާ ހޯދައިދިނުމަށް، ކުންފުންނެއް ނުހިންގާނެ ގެއްލުމެއް ހޯދުމަކަށް، ނަމަވެސް ދެ ކުނފުނީގެ މައްޗަށް އެކަނި ބަލައިލާއިރު މިދިޔަ އަހަރުގައި ހަމައެކަނި މިފްކޯއިން އެބައޮތް ފަސް ބިލިޔަންރުފިޔާ އަށްވުރެން ބޮޑު ގެއްލުންވެފައި، ކޮންތާކަށްތޯ މި ފައިސާ މިދިޔައީ އަލުގަނޑުމެން ޓެކްސް ދައްކާމީހުންގެ ފައިސާ އެދިޔައީ ކަނޑަށް އަޅައިގެން،“ ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަނަށް ފަސް ބިލިޔަން ރުފިޔާ އަށްވުރެން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރުމަހުން ފެށިގެން އިންޑިއާ މާކެޓް އެއްކޮށް ގެއްލިގެން މުޅި ގައުމަށް އެއްބިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
”މިއީ ހަގީގަތް، މި ވަބާގެ ތެރޭގައި އަޅުގަނޑުމެންނަށް ރަނގަޅަށް ތެދުނުވެވިގެން އުޅެނިކޮށް އަނެއްކާ މިވީ އަޅުގަނޑުމެންގެ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލަން، އޭގެ ސަބަބުން އަޅުގަނޑުމެންގެ ފައި ދާނީ ފިސްފިސް ވެގެންކަމެއްނޭގެ، ފައި އޮންނާނެ ކަމެއްވެސް ނޭނގޭ،“
ސިޔާމް ވިދާޅުވީ، ޓެކްސް ނެގުމާ ދެކޮޅުނޫން ކަމަށާއި، ނަމަވެސް ޓެކްސްގެ ގޮތުގައި ނަގާފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަންޖެހޭ ކަމަށެވެ.
”ވައްކަން ނުކުރާށޭ ނުފޭރޭށޭ، ރައްޔިތުންގެ ލާރި ނުފޭރޭށޭ ކުންފުނިތައް ހުއްޓާލާށޭ، އެނޫން ގޮތަކަށް ދާނަމަމި ގައުމު ހަލާކުވެގެންދާނެކަން 100 ޕަސެންޓް ޔަގީން، މިހާރުވެސް ކޯޗެއްތޯ މި ގައުމުގައި އޮތީ، މި ގައުމުގައި މިއަދު ނެތޭ ދެ މިލިޔަންޑޮލަރު، އަޅުގަނޑުމެން ދައްކާ ޓެކްސްތައް ކޮބައިތޯ ކޮންތާކަށްތޯ އަޅާލަނީ ކީއްތޯ ކުރަނީ، މީހުންލޯނު ނަގަނީ ފައިދާ ހޯދަން ވިޔަފާރިކުރަން ނަމަވެސް މިގަމުން ލޯނު ނަގަނީ ފައިދާއެއްނެތް ގެއްލުންވާ ކަންތައްކުރަން،“ އޭނާ ވިދާޅުވިއެވެ.