ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަރެން އަދިވެސް އެސަރަހައްދަށް ދަމެވެ. އެހެނަސް އަހަރެންގެ ކޮމްފޯރޓް ޒޯން މިހާރު އަހަރެންނަށް ބީރައްޓެހި ވެފައިވާ ކަހަލައެވެ. އެހެނީ އަހަރެން އެސަރަހައްދަށް ދިޔަކަމުގައި ވީނަމަވެސް ސީދާ އެތަނަކަށް ނުދަމެވެ. މާޒީވެ ގޮސްފައިވާ ހިތްގައިމު ދުވަސްތަކަށް އިތުރު ކިލަނބު ކަމެއް ގެންނަންވެސް ބޭނުން ނުވާތީއެވެ. ކަނބުލޮގެ ހަނދާންތަކަކީ އަހަރެންގެ ޙަޔާތުގެ އެންމެ ކުލަ ރީތި ޞަފްޙާތަކަށް ހަދަން ބޭނުންވާތީވެސް މެއެވެ. ކޮންމެއަކަސް އެދުވަސްތައް އަހަރެން ހޭދަކުރަމުން ގެންދިޔައީ ވަރަށް ހިތްވަރާއި ކެތްތެރިކަމާއި އެކުގައެވެ. އެހެނަސް ހިތްދަތިކަމާއިވެސް އެކުގައެވެ. ކެއިން ބުއިމާއި ދުރުވެވުނެވެ. އޮފީހަށް ދިއުމުގައި ފަރުވާކުޑަ ކުރެވެން ފެށުނެވެ. މާލެ ދޫކޮށް އެހެން ތަނަކަށް ދާން ބޭނުންވިއެވެ. އަހަރެންގެ އުޅުމަށް އަންނަމުންދިޔަ މިބަދަލުތައް މަންމައަށް ފާހަގަ ވަމުން ދިޔައެވެ. އަދި އެކަމާ ބެހޭގޮތުން އަހަރެންނާއި އެތައްފަހަރަކު ސުވާލުވެސް ކުރިއެވެ. ވާނީވެސް އެހެންނެވެ. ދަރިއަކަށް ކުޑަވެސް ދެރައެއް ލިބޭތަން ދެކޭކަށް މައި ލަނގޮޑިއަކަށް ކެތެއް ނުވާނެތާއެވެ. މަންމަވެސް އަދި ބައްޕަވެސް ހުރީ އަހަރެންނަށް ވަމުންދާގޮތް ނޭންގިފައެވެ. ބޭބެމެންވެސް އެކަމާ ކަންބޮޑުވާކަމަށް ބުނެއެވެ. އެހެނަސް މަންމަމެންގެ އެސުވާލުތަކަށް އަހަރެން ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ބުނެދޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެއްދުވަހުން އަނެއް ދުވަހަށް އަހަރެން ބަލިކަށި ވަމުން ދިޔައެވެ. ގައިން ވަރުދެރަވެ ހޮސްޕިޓަލްގައި އެނދުމަތިކުރާ ހިސާބަށް އަހަރެންގެ ހާލަތު ދިޔައެވެ. އެތައް ބައިވަރު ޓެސްޓުތަކެއް ހަދައިގެންވެސް އަހަރެންގެ ހަށިގަނޑުން އެއްވެސް ކަހަލަ ޖިސްމާނީ ބައްޔެއް ޑޮކްޓަރުންނަކަށް ނުހޯދުނެވެ. އެންމެ ފަހުން ޑޮކްޓަރ ލަފާދެއްވީ، ދުވަސްކޮޅަކަށް ނަމަވެސް ދިރިއުޅޭ މާޙައުލު ބަދަލުކޮށްލުމަށެވެ.
ޑޮކްޓަރގެ ލަފާގެ މަތިން، އޮފީހުން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނަގައިގެން އަހަރެންގެ އުފަން ރަށަށް ދިއުމަށް ނިންމީމެވެ. މަންމަވެސް އަދި ބައްޕަވެސް އެގޮތަށް ބޭނުންވީތީއެވެ. ރަށަށް ދިޔައެއްކަމަކު، އަހަރެންގެ އަމިއްލަ އުފަން ރަށަކީ އަހަރެންނަށް ބީރައްޓެހި މާޙައުލެއްކަން އެނގި ހުރެމެއެވެ. ދަންނަ މީހުންނާއި ރައްޓެހިންވެސް މަދުވީތީއެވެ. މީގެ ކުރިން އަހަރެން ރަށަށް ދިޔައީ ވަރަށް ކުޑައިރު ކަމަށް ވެފައި، އެހާ ގިނަދުވަސް ރަށުގައި ހޭދަ ނުކުރާތީއެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް އަހަރެން ރަށަށް ދިއުމަށް ނިންމީ އަހަރެންގެ މި ތަކުލީފު ތަކަށް ހައްލެއް ލިބި، އާފެށުމަކުން ދިރިއުޅުން ފެށުމަށް އިތުރު ހިތްވަރެއް ލިބޭތޯ މަސައްކަތް ކޮށްލުމުގެ ނިޔަތުގައެވެ. އެދުވަސްވަރަކީ، ދަތުރުފަތުރު އެހާ ކުރިއަރާފައިވާ ދުވަސްވަރެއް ނޫނެވެ. އެހެންވީމާ، ރަށަށް ދާން ޖެހުނީ އަތޮޅުގެ ރަށްތަކަށް ވިޔަފާރި މުދާ އުފުލުމަށް ދަތުރުކުރާ ބޯޓެއްގައެވެ. ދިގު ދަތުރަކަށް ފަހު، ރަށަށް ދެވުނީ އެދުވަހުގެ އިރުއޮއްސެން ވަރަށް ކައިރިވެފައި ވަނިކޮށެވެ.
ރަށުގެ ކުދިބޮޑު އެތައް ބަޔަކު ބޯޓު ރަށަށް އައުމުގެ އިންތިޒާރުގައި އަތިރިމަތީގައި ތިއްބެވެ. އެދުވަސްވަރުގެ ރާއްޖެތެރޭގެ އާދަކަދައިގެ މަތިންނެވެ. އަހަރެން ބަލާ އައިސް ހުރީ ބައްޕަ ފަރާތުގެ ބޮޑުބޭބެއެކެވެ. އަހަރެންނާއި ސަލާމް ކޮށްލުމަށްފަހު، ފޮށި ނަގާ ކޮނޑުއަޅާލައިގެން ރަށުގެ ބޮޑުމަގުގެ މެދުން ހިނގާލާފައި ގޮސް ވަނީ ބޮޑުބޭބެގެ ގެއަށެވެ. އަހަރެންގެ ހުރުމުގެ ކަންތައް ހަމަ ޖައްސާފައި ހުރީ އެގޭގައެވެ. ގެއަށް ދިޔައިއިރު ބޮޑުބެދައްތަ އިނީ އުނދޯލީގައި އަހަރެން އައުމުގެ އިންތިޒާރުގައެވެ. އަހަރެން ގޮސް ވަނުމާއިއެކު، އުނދޯލިން ތެދުވެގެން އައިސް ކައިރިޔަށް ހުއްޓިލާފައި އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. އަދި ”ހުސޭނާ ދަރިފުޅާ، އަވަހަށް ދޭ ފެންވަރާލަން. ފެންވަރައިގެން އައިހެންނު ސައިބޯނީ ދޯ.“ މިހެން ބުނުމާއިއެކު ދާންވީ މިސްރާބަށް އިޝާރާތް ކޮށްލިއެވެ. އަހަރެން ފެންވަރާލައިގެން އައިސް ސައިބޯން އިށީނީމެވެ. ކައިރީގައި ބޮޑުބެވެސް ސައިބޯން އިށީނެވެ. ބޮޑުބެދައްތަ ޖޯޑަށް ސައި އަޅަމުން އަހަރެންނާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. ”ހުސޭނު މިހާރު ދެން ވަޒީފާއަކަށް ތިޔަ ދަނީ ވިއްޔަ. ލާރިވެސް އެބަ ލިބޭ. އެހެންވިއްޔާ ދެން އަދިވެސް މީހަކާ އިންނާކަށް ނޫޅެންތަ؟ މިހާރު ދެން ހުންނާނީ އިންނާނެ މީހަކުވެސް ހޯދާފަތާ ދޯ؟“ ބޮޑުބެދައްތަ އަބަދުވެސް އަހަރެންނާއި ސަމާސާ ކުރެއެވެ. އެހެނަސް މިފަހަރު ދައްތަގެ އެސަމާސާ ވީ އަހަރެންގެ ހިތަށް ހަރާލި ތޫނު ވަޅިއެއް ފަދަ އެއްޗަކަށެވެ. ކޮންމެވެސް ވަރަކަށް ކޮށި އަރާކަހަލަ ގޮތެއްވެސް ވިއެވެ. އެހެންނަމަވެސް ދައްތަގެ އެސުވާލަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. ސަބަބަކީ، ބޮޑުބެގެ ޢާއިލާއަކީ، ރަށުގެ ގާތްތިމާގެ މީހުންގެ ތެރެއިން މާލޭގައި އަހަރެމެން ދިރިއުޅޭ ގެއަށްދާ މަދު މީހުންގެ ތެރެއިން އެއްބަޔަކަށް ވެފައި، އެޢާއިލާއާއި ގާތް ގުޅުމެއް އަބަދުވެސް އޮންނާތީއެވެ. އަދި އިހުތިރާމުވެސް ކުރާތީއެވެ.ސައިބޮއެ ނިމިގެން އުނދޯލީގައި އިށީންދެލައިގެން މަޑުމަޑުން ހެއްލައިލަ ހެއްލައިލާ އިނީމެވެ. އެހެން އިންއިރުވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ވަނީ ކަނބުލޮއެވެ. ފަސްމަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަހަރެންގެ ވިސްނުމަކަށް އަދި ފިކުރު ކުރުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރެއާއިދުވާލު ކަނބުލޮއާއި މެދު ވިސްނެނީއެވެ. އުނދޯލީގައި މިހެން އިނދެގެން ހެއްލަމުން ދާއިރުވެސް ކަނބުލޮ އަހަރެން ކައިރީގައި އިށީނދެލައިގެން އިންހެން ހީވެއެވެ. އެހެނެއް ކަމަކު އެއްވެސް ކަހަލަ ޖެހިލުން ވުމެއް އަހަރެންނަކަށް އިހުސާސެއް ނުކުރެވެއެވެ. އެއާއި ޚިލާފަށް ލިބެމުން ދިޔައީ ހިތްހަމަ ޖެހުމެކެވެ. އެހެނީ، އަހަރެން ބޭނުންވަނީވެސް ފެންނާށެވެ. ވާހަކަވެސް ދައްކާށެވެ. އެދުވަސްތައް ފަދައިން އެކުގައި މަޖާކޮށްލާ ހީނލާ ސަމާސާ ކޮށްލާށެވެ. އާނއެކެވެ. ކަނބުލޮގެ ޙަޤީޤަތް އެނގުނު ދުވަހު ހިތް ނުތަނަވަސް ވާގޮތް ވިއެވެ. އެހެންނަމަވެސް މިހާރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އޮތިއްޔާ އޮތީ ކަނބުލޮ އަހަރެންގެ އަތުން ބީވެގެން ދިޔަ ކަމުގެ ހިތާމައެވެ.
މި ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ވަރަށް ބާރަށް އަދި އެހާމެ އުފަލާއިއެކު ހުސެން ބޭބޭ ކިޔާފައި ކުއްޖަކު ގޮވާލި އަޑު އިވިއްޖެއެވެ. ގޮވާލުމާއިއެކު، ކައިރީގައި އައިސް އިށީނދެލީ އަހަރެންގެ ދެބެންގެ ދެދަރި ކޮއްކޮ ލިއުޝާއެވެ. އެހާ ޒަމާން ކޮށްލާފައި ކޮއްކޮ ފެނުމުން އުފާވެސް ވިއެވެ. އެހެންނަމަވެސް އޭނަ އިށީނީ ކަނބުލޮ އިށީންދެގެން އިން ތަނުގައިހެން އަހަރެންނަށް ހީވުމުން ހިތް ނުތަނަވަސް ވާގޮތްވެސް ވިއެވެ. އަދި ފުންމައިގެން އުނދޯލިން ތެދުވީމެވެ. ލިއުޝާ ކޮއްކޮވެސް އެކުއެކީގައި ތެދުވެއްޖެއެވެ. އަދި ކިހިނެއްވީތޯ ސުވާލު ކޮށްލިއެވެ. އަހަރެން ކަމެއް ނުވާކަމަށް ބުނެ ކޮއްކޮގެ ޙާލު އަހާލިމެވެ. ދެމީހުން އެކުގައި ގެއިން ބޭރަށް ނިކުމެ ގޯތިތެރޭގައި ހުރި ފޭރުގަސް ކައިރީގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި އަނގަ ތަޅާލަން ތިބީމެވެ. އެހެން ތިއްބާ، މަޣްރިބު ބަންގި ގޮވުމުން މިސްކިތަށް ދިއުމަށް ހިނގައިގަތީމެވެ. ނަމާދުކޮށް ނިމިގެން ޢިޝާ ނަމާދު ވަޤުތު ޖެހެންދެން ޤުރުއާން ކިޔަވާލަން މިސްކިތުގައި މަޑުކޮށްލީއެވެ. ޢިޝާ ނަމާދުން ފޭބިތަނުން ކުޑައިރު މިރަށަށް އައިސް އުޅުނުއިރު އެކުގައި އުޅުނު ރައްޓެއްސަކާ ދިމާވިއެވެ. ކަތީބު ގޯތި އިޙުސާން އަކީ ރަށުގައި ހުރި އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އިހުސާން އޭނަގެ ގެއިން ރޭގަނޑުގެ ކެއުމަށް ދަޢުވަތު ދިނެވެ. ނަމަވެސް އަހަރެން ވަރަށް ބޮޑަށް ދަތުރު ވަރުބަލިވެފައި ހުރުމާއިއެކު، މާދަމާ ބައްދަލުކޮށްލާނީ ކަމަށް ބުނެ ގެއާއި ދިމާއަށް ހިނގައިގަތީމެވެ. ގެއަށް އައިސް ކައިގެން ނިދީއެވެ.
އަނެއްދުވަހު ހެނދުނު ސައިބޯލައިގެން ރަށުތެރެ ބަލާލުމަށް ނިކުތީމެވެ. މިވީ ގިނަ އަހަރުތަކުގެ ތެރޭގައި ރަށަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. އެކަނި ތަންތަނަށް ދާން ނޭނގުނަސް ނުގެއްލޭނެކަން ޔަޤީންވާތީ، ނިކުމެ ކުރިޔަށް ހިނގައިގަތީމެވެ. ރަށުގެ ފުއްޓަރު ފަރާތަށް ދެވުމުން ރާޅުޖަހާ އަޑު އިވެން ފެށިއެވެ. ކޮންމެވެސް ވަރަކަށް ކަންފަތަށް އުދަގޫ ވާހެންވެސް ހީވިއެވެ. އެހެނަސް އެދިމާލަށް ދެވެން ފަށައިފިއެވެ. ކަނބުލޮގެ މަޑުމައިތިރި އަޑުން އަހަރެންނަށް ގޮވާހެން ހީވާންވެސް ފެށުމާއިއެކުއެވެ. މަޑުމަޑުން ހިނގާފައިގޮސް ފުއްޓަރު ފަރާތު އަތިރިމައްޗަށް ނިކުމެ ގޮނޑުދޮށުގައި އިށީންދެލީމެވެ. އެއީ އެހާ ގިނަ މީހުން އައިސްގޮސްވާ ދިމާލަކަށް ނުވާތީ މުޅި މާޙައުލު އޮތީ ހަމަހިމޭން ވެފައެވެ. އިވޭހާވެސް އަޑަކީ، ފަޅުން އުފުލާލާ ރާޅުތައް ގޮނޑުދޮށުގައި ހުރި ބޮޑެތި ގައުތަކަށް ބިންދާލާ އަޑެވެ. އެމަންޒަރު ބަލަން އަހަރެން އެތަނުގައި އިށީނދެލައިގެން އިނދެފައި، އެކި ދިމަދިމާއަށް ކަޅި ހިންގަމުންގޮސް، އަހަރެންގެ ކަނާތް ފަރާތަށް ބަލައިލީމެވެ. އެވަޤުތު ފެނުނީ ޤަބޫލުކުރަން ދަތިވި މަންޒަރެކެވެ. ގޮނޑުދޮށަށް ބިންދާލުމާއިއެކު، މަޑުމައިތިރި ކަމާއިއެކު އަނބުރާ މޫދަށް ކެހިގަންނަ ކޮންމެ ފޮނުގަނޑެއް ވެލިތަކާއި އެކު ފައިމައްޗަށް އަރާތަން ބަލަން އެހުރީ ކަނބުލޮއެވެ. އަހަރެންގެ ކަނބުލޮ އަނބުރާ އަހަރެނަށް ލިބުނު ކަމުގެ އިހުސާސެއް ކުރެވުނެވެ. ފުންމައިގެން ތެދުވެ އެދިމާއަށް ހިނގައިގަނެވުނެވެ. އަހަރެން ކަނބުލޮއާއި ކައިރިވަމުން ދިޔައިރުވެސް އޭނާއަކަށް ރެއަކާވެސް ނުލައެވެ. އަރާ ހަމަވުމާއިއެކު އަސަރުން ފުރިގެންވާ އަޑަކުން ކަނބުލޮއޭ ކިޔާފައި ގޮވާލެވުނެވެ. ކައިރީގައި މީހަކު ހުރިހެން ހީވެގެން، އޭނާ ސިއްސައިގެންގޮސް ބަލައިލިއެވެ. އަދި ފުރޭތައެއް ފެނިގެން ދުއްވައިގަންނަ ފަދައިން ބިރުން ދުއްވައިގަތެވެ. އަހަރެންވެސް ފަހަތުން ދުވެފައިގޮސް އަތިރިމައްޗާއި ދިމާއަށް އަންނަން އޮންނަ ހަނި މަގަށް ނުކުތީމެވެ. ފަހަތަށް ބަލަމުން ބާރަށް ދުވަމުން ކަނބުލޮ އެއޮށްދަނީ އަހަރެންނާއި ދުރަށެވެ. މިފަހަރު ކަނބުލޮ ތަންކޮޅެއް ތަފާތު ކަމަށް ފާހަގަ ކުރެވުނެވެ. އަދި މީގެ ކުރިން ގެއްލޭ ފަދައިން ލޯމަތިން ގެއްލިގެންނެއް ނުދިޔައެވެ. ޖެހިގެން އޮތް މަގަށް އަޅާ ލަނބާލަންދެން އަހަރެންނަށް ފެންނަން ހުއްޓެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރެލާފައި އަހަރެންވެސް ހިނގައިގަތީމެވެ. އަހަރެން އައިގޮތަށް އައިސް ވަނީ ގެއަށެވެ.
ގެއަށް ވަނުމާއިއެކު އަނެއްކާވެސް މި ފެންނަނީ ކަނބުލޮއެވެ. އަހަރެންނަށް މިވަނީ ކީއްހެއްޔެވެ. ދާ ކޮންމެ ތަނަކުން ކަނބުލޮ މިފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެކަމަކު މިފަހަރު މި އިނީ ލިއުޝާ ކޮއްކޮ ކައިރީގައި ހަނޑޫ ހޮވާށެވެ. ބާރު ހިނގުމެއްގައި ގޮސް އެތަނަށް ހުއްޓެން ވާއިރަށް ”ހުސެއިން ބޭބޭ، މީނަ އިހުސާނާ މިކިޔާ އެއްޗެއް ބުނެލަދެންތަ؟“ ލިއުޝާ ކޮއްކޮ ބުނެލިއެވެ. އޭރު ކަނބުލޮ އިނީ އިސްދަށަށް ޖަހައިގެން ހަނޑޫ ހޮވާށެވެ. ކަނބުލޮއަކަށް އަހަރެންނެއް ނުފެނެއެވެ. ނޫނީ ފެންނަ ކަމަށް ނުހެދީ ބާވައެވެ. އެހެންވީމަ އަހަރެންވެސް އެތަނުގައި އިތުރު މީހަކު ފެންނަން އިންކަމަކަށް ނުހަދަމެވެ. ލިއުޝާ ކޮއްކޮއަށް އެކަން އަންގަން ބޭނުން ނުވާތީވެސް މެއެވެ. ”ކޮން އިހުސާނާއެއް. މިތަނުގައި އިހުސާނާއެއް އެބައިންންތަ؟“ ނޫން ކަމަށް ހަދާފައި އަހަރެން ސުވާލު ކޮށްލީމެވެ. ”މީނަ ބޮޑުސިންގާ އިހުސާނާއެއް ބޭބެއަކަށް ހަމަ ނުފެނޭ؟“ ތި އަވި އައިނު ނަގާފަ ނަންބަރު އައިނެއް އަޅަންވީނު ދޯ؟“ އަހަރެންގެ ދެލޯ ކާއްޓެއް ވަރަށް ބޮޑުވިއެވެ. ލިއުޝާ ކޮއްކޮއަށް ކަނބުލޮ ފެންނަން އިނީމައެވެ. އަދި މިކިޔަނީ ކޮން އިހުސާނާއެކޭ ބާވައޭ ހިތަށް އެރިއެވެ. ”އާން އަދި އިހުސާނާއަކީ ކާކު ކަމެއްވެސް ބުނެ ނުދީ ދޯ މިހާ ވަރަކަށް އިހުސާނާއޭ މިކިޔަނީ. މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ކަތީބު ގޯތި އިހުސާނާ. ބޭބެ ރައްޓެހި އިހުސާނުގެ ކޮއްކޮ.“ އަހަރެން ކުޑަކޮން ފަހަތަށް ޖެހިލީމެވެ. އަދި އޭނައަށް ރަނގަޅަށް ބަލައިލީމެވެ. އާނއެކެވެ. ކުޑަ ތަފާތެއް އެބަ ހުއްޓެވެ. އެހެނަސް އެއީ ކަނބުލޮ ނޫންކަމަށް ޤަބޫލުކުރާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.
(ނުނިމޭ)