ޑިސެމްބަރ 23, 2024 03:18

ޤުރުބާނީ (ހަތަރުވަނަ ބައި)

ޤުރުބާނީ (އެއްވަނަބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ނޮވެމްބަރ 2, 2024

މިއަދުގެ ތާވަލުގައި ކަނޑައެޅިފައިވާ އެންމެ ފަހު ބަލިމީހާ ބެލުމަށްފަހު ޑރ. ޝަހާ، އޭނާގެ އަތުގައި އޮތް ބޭސް ސިޓީ، ކައިރީގައި އިން ބަލިމީހާ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. ”މި ބޭސް ޤަވާއިދުން ކެއުމަށް ސަމާލުކަން ދޭންވާނެ އިނގޭ. އަދި ނިދިވެސް ބަރާބަރަށް ހަމަކުރެވޭތޯ ބަލަންވާނެ.“ އެވަޤުތު ވަރަށް އޯގާތެރި  ހިނިތުން ވުމަކާއި އެކު ކުރިމަތީގައި އިން ބަލި މީހާއަށް ބަލާލިއެވެ. އުންމީދުން ފުރިގެންވާ  ނަޒަރަކުން ޑޮކްޓަރާއި ދިމާއަށް ބަލާލަމުން ބަލިމީހާ އެ ބޭސް ސިޓިގައި ހިފިއެވެ. އަދި ޝުކުރު އަދާ ކުރުމަށްފަހު ފަރުވާދޭ ކޮޓަރިން ނިކުމެގެން ދިޔައެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ލުމާއިއެކު، ޑރ. ޝަހާ އޭނާގެ މޭޒާ ދިމާއަށް ގޮނޑި އަނބުރާލަމުން މޭޒުމަތީގައި މަޑުމަޑުން ދެއަތްތިލަ ބާއްވާލިއެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު، ހިތާހިތުން ބުނެލިއެވެ. ”އަލްޙަމްދުﷲ. މިއަދަށް ކަނޑައެޅިފަ އޮތް ވަރަށް ބަލާ މި ނިންމާލެވުނީ. އެކަމަކު ވަރަށް ބަނޑުހައި ވެއްޖެ. މިހާރު އެއޮށް މެންދުރުވެސް ވީ. ފަރީ ނިމިއްޖެތޯ ޗެކް ކޮށްލަން ވެއްޖެ. މެންދުރު ކެއުން ދޭނަމޭ ބުނެފަވިއްޔަ އޮތީ،“ މިހެން ބުނުމާއިއެކު މޭޒުމަތީގައި އޮތް މޯބައިލް ފޯނު ނަގާ، ޝަހާއާއި އެކުގައި މަސައްކަތް ކުރާ ޑރ. ފަރީޝާއަށް ގުޅާލިއެވެ. ޑރ. ފަރީޝާ އިންނެވީ އޭނާގެ ކޮންސަލްޓޭޝަން ރޫމްގައި ބަލި މީހާކު ބައްލަވާށެވެ. ޑރ. ފަރީޝާގެ ނަމްބަރަށް ގުޅާލި ވަޤުތު ފޯން ރިންގް ވިޔަސް އެ ފޯންކޯލް އަށް އަނެއްކޮޅުން އިޖާބައެއް ނުދިނެވެ. ވީމާ، ފަރީޝާ އަދި ނުނިމޭކަން ޝަހާއަށް އެނގުނެވެ. ޑރ. ޝަހާގެ އުމުރަކީ އެންމެ ތިރީސްފަސް އަހަރު ކަމުގައި ވީނަމަވެސް އެއީ، ރާއްޖެގައި ތިއްބެވި ނަފްސާނީ ބަލީގެ ޑޮކްޓަރުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ޑޮކްޓަރެވެ.

ހޮސްޕިޓަލް ގެ ހަލަބޮލި މާހައުލުގެ ތެރެއިން މަޑުމައިތިރި ކަމާއިއެކު ހިނގާލާފައި ޝަހާ ދިޔައީ ފަރީޝާ ބަލި މީހުން ބައްލަވަން އިންނެވި ކޮޓަރިއާއި ދިމާއަށެވެ. ފެންނަ ކޮންމެ މީހަކަށްވެސް އޯގާތެރި ކަމާއިއެކު ބަލާލަމުން ލުއިލުއި ހިނިތުން ވުމެއް ހަދިޔާ ކުރަމުން ޝަހާ ހިނގާލާފައި ދިޔައެވެ. މާދުރަށް ނުދެވި އުޅެނިކޮށް ޝަހާގެ ފިޔަވަޅު ހުއްޓެމުން ހުއްޓެމުން ގޮސް ބުދެއް ފަދައިން ހުއްޓިއްޖެއެވެ. ކުރިމަތިން ފެނުނު މަންޒަރަށް ބަލަހައްޓައިގެން އެހުރީ، ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ކަހަލަ ގޮތަކަށެވެ.  ވަރަށް ބޮޑަށް ދަންނަ މޫނެއްގެ ވެރިޔަކު ފުރޮޅުލީ ގޮނޑިއެއްގައި ބައިންދައިގެން ގެންނަ މަންޒަރު ފެނުމުންނެވެ. އެއީ ހަމަ އޭނާ އެހީކުރާ މީހާތޯ ޔަޤީން ކޮށްލަން ބޭނުންވިއެވެ. އެ ބަލިމީހާ، އޭނާއާއި ކައިރިވަމުން އައިވަރަކަށް ޝަހާގެ މޭ ބާރަށް ތެޅެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ. ގޮނޑީގައި އިން މީހަކު އިން ޙާލު ފެނިފައި ޝަހާ ފެންކަޅި ވިއެވެ. އަދި  އެ ބަލިމީހާ، ޝަހާއާއި އަރާ ހަމަވުމުން އިޚްތިޔާރަކާ ނުލާ ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލެވުނެވެ. އެވަޤުތު ގޮނޑި ދުއްވަން ހުރި ފިރިހެން ކުއްޖާ ހުއްޓިއްޖެއެވެ. ބަލާބެލުމަށް އެކުއްޖާގެ އުމުރުން ވާނީ ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރެވެ. ޝަހާ  ބަލި މީހާ ކައިރިއަށް ތިރިވެލިއެވެ. އަދި މަޑުމައިތިރި ކަމާއިއެކު އެބަލމީހާގެ ކުރިމަތީގައި އިށީނދެލިއެވެ. އަސަރުން ފުރިގެންވާ އަޑަކުން އޭނާއަށް ގޮވާލިއެވެ. ”ފާތުން؟“. އެހެނަސް ޝަހާގެ އެ ގޮވާލުމަކަށް އޭނާ އިޖާބައެއް ނުދިނެވެ. ދުނިޔޭގެ ހޭވެރިކަމެއް ނެތި ފުރޮޅުލީ ގޮނޑިގައި ބޭންދި ގޮތަށް އެއްފަރާތަށް ކަރު އެލިފައި އިން ފާތުންނަށް ވެފައި އެއިނީ ކީއްތޯ ބަލަން ޝަހާ ކެތް މަދުވިއެވެ. އަދި ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި ފިރިހެން ކުއްޖާއާއި ޝަހާ ސުވާލު ކޮށްލިއެވެ. ”މިއީ ފާތިމަތު ޢަލީ ދޯ؟ މީނައަށް ކިހިނެއްވީ؟“ ޝަހާއަށް ޖަވާބު ދިނުމުގެ ބަދަލުގައި އެ ފިރިހެން ކުއްޖާވެސް ކޮށްލީ ސުވާލެކެވެ. ”ތިޔައީ ދޮންތަގެ ފްރެންޑް ޝަހާ ދައްތަ ދޯ؟“ ޝަހާ ހައިރާން ވެފައި ހުރެ އާނއެކޭ ބުނަމުން މަޑުމަޑުން ބޯޖަހާލިއެވެ.

އެވަޤުތު އެކުއްޖާ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”ދޮންތަ ވަރަށް ގިނައިން ޝަހާ ދައްތަގެ ވާހަކަ ދައްކާނެ. ޝަހާ ދައްތައާއި އެކު ހޭދަކުރި މަޖާ ދުވަސް ތަކުގެ ވާހަކަތަކާއި، އެކުގައި ކޮށްފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަވެސް ވަރަށް ގިނައިން ކިޔައިދޭނެ.“ އެވަޤުތު ހައިރާން ވެފައިވާ ނަޒަރަކުން އެ ފިރިހެން ކުއްޖާއާއި ދިމާއަށް ބަލަން ހުރެ ޝަހާ އެއީ ކޮން ކުއްޖެއްތޯ އަހާލިއެވެ. އެއީ ފާތުންގެ ދެބެންގެ ދެދަރި ކޮއްކޮ އަޙްމަދު ކަމުގައި އޭނާ ބުންޏެވެ. ޝަހާވެސް ފާތުންގެ ޢާއިލާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންނަމަވެސް ޝަހާއަށް އަޙްމަދު އެންމެ ފަހުން ފެނުނީ އޭނާ ވަރަށް ކުޑައިރުއެވެ. އެހެންވީމާ މިއަދު އޭނާ ވަކި ކުރަން ނޭންގުނީއެވެ. ”އަޙްމަދު ކޮއްކޮ ދެން ބުނެބަލަ، އަހަރެންގެ އެކުވެރިޔާއަށް ވީ ކީއްތަ؟“ ފާތުންއަށް ވީގޮތެއް އޮޅުން ފިލުވުމަށް ކެތް މަދުވެފައި ހުރެ ޝަހާ ސުވާލު ކޮށްލިއެވެ. ”އެއީ ވަރަށް ދިގު ވާހަކައެއް. މިކަހަލަ ޙާލަތެއްގައި ހުރެ ކިޔައެއްވެސް ނުދެވޭނެ. މިހާރު މިދަނީ ދޮންތަގެ ޓެސްޓްތަކެއް  ހަދަން ޖެހޭތީ ލެބޯރަޓަރީއަށް. އަދި އެޑްމިޓް ކުރުމުގެ ކަންތައްވެސް ކޮށްލަން އެބަ ޖެހޭ. އެހުރިހާ ކަމެއް ނިންމާލާފައި ހަމަ ޖެހިލައިގެން ޝަހާ ދައްތައަށް ހުރިހާ ވާހަކަތަކެއްވެސް ކިޔައިދޭނަން އިނގޭ.“ އެވަޤުތު ޝަހާ އެ ހުރިހާ ކަމެއްގައިވެސް އޭނާ އެހީތެރި ވާނަން ކަމަށް ބުނެ އެކުގައި ހިނގައިގަތެވެ.

މިވަޤުތަށް ހަދަން ހުރި ހުރިހާ ޓެސްޓުތަކެއް ހަދާ ނިންމާލުމަށްފަހު، ފާތުން އެނދުމަތި ކުރުވުމުގެ ހުރިހާ ކަމެއްވެސް ނިންމާލިއެވެ. މިހުރިހާ ކަމެއްގެ ތެރޭގައި އުޅުނުއިރު ބަނޑުހައި ވެފައި ހުރި ކަމުގެ އިހުސާސްވެސް ޝަހާއަކަށް ނުވެއެވެ. ހުރިހާ ކަމެއް ހަމަޖެހުމުން، އަތުގައި އޮތް ޕާރސް ހުޅުވާލާފައި ދުއިސައްތަ ރުފިޔާ ނަގާ ފާތުންގެ ކޮއްކޮ އަތަށް ދިނެވެ. އަދި ކެންޓީނަށް ގޮސް ކޮންމެވެސް އެއްޗެއް ކައިގެން އައުމަށް ބުނެ އޭނާ ފޮނުވާލިއެވެ. އަޙްމަދު ކޮއްކޮ ދިޔުމުން ފާތުންގެ އެނދު ކައިރީގައި ހުރި ކޮނޑީގައި ޝަހާ އިށީންދެލިއެވެ.  މަޑުމައިތިރި ކަމާއިއެކު ފާތުންގެ އަތްތިލަ ނަގާ، ޝަހާގެ އަތް މަތީގައި ބާއްވާލަމުން ވަރަށް އޯގާތެރި ކަމާއިއެކު ފިރުމާލިއެވެ. އަދި ވޭނުން ފުރިގެންވާ އަޑަކުން ފާތުންނަށް ގޮވާލިއެވެ. ފުރާނަ ނެތް މަސްގަނޑެއް ފަދައިން އެނދުގައި ބޭއްވި ގޮތަށް އޮތް ފާތުން އެއްވެސް ޖަވާބެއް ނުދިނެވެ. އެހެނަސް ފާތުންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ފެނިފައި ޝަހާ އަކަށްވެސް ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ޝަހާގެ ލޮލުންވެސް ކަރުނަ އޮހެން ފެށިއެވެ.

އެވަޤުތު ޝާހާއަށް ހުޅުވާލެވުނީ މާޒީގެ ޞަފްޙާތަކެވެ. ދެރަޙުމަތްތެރިން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތައް ލޯމަތިން ފެންނަން ފެށި ކަހަލައެވެ. އެކުގައި ސްކޫލަށް ދިއުމާއި، ކެއުން ބުއިމާއި، ހިނގާލަން ދިއުންފަދަ ހަނދާނުން ނުފިލާނެ އެތައް ހަރަކާތެކެވެ. ޝަހާއާއި ފާތުންނަކީ ހަނދާން ހުންނަން ފެށީއްސުރެ އެކުގައި އުޅެ ބޮޑުވި ދެ ރަޙުމަތްތެރިންނެވެ.  ޝަހާއަކީ މާލޭގެ ތަނަވަސް ޢާއިލާއަކަށް އުފަން ކުއްޖެކެވެ. ފާތުންއަކީ ރާއްޖެތެރެއަށް އުފަން ކުއްޖަކަށް ވީނަމަވެސް އޭނާ އުޅެ ބޮޑުވީ މާލޭގައެވެ. ފާތުން ވަރަށް ތުއްތުއިރު އޭނާގެ މަންމަ ނިޔާވުމުން، މާލޭގެ މީހަކާއި ކައިވެނި ކޮށްގެން މާލޭގައި ދިރިއުޅޭ އޭނާގެ މަންމަ ފަރާތު ބޮޑުދައިތަ އޭނާ މާލެ ގެނައެވެ. އަދި އަމިއްލަ ދަރިއެއް ފަދައިން ފާތުން ގެންގުޅެ ބޮޑުކުރިއެވެ. ޝަހާ އަދި ފާތުންގެ ރަޙުމަތްތެރިކަން އުފެދުނީ އެހިސާބުންނެވެ.

ދެކުދިންނަކީ އަވަށްޓެރިންނެވެ. އޭގެ އިތުރުން ދެކުދިން ތަޢުލީމު ޙާޞިލު ކުރީވެސް އެއް ފުރާޅެއްގެ ދަށުންނެވެ. ބައެއްފަހަރު އެއް ކްލާހެއްގައި އުޅުމުގެ ނަޞީބުވެސް ދެކުދިންނަށް ލިބިފައި ވެއެވެ. އަބަދުވެސް ސްކޫލަށް ދަނީ އެކުގައެވެ. ބައެއް ދުވަސް ދުވަހު ދެކުދިން އެއް ގެއެއްގައި އެކުގައި ތައްޔާރުވެގެންވެސް ސްކޫލަށް ގޮސް އުޅުނެވެ. ތަޢުލީމީ ފެންވަރަށް ބެއްޔަސް ދެކުދިން އައީ ދާދި އެއްހަމައެއްގައި ވާދަ ކުރަމުންނެވެ. ޚިޔާލު ތަފާތެވެ. ދެކުދިންނަށް ލިބިފައިވާ ފަންނާއި ހުނަރުވެސް ތަފާތެވެ. އިތުރު ޙަރަކާތުގައި ފާތުން އުޅުނީ ތަންކޮޅެއް ކުރީގައެވެ. ޝަހާއަކީ އދަބިއްޔާތުގެ ރޮނގުން އަރާހުރި ކުއްޖެކެވެ. ޤުދުރަތުން ދެއްވާފައިވާ ސޫރައަށް ބެއްޔަސް އެއްކުއްޖަކު އަނެއް ކުއްޖަކާއި މެދު ޙަސަދެވެރި ވާހާވެސް ދެކުދިންގެ ބުރުސޫރަ ރީއްޗެވެ. އިސްކޮޅަށް ބަލާނަމަ ޝަހާ އިސްކޮޅުން ތަންކޮޅެއް ދިގު ކަމަށް ދައްކައެވެ. އެހެނަސް އެއްކުއްޖަކު އަނެއްޖަކަށް އިހުތިރާމް ކުރުމާއި ހިތްވަރު ދިނުމުގެ ރީތި އާދަ އަބަދުވެސް ދެކުދިންގެ ކިބައިގާ ހުރެއެވެ. އެއްވެސް ކަހަލަ ހަސަދަވެރި ކަމެއް ނެތިއެވެ.  އަދި މިއީ ސްކޫލުގައިވެސް ނަމޫނާ ދެއެކުވެރިންގެ ގޮތުގައި ބަލަމުން އައިސްފައިވާ ދެކުދިންނެވެ. ގްރޭޑް އަށަކާއި ހަމައިން ދެކުދިންގެ ތަޢުލީމީ ޙަޔާތުން ކޮންމެވެސް ވަރެއްގެ ދުރުމިނެއް ގެންނަން ޖެހުނެވެ. ދެކުދިން އިޚްތިޔާރުކުރި ސްޓްރީމް ތަފާތު ވުމުގެ ސަބަބުންނެވެ. ޝަހާ ސައިންސް ސްޓްރީމް ނެގިއިރު ފާތުން އިޚްތިޔާރުކުރީ އާރޓްސް ސްޓްރީމެވެ. އެހެނީ ފާތުންއަކީ އަބަދުވެސް ޤާނޫނީ ދާއިރާއިން ކުރިޔަށް ދިއުމަށް ޝައުގުވެރިކަން ބެހެއްޓި ކުއްޖެކެވެ.

  • ނުނިމޭ

މި ލިޔުމާ ގުޅޭ