ޑިސެމްބަރ 23, 2024 03:57

ޤުރުބާނީ (ހަތަރުވަނަ ބައި)

ޤުރުބާނީ (ދެވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ނޮވެމްބަރ 9, 2024

މަތީ ޘާނަވީ ފުރިހަމަކޮށް، ކާމިޔާބު ކަމާއެކު ސްކޫލް ދައުރު ނިންމާލިއިރު، ޝަހާ ވަނީ ޙަޔާތުގެ ބައިވެރިޔަކަށް ވާނެ ފަރާތެއްވެސް އިޚްތިޔާރު ކުރަން ނިންމާފައެވެ. ޝަހާގެ ހިތް ވަނީ ފެށުނީއްސުރެވެސް އަޙްސަންއަށް ދެވިފައެވެ. އެހެނަސް އަޙްސަންގެ ހިތުގެ މަލިކާއަކީ ފާތުން ކަމެއް ޝަހާއަކަށް ނޭނގެއެވެ. އަދި އެ ޙަޤީޤަތް ޚުދު ފާތުންއަށްވެސް އެނގިފައި ނުވާ ކަހަލައެވެ. އެހެނީ ފާތުން އަބަދުވެސް ދިޔައީ އަޙްސަން އާއި ޝަހާ ގުޅުމަށް ތާއީދުކޮށް  އެކަމަށް އުންމީދު ކުރަމުންނެވެ. ޝަހާ އަދި ފާތުންނަށްވެސް އަޙްސަން އާއި ބައްދަލުވީ މަތީ ޘާނަވީގެ ދުވަސްވަރުގައެވެ. އަޙްސަންއާއި ފާތުން އުޅުނީ އެއް ކްލާހެއްގައެވެ. ކުރިޔަށް ދާން ބޭނުންވަނީވެސް އެއް ދާއިރާއަކުންނެވެ. އަޙްސަންއަކީ، ފުރިހަމަ އިސްކޮޅެއް ހުންނަ، ބާމަތި ފުޅާ، ހަމުގެ ކުލަ އެންމެ ދޮން ނޫނަސް ކަޅޭ ބުނާ ވަރަށް ވުރެ ކުލަ އަލި ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު ފަންކޮށް ހުރުމާއި އެކު، ކަށި ތުނބުޅިއެއްވެސް ހުރެއެވެ. ކިޔެވުމުގައި ހިތްއަލި ވެފައި، އިތުރު ޙަރަކާތުގައިވެސް އަރާހުރި ފަހުލަވާނެކެވެ. ސްކޫލްގެ ގިނަ ދަރިވަރުން އަބަދުވެސް ނަމޫނާއަކަށް ބަލާ ދަރިވަރެކެވެ. ދެޖިންސުގެ ކުދިންވެސް ރައްޓެހިކަން ބާއްވަން ބޭނުންވާ ކުއްޖެކެވެ. ހުރިހާ ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިވާ ކުއްޖެއްވެސް މެއެވެ. އެހެނަސް  ފުރަތަމަ ދުވަހުން ފެށިގެންވެސް އަހްސަންގެ ހިތުން ފާތުންއަށް ޖާގައެއް ދެވިފައި އޮތެވެ. ފާތުންއަށް އެނގުމަކާއިވެސް ނުލައެވެ. އެހެނަސް ޝަހާގެ އިހުސާސްތައް ފާތުންއަށް އިއްވި ދުވަހުން ފެށިގެންވެސް ފާތުން އެކި ގޮތްގޮތުން އެދެމީހުން ގުޅުވައި ދިނުމަށް އެތައް މަސައްކަތެއް ކުރިއެވެ. ފާތުން ތަފާތު ގޮތްގޮތަށް ޝަހާގެ ހިތުގެ އިހުސާސްތައް އަޙްސަންއަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އަޙްސަންއަށް ހީވަމުން ދިޔައީ، އެއީ ފާތުންގެ ހިތުގެ ޙާލު ބަޔާން ކޮށްދިނުން ކަމުގައެވެ.  އެހެންކަމުން އެވާހަކަތައް އަޙްސަންގެ އެންމެ ގާތް އެކުވެރިޔާ، ފައިސަލް ގާތުގައިވެސް ހިއްސާ ކުރިއެވެ. ފައިސަލްވެސް އަޙްސަންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެގަތެވެ. އަދި އަޙްސަންގެ ލޯބި ފާތުންއަށް ހުށައެޅުމަށް ޚިޔާލު ދިނެވެ.

އަޙްސަންގެ ލޯބި ފާތުންގެ ކުރިމަތީގައި ހާމަ ކުރަން އެކި ފަހަރު މަތިން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ. އެހެނަސް ޝަހާގެ ހިތުގައި އަޙްސަންއަށް ޓަކާ އުފެދިފައިވާ ފުން ލޯބި މެދުކެނޑުމެއްނެތި ޝަހާ ދިޔައީ ފާތުންއަށް ކިޔައިދެމުންނެވެ. ފާތުންވެސް ދިޔައީ ޝަހާއަށް ޓަކައި ފޮނިހުވަފެންތަކެއް ދެކެމުންނެވެ. ޝަހާއާއި އަޙްސަން އެކުގައި އުފާވެރި ދިރިއުޅުމެއް ހޭދަ ކުރާތަން ދެކުމުގެ ހުވަފެނެވެ. އެގޮތުގެ މަތިން އަޙްސަންގެ ހިތުގައިވެސް ޖަހަނީ އެއް ވިންދެއް ކަމަށް އޭރު ފާތުންނަށް ހީވާން ފެށި ކަހަލައެވެ. އެހެންވީއިރު އަޙްސަންއާއިމެދު ފާތުންއަށް އެފަދަ ނަޒަރަކުން ދެކެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެންމެ ފަހުންއައިސް އަޙްސަންއަށް ޝަހާގެ އިހުސާސްތައް ހުށައެޅުމަށް ފާތުން ނިންމިއެވެ.

ސްކޫލްގެ ވަދާޢީ ހަފްލާ ބޭއްވި ދުވަހު ފާތުން އަޙްސަންގެ ގާތަށް ދިއުމަށް ނިންމީ ފޮނި އުންމީދަކާއި އެކުގައެވެ. ޝަހާގެ ޙަޔާތް ބާއްޖަވެރި ކޮށްދިނުމުގެ ނިޔަތުގައިވެސް މެއެވެ. ފާތުން އޭނާގެ ”މިޝަން“އަށް ފުރިހަމައަށް ތައްޔާރުވެގެން އަޙްސަންއާއި ދިމާއަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ކުރިމައްޗަށް އައިސް ހުއްޓުނީ ފައިސަލްއެވެ.  ”އަހަރެން ކޮން އިރެއް ފާތުން ހޯދާތާ!“ ދެއަތް މޭކަށިގަނޑާއި ހަމައަށް އުފުލާލުމާއިއެކު ދެއަތަށް ފުރޮޅަލަމުން ފައިސަލް ބުންޏެވެ. ބަލާބެލުމަށް ހީވަނީ ފާތުން ނުފެނިގެން ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރިހެންނެވެ. ”އަހަރެންގެވެސް މޮޔަކަން ދޯ.. މަށަށްވެސް އެނގެން ވާނެ ދޯ އެހެން އެއްވެސް ތާކުން ނުފެނުނަސް ޝަހާ ހުރި ތާކުން ފާތުން ފެންނާނެކަން“ ޗޮކެއް ޖަހާލުމާއި އެކު ފައިސަލް ބުނެލިއެވެ. ”އަނެއްކާ ކިހިނެއްވީ؟ ފައިސަލް ހާދަ ހާސްވެފަ ހުރިހެން ހީވޭ! އަނެއްކާ ތަނެއްގަ ރޯވީތަ؟ މަ މީ ފަޔަރ ބްރިގޭޑެއް ނޫން އިނގޭ ރޯވާހާ ތަނެއް ނިއްވަން ދާކަށް“ ފާތުން ސަމާސާ ރާގަކަށް ބުނެލިއެވެ. ”ތަނެއްގަ ރޯ ނުވިޔަކަސް ހާސްވާން ޖެހޭ ވަރުގެ ކަމަކާ ދިމާވެދާނެތާ ދޯ. ދެން އިތުރަށް ސުވާލު ނުކޮށް މަށާ އެއްކޮން ހިނގާބަލަ،“ ދާންވި ދިމާއައަށް އިޝާރާތް ކޮށްލަމުން ފައިސަލް ބުނެލިއެވެ. އެއާއިއެކު ކުރިއަށް ހިނގައިގަތެވެ. ”އަޅެ، ކޮންތާކަށްތަ؟ ބުނީމަ ދާނީ..“ ތުއްތު ކުއްޖެއް ފަދައިން ބޮޑާ ހާކާލާ ކަހަލަ ރާގަކަށް ފާތުން ބުނެލިއެވެ. ފައިސަލް ކުއްލިއަކަށް ހުއްޓުނެވެ. އަދި ފާތުންއާއި ދިމާއަށް އެނބުރުމާއި އެކު ”ހަމަ ނުދާނަންތަ؟ މަށަށް ޓްރަސްޓް ނުކުރަނީތަ؟ މަ ނޫޅެމޭ ފާތުން ކާލާކަށް“. ސަމާސާ ރާގަކަށް ފައިސަލް ބުނެލިއެވެ. ”ކާނުލިޔަކަސް ތިހެން އައިސް ބުނެލާހާ ފަހަރަކު ވާނުވާ ނޭންގި ހުރެ ނުއެއް ދެވޭނެތާ. ނިކަން ލޮޖިކަލީ ވިސްނާލަބަލަ ފައިސަލް،“ ފައިސަލް ބުނި އެއްޗަކަށް ރައްދު ދިނުމުގެ ގޮތުން ފާތުން ބުނެލިއެވެ. ”ލޮޖިކެއް ނެތަސް މެޖިކެއް ކްރިއޭޓް ވެދާނެ ދޯ. ދިޔައިމަތާ އެނގޭނީ. މަ މިވަރަކަށް މި ކިޔަނީ އަޙްސަން ބުނެގެންނޭ،“ އެވަޤުތު ފާތުންގެ މޫނުމަތިން ފެނުނު އުޖާލާކަން ފައިސަލް ފާހަގަ ކުރިއެވެ. އުންމީދުގެ ހުޅުކޮޅެއް ދިއްލާލި ކަހަލަ އިހުސާސެއް ފައިސަލްއަށް ކުރެވުނެވެ. ”އެންމެ ރަނގަޅު. ދެން ހިނގާބަލަ. ވީގޮތެއް ބަލާލުމަކީ ގޯހެއް ނޫންތާ ދޯ،“ ފާތުންގެ ހިތުގައި އޮތީ ފުރުޞަތުގެ ބޭނުން ކުރުމުގެ ޚިޔާލެވެ. ދަނޑިވަޅު ބަލާފައި ޝަހާގެ ހިތުގެ ޙާލު އަޙްސަންއަށް އިއްވުމެވެ.  އެހެނަސް އެވަޤުތަކީ، އަޙްސަން އޭނާގެ ލޯބި ފާތުންއަށް ހުށައެޅުމަށް ފުރިހަމައަށް ތައްޔާރު ވެގެން ހުރި ވަޤުތު ކަމެއް ފާތުންއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ފާތުން ގޮވައިގެން ފައިސަލް ދިޔައީ ސްކޫލްގެ ހޯލްގެ އުތުރު ކޮޅުގައި ހުރި ބޮޑު މަދޮށިގަސް ކައިރިއަށެވެ. ގަހުގައި އަތް ވިއްދާލައިގެން ޕާރޓީ ކުރިޔަށް ދިޔަ މާޙައުލަށް ފުރަގަސް ދީގެން، ދެފައި ކަތުރު ކޮށްލައިގެން އަޙްސަން ހުރީ އެކަނިމާ އެކަންޏެވެ.  އިއްތިފާގުން ނަމަވެސް ހެދުން އެޅިފައި ހުރީ ފާތުން އެންމެ ގަޔާވާ ގޮތަށެވެ. މަޑު ނޫކުލައިގެ ޖީންސަކާއި ހުދު ގަމީހެކެވެ. ގަމީހުގެ އަތުކުރި ހުރީ އޮޅާލާފައެވެ. ބެގީ ކޮށްލުމުގެ ޚިޔާލު ނެތް ކަހަލައެވެ. އަޙްސަން ފެނިފައި ފާތުންގެ ދެލޯ ކާއްޓެއްހެން ބޮޑުވިއެވެ. ހަމަ އެހާވެސް ސްމާޓެވެ. ޝަހާގެ ޙަޔާތް އާބާދު ކޮށްދިނުމަށް ޓަކައި ފާތުން ކިތަންމެ ވަރަކަށް ވިސްނިޔަސް، ފާތުންގެ ހިތުގައިވެސް އަޙްސަންއަށް ކޮންމެވެސް ކަހަލަ ޤަދަރަކާއި އިހުތިރާމެއް ދެވިފައި އޮވެއެވެ. އެއީ ލޯބީގެ އިހްސާސެއް ކަމެއް ނުވަތަ އިހުލާސްތެރި ރަހުމަތްތެރި ކަމެއް ކަން ޚުދު ފާތުންއަކަށްވެސް ނޭންގެއެވެ. އެނގޭހާވެސް އެއްޗަކީ، އަޙްސަންއާއި ވާހަކަ ދައްކަން ކިތަންމެ އިރެއް ވަންދެން ހުއްޓަސް ފޫހިނުވާ ކަމެވެ. އަޙްސަން ފެންނަ ހިސާބުގައި ހުންނަ ނަމަ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބޭ ކަމެވެ. ކިތަންމެ ބައިބޯ މާޙައުލަކުން އަޙްސަން ފެނުނު ކަމުގައި ވީނަމަވެސް އެހުރިހާ އެންމެން އެއްފަހަރާ ފަނޑުވެ ހަމަ އެކަނި އަޙްސަން ކުލަގަދަކޮށް ފެންނަން ހުންނަ ކަމެވެ. މިވަޤުތު އަޙްސަން ކުރިމައްޗަށް ގޮސް ހުއްޓުނުއިރު އޭނާ އެކަނި ހުރި ނަމަވެސް އެނޫން ދިމާއަކަށް ފާތުންއަކަށް ނުބެލެއެވެ. ”މިހުރީ ތި ނުފެނިގެން އުޅޭ ފާތުން“ ފައިސަލް އެހެން ބުނެލުމާއި އެކު ފާތުން ސިއްސައިގެން ގޮސް ފައިސަލްއާއި ދިމާއަށް ބަލާލިއެވެ. އެވަޤުތު އަޙްސަންވެސް އެމީހުންނާއި ދިމާއަށް އެނބުރިލިއެވެ. ”ދެން ތި ކިޔާ އެއްޗެއް ކިޔާ ބަލަ. މަ މިދަނީ ކޯކް ތައްޓަކާ ދިމާއަށް. ވަރަށް ފެން ބޮވާފަ މިހުރީ. ފާތުން ހޯދަން ދުވެ ދުވެ ވަރުބަލިވެސް ވެއްޖެ،“ އެތަނުން ދުރަށް ދިއުމުގެ ބަހަނާއެއް ދެއްކުމުގެ ގޮތުން ފައިސަލް ބުނެލިއެވެ. އަދި އެހެން ބުނުމާއިއެކު ޕާރޓީގައި ތިބި އެހެން ބައިވެރިންނާއި ދިމާއަށް ފައިސަލް ހިނގައިގަތެވެ.

ފައިސަލް ދިއުމުން ފާތުންއާއި ދިމާއަށް އަޙްސަން ބަލާލުމާއިއެކު ޙާލު އަހާލިއެވެ. ރަނގަޅޭ ބުނުމާއިއެކު އިޚްތިޔާރަކާއި ނުލާ، ލަދުވެތި ގޮތަކަށް އިސް ޖަހާލެވުނެވެ. ކަނާއަތުގެ އިނގިލިތަކުން ވައަތުގެ ކުޑަވާ އިގިއްޔަށް ފިތާލަފިތާލާ ފާތުންއަށް ހުރެވުނެވެ. އޭނާ އެތަނަށް އައީ ކޮން މަޤްޞަދެއްގައި ކަންވެސް ފާތުން ހަނދާން ނެތުނު ކަހަލައެވެ. ”ކޯޗެއް ތި ވިސްނަނީ؟“ ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލުމުގެ ގޮތުން އަޙްސަން ސުވާލު ކޮށްލިއެވެ. އަދި ފާތުން ލާފައި ހުރި ކަޅު ކުލައިގެ ހެދުމުގައި ހަރުކޮށްފައި ހުރި ވިދުން އަރާ މިނާފުށްތަކަށް އަޙްސަން ބަލައިލިއެވެ. ޕާރޓީ ތެރޭގައި އެހެން ހުރިހާ ކުދިން ޖަހަމުން ދިޔަ ސަކަރާތުގެ އަޑު ދުރުން އިވުނަސް އެއީ އަޙްސަންއަށްވެސް އަދި ފާތުންއަށްވެސް އެއިން އެއްވެސް އަސަރެއް ކުރުވި އަޑަކަށް ނުވިއެވެ. ދިއްލާފައިވާ ބޮކިތަކުގެ އަލި ދެކުދިން ހުރި ހިސާބަށް މާރަޅަކަށް ނުފޯރައެވެ. އެހެންނަމަވެސް އެރޭގެ ފުރިހަމަ ހަނދުވަރުގެ އަލި އެންމެ ރަނގަޅަށް އެގަސްދަށަށް ފޯރަމުން ދިޔައެވެ. އެހެންކަމުން ދެކުދިންނަށް އެކަކު އަނެކަކުގެ މޫނުމައްޗަށް ވެރިވަމުންދާ ކުލަވަރާއި ޝުޢޫރު ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ. ”މާބޮޑު އެއްޗެއް ނުވިސްނަން. އެކަމަކު އަޙްސަން އަހަރެން މިތަނަށް ތި ގެނައީ ކީއްވެގެންތޯ ބަލާލަން ވަރަށް ބޭނުން،“ އިސް އުފުލާލަމުން ފާތުން ބުނެލިއެވެ. ”ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން. ހުށައެޅުމެކޭ ހީކުރިޔަސް އެންމެ ރަނގަޅު،“  އަޙްސަންގެ އެ ޖުމުލަ އަޑު އިވުމާއިއެކު ފާތުންއަށް އޭނާ މިތަނަށް އައި މަޤްޞަދު ކުއްލިޔަކަށް ހަނދާން ވެއްޖެއެވެ. އަދި ވަރަށް އުފަލުން ހުރެ ”މަވެސް އަހްސަން ކައިރިގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް،“ ފާތުން އުފަލުން ގޮސް ކޮންމެވެސް ވަރަށް ފުންމާވެސް ލިއެވެ. ކުޑަކުއްޖެއް ފަދައިންނެވެ. ”އެހެން ވިއްޔާ ފާތުން ތިބުނަން އުޅޭ ވާހަކައެއް ބުނީމަ އަހަރެން ބުނަން ބޭނުންވާ ވާހަކަ ބުނާނީ. އަޅެ ބުނެބަލަ. ކީކޭތަ ބުނަން ތިއުޅެނީ. ހީވަނީ ވަރަށް އުފާވެރި ޚަބަރެއް ދޭން އުޅޭހެން. އެހެންވީމަތާ ވާހަކަ ނުބުނެވެނީސް ވެސް ތިހާ އުފާވާނީ،“ ފާތުންގެ ވާހަކަ ބުނުމަށް ފުރުޞަތު ދެމުން އަޙްސަން ބުނެލިއެވެ. ”ހަމަ ބުނަންވީތަ؟ އެކަމަކު މިއީ މަގޭ ވާހަކައެއް ނޫން އިނގޭ. ހީކޮށްލާ މިއީ ކުއްޖަކު އަހަރެންނާ ހަވާލުކޮށްފަ އޮތް އަމާނާތެއްކަމަށް،“ ހިތް އަވަސްވެފައި ހުރި ފާތުން ބުނެލިއެވެ. ”ނަސީބެއްނު ފާތުންއަށް ފުރަތަމަ ފުރުޞަތު ދެވުނުކަން. އެހެން ނޫންނަމަ ތި އަމާނާތް އޭގެ ވެރި ފަރާތަށް ރައްދު ކުރަން އިތުރު ވަޤުތު ނަގަން ޖެހުނިސް ވިއްޔަ ދޯ،“ ސަމާސާ ކޮށްލުމުގެ ގޮތުން އަޙްސަން ބުނެލިއެވެ.

– ނުނިމޭ –

 

މި ލިޔުމާ ގުޅޭ