ޑިސެމްބަރ 22, 2024 22:50

ހުކުރު ނަމާދަކީ ޤިޔާމަތް ދުވަސް ހަނދާންކޮށްދޭ ރިހާސަލްއެއް

އަޙްމަދު ފަޔާޟު ޙަސަން
ނޮވެމްބަރ 15, 2024

ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (4)

ސޫރަތުލް ޖުމުޢާގެ ދެވަނަ އާޔަތުގައި ކީރިތި ޤުރްއާން ބަޔާންކޮށްދެއްވާފައިވަނީ ދެ ބަހަކުންނެވެ. ފުރަތަމަ އާޔާތުގެ ގޮތުގައެވެ. އެއަށްފަހު ކިތާބުގެ ގޮތުގައެވެ. މިގޮތަށް ދެ ބަހެއް ބާވައިލެއްވުމުން ލިބިގަނެވޭ މެސެޖުތައް ގިނައެވެ. ކިތާބު އަދި ޙިކުމަތް މިދެބަހުގެ މާނައަށް ބަލަމާ ހިނގާށެވެ. މިއާޔަތުގައި ލަފުޒީގޮތުން ކިތާބުގެ މާނަޔަކީ ފޮތް ކިޔަވައިދޭ ވާހަކައެވެ. ﷲ ގެ ކޮންމެ ނިންމެވުމަކީ ނުވަތަ އިރާދަފުޅަކީ ނުވަތަ އަމުރުފުޅަކީ ކިތާބުއެވެ. ކިތާބުގެ އެއް މާނައަކީ ޤާނޫނު ނުވަތަ ޝަރީޢަތެވެ. އެހެންކަމުން ރަސޫލުﷲ މިކިޔަވައިދެއްވަނީ ﷲ ގެ ޤާނޫނުއެވެ.

އިންސާނުންގެ ދުނިޔަވީ ހަޔާތަށް ބަލާއިރު އެމީހުން ގާނޫނު ހަދައެވެ. އެމީހުން އެކުލަވާލާ ކޮންމެ ގާނޫނެއްގައި މައިގަނޑު ދެ ކަމެއް ހިމެނެއެވެ. އެއީ ގާނޫނުގައި ސާފުބަހުން ބަޔާންކުރާ ވާހަކައެވެ. އިނގިރޭސި ބަހުން ނަމަ ލެޓަރ އޮފް ލޯ އެވެ. ގާނޫނުގައި ހިމެނޭ ދެވަނަ ބަޔަކީ ގާނޫނުގެ ރޫހުއެވެ. އެއީ އިނގިރޭސި ބަހުން ނަމަ ސްޕިރިޓް އޮފް ލޯ އެވެ. ކިތާބަކީ ބަޔާންކުރެވުނު ފުރަތަމަ ބައެވެ. ހިކުމަތަކީ ދެވަނަ ބައި ކަމުގައިވާ ރޫހްއެވެ. ޝާފިޢީގެ ފާނު ބަޔާންކުރެއްވި ގޮތުގައި ކިތާބަކީ ޤުރްއާންއެވެ. ހިކުމަތަކީ ރަސޫލުﷲ ގެ ސުންނަތެވެ. މިއިން ދޭހަވާ އެއް މާނަޔަކީ ޤުރްއާން ތިއަރީއަށް ވުމާއި ސުންނަތް އަމަލީބަޔަށް ވުމެވެ.

ކީރިތި ޤުރްއާނުގައި ޙިކުމަތުގެ ވާހަކަ ﷲ ވަރަށްގިނައިން ބަޔާންކުރައްވައެވެ. ކުރީގެ ނަބިއްޔުންނާއި ރަސޫލުންނަށް ހިކުމަތް ދެއްވިކަމަށް ޤުރްއާން އަންގައެވެ. އަދި އެނޫން ފަރާތްތަކަށްވެސް ﷲ ހިކުމަތްދެއްވިކަން ޤުރްއާނުން އެނގެއެވެ. ބާވައިލެއްވި ފޮތްތަކަށް ނަޒަރު ހިންގާއިރު ތައުރާތަކީ ޝަރީޢަތާއި ޤާނޫނުއެވެ. އެކަމަކު އިންޖީލަކީ ހިކުމަތެވެ. ޙިކުމަތަކީ އޭގައި ގިނަގުނަ މާނަ އެކުލެވޭ ބަހެކެވެ.

ފުރަތަމަ އާޔަތުގައި ﷲ، އެ އިލާހުގެ ހަތަރު ނަންފުޅު ބަޔާންކުރައްވައެވެ. އެ ނަންފުޅުތަކާ ދެވަނަ އާޔަތް ފިސާރި މޮޅަށް ގުޅުވައިލެވެއެވެ. ރަސޫލުﷲ ކިޔަވައިދެއްވަނީ އަލްމަލިކު ނުވަތަ މާތްރަސްކަލާނގެ އާޔަތްތަކެވެ. އެކަލޭގެފާނު މީސްތަކުން ޠޯހިރުކުރައްވާއިރު ﷲ އަކީ އަލްޤުއްދޫސް ނުވަތަ އެންމެ ޠޯހިރުވަންތަ އިލާހުއެވެ. ރަސޫލުﷲ މީސްތަކުންނަށް ފޮތް ކިޔަވައިދެއްވާއިރު ފޮތް ބާވައިލައްވަނީ އަލްޢަޒީޒްއެވެ. އެކަލޭގެފާނު މީސްތަކުންނަށް ހިކުމަތް ކިޔަވައިދެއްވާއިރު ﷲ އަކީ އަލްޙަކީމްއެވެ. ހިކުމަތް ދެއްވަނީ ޙަކީމްވަންތަ ﷲ އެވެ. ޙިކުމަތުގެ އެއް މާނަޔަކީ އަޚުލާގާއި ސުލޫކުއެވެ.

މި އާޔަތް ނިންމަވަމުން ﷲ އަންގަވަނީ މައްކާގެ އަހުލުވެރިން ކުރިން ތިބި ހާލަތެވެ. އެމީހުން އޭރު ތިބީ ބޮޑުވެގެންވާ ގެއްލުމެއްގައެވެ. ޟަލާލް  ޔަޢުނީ ގެއްލުން ނުވަތަ ގެއްލެނިކުރެއްވުން މިބަހަށް ބަލައިލަން ހިނގާށެވެ. އައްޟަލަލް މިބަހުގެ މާނަޔަކީ ފެނެވެ. މިއީ ބޮޑެތި ގަލުގެ އެތެރޭގައި ހުންނަ ފެނެވެ. އެހެންކަމުން އެއީ ގެއްލިފައިވާ ނުވަތަ ގެއްލުމުގައި ހުންނަ ފެނެވެ. އައްޟުލާޟިލްއަކީ ވާދީތަކުގެ އެންމެ އަޑީގައި ހުންނަ ގަލެވެ. މިއީ ގެއްލުމުގައިވާ ގަލެވެ. އަދި މިގަލަކީ މީހުންނަށް ނަގައި އެއިން ބޭނުންކުރެވޭވަރަށްވުރެ ފުނުގައި ހުންނަ ގަލެވެ. ޟައްލަގެ އެއް މާނަޔަކީ ފޮރުވިފައިވައިނުވަތަ ގެއްލިފައިވުމެވެ. އަދި އެ އެއްޗަކުން ބޭނުމެއް ނުހިފޭނަމަ އެ އެއްޗެއްވެސް ޟަލާލްއަށް ވެއެވެ. ޟަލާލުގެ އަނެއް މާނަޔަކީ އެކި ބާވަތްތައް އެކުވެ ގަޑުބަޑުވުމެވެ.

ގަދީމީ އަރަބީން ސަހަރާގައި ދަތުރުކުރަން ބޭނުންކުރީ ޖަމަލެވެ. ހިރަފުހާއި ވިއްސާރައިގެ ތޫފާންތަކުގައި ދަތުކުރުކުރާއިރު އޮޅިގެންވެސް ޖަމަލަކަށް އެސޮރުގެ ބައިގަނޑާއި ވަކިވެވިއްޖެނަމަ އެސޮރަށް މިސްރާބު ގެއްލެއެވެ. އެފަދަ ހާލަތުގައި އެސޮރު ގެއްލުމަކީ ނުވަތަ ގެއްލިމަރުވުމަކީ އެކަން ހިނގާގޮތެވެ. އެހެންކަމުން ޟަލާލް ގުޅިފައިވާ އެއް ބަހަކީ ގެއްލެނިވެގެންދާ ޖަމަލެވެ.

މިއާޔަތުން އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް ހަނދާން ކޮށްދެއެވެ. އެއީ މި އާޔަތް ބާވައިލެއްވުމުގެ އެތައް ސަތޭކަ އަހަރު ކުރިން އިބުރާހީމް ޢަލައިހިއްސަލާމާއި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ކުރެއްވި ދުޢާއެވެ. މިދުޢާ ބަޤަރާ ސޫރަތުގެ 129 އާޔަތުގައި ﷲ ބަޔާންކުރައްވައެވެ. މިއާޔަތުގައި ހުރި ވާހަކަތައް ބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުގައިވެސް ﷲ ބަޔާންކުރައްވައެވެ. ހަމައެގޮތަށް އާލުޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތަކީވެސް މިއާޔަތާ ގުޅިލާމެހިފައިވާ އާޔަތެކެވެ. އެހެންކަމުން ކިޔުންތެރިން މިއާޔަތްތަކަށް ނަޒަރު ހިންގުމަކީ ބޭނުންތެރި ކަމެކެވެ.

ސޫރަތުލް ޖުމުޢާގެ ތިންވަނަ އާޔަތަށް ނަޒަރު ހިންގަމާ ހިނގާށެވެ. މިއާޔަތުގެ މާނަޔަކީ ’އަދި (އެކަލޭގެފާނު ފޮނުއްވީ) އެމީހުންގެ ތެރެއިން އެހެން ބައެއްގެ ގާތަށްވެސްމެއެވެ. އެމީހުންނަކީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބައެކެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ.‘ މިއާޔަތުން އަންގައިދެނީ ރަސޫލުﷲ ފޮނުއްވީ ހަމައެކަނި އަރަބީންގެ ގާތަށް ނޫންކަމެވެ. އެކަލޭގެފާނު ފޮނުއްވީ މުޅިން ޢާލަމްތަކަށްކަން މި އާޔަތުން އެނގެއެވެ. އެއީ ފާރިސީންނާއި ރޫމީންނާއި ޙަބުޝީންނާއި ހިންދުކަރައިގެ މީހުންނާއި ސީނުކަރައިގެ މީހުންނަށްވެސް މެއެވެ. އަދި ދުނިޔޭގައިވާ އެންމެހައި އިންސާނުންނަށްވެސް މެއެވެ. މިއާޔަތުން އަންގައިދެނީ ކުރިމަގުގައި ދުނިޔޭގެ އެތަން މިތަނުން މީހުން އިސްލާމް ދީނަށް ވަންނާނެކަމެވެ.

އަލްޙިޤު މިނައް ޘިމާރު މިބަހުގެ މާނަޔަކީ ގަހުގައި ދެން އަޅާ ނުވަތަ އަންނަ މޫސުމުގައި ނިކުންނަ މޭވާއެވެ. ރަސޫލުﷲ ގެނެސްދެއްވި ގަހުގެ ފުރަތަމަ މޭވާ އަކީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. ފަހުން އެގަހުގެ މޭވާއަށް ވީ އިސްލާމް ދީނަށް ފަހުން ވަން މީހުންނެވެ. އަދި މިހާރުވެސް އެކަލޭގެފާނު އިންދެވި ގަހުގައި ދަނީ މޭވާ އަޅަމުންނެވެ. ދުނިޔެ ގިޔާމަތަށް ދާދެން އެ ދީނަށް މީހުން ވަންނާނެއެވެ. އަދި ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އެ ދީނަށް މީހުން ވަންނާނެއެވެ. އެތަން މިއަދު އަޅުގަނޑުމެންނަށް ފެނެއެވެ. ދުނިޔޭގެ ހުރިހާ ބިތެއްގައި ނުވަތަ ހުރިހާ ދިމާއެއްގައި މުސްލިމުން އުޅެއެވެ. މުސްލިމުން ނޫޅޭ ގައުމެއް ދުނިޔޭގައި ނުވެޔޭ ބުނުމަކީ ދޮގެއްނޫނެވެ.

ތިރީގައިވަނީ ސޫރަތުލް ޖުމުޢާގެ ހަތަރުވަނަ އާޔަތެވެ. ’އެއީ ﷲ ގެ ފަޟުލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި ﷲ އީ، ބޮޑުވެގެންވާ ފަޟުލުވަންތަކަމުގެ ވެރި ރަސްކަލާނގެއެވެ. ފަޟުލުގެ އެއް މާނަޔަކީ ހެދުމުގައި ދިގުވެފައި ހުންނަ ބައެވެ. ފަވާޟިލުލް މާލްއަކީ މުދަލުން ލިބޭ ފައިދާ އެވެ. ބޯނަސް އަކީ ފަޟުލުގެ ވައްތަރެކެވެ. ފަޟުލުގެ އެއް މާނަޔަކީ އަނެކުންނަށްވުރެ ބޮޑަށް މީހަކަށް ނުވަތަ ބަޔަކަށް ދެވޭ ހެޔޮކަމާއި މަންފާއެވެ.

މިއިން އަންގައިދެނީ ކީރިތި ރަސޫލުﷲ އާއި ކީރިތި ޤުރްއާނަކީ އެހެން އެއްވެސް މީހަކަށް ނުވަތަ އެހެން އެއްވެސް ބަޔަކަށް ނުވަތަ ގައުމަކަށް ﷲ ނުދެއްވާވަރުގެ ބޮޑު ނިޢުމަތެއްކަމެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ފޮތް އެހެން ހުރިހާ މީހުންނާއި ފޮތްތަކަށްވުރެ މަތީގައި ﷲ ލެއްވިއެވެ.

ނުނިމޭ

ފަޔާޒަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރުމަށް ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.

 

މި ލިޔުމާ ގުޅޭ